ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން އަތޮޅުތެރޭގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދާ ކެމްޕެއިންގެ ހަރަކާތްތައް ހުއްޓާލަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދިޔުމާއި، މި ވައިރަހުގެ ބިރު ރާއްޖެއަށްވެސް އޮތުމުގެ ސަބަބުން ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެޕާޓިން އަތޮޅުތެރޭގައި ކުރިއަށްގެންދާ ކެމްޕެއިންގެ ހަރަކާތްތައް ހުއްޓާލުމަށްފަހު އަނބުރާ މާލެ އައުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިފަދަ ނިންމުމެއް ނިންމާފައިވަނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި، ގެއްލުން ބޮޑުވާނެތީކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ. އަދި ޕީޕީއެމްއަކީ އަބަަދުވެސް ގައުމުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭނެ ޕާޓީއެއްކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަަމަށްވެސް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ކޮވިޑް-19 އާއިގުޅިގެން ރައްޔިތުންގެ ސަލާމަތަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަަޅެއް އެޅުމަށާއި، ބައްޔާގުޅޭގޮތުން ސަރުކާރުން ހާމަކުރަންޖެހޭ އެއްވެސް މައުލޫމާތެއް ސިއްރުނުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ އެއްވެސް މީހަކު ނެތް ނަމަވެސް މި ވައިރަސް ހުރިކަމަށް ޝައްކު ކުރެވިގެން ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި މުޅިއެކު 8 މީހަކު މިހާރު ވަނީ ކަރަންޓީން ކުރެވިފައެވެ. އެއީ ދެ ދިވެހިންނާއި، ފަސް ފަތުރުވެރިން އަދި އެއް ޑޮކްޓަރެކެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ ތިން ރަށަކުން މިހާރު ވަނީ ލަފައި ފުރުން މަނާކޮށްފައެވެ. އެއީ ދެ ރިސޯޓަކާއި މީހުން ދިރިއުޅޭ އެއް ރަށެވެ.