ވެރިކަމާ ހަވާލުވެވަޑައިގެން ވެރިކަމުގެ ކަންކަމުގައި އެއްބައިވެ ކޯލިޝަނަކަށް ވުމަށް އެމްޑީޕީއަށް ދައުވަތު ދެއްވިކަމަށް ކުރީގެ ރަައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވައި އަދި އޭގެފަހުން 2012 ވަނަ އަހަރު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ވީޓީވީގެ ގޮނޑިކޮޅު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ މުހައްމަދު ވަހީދު ހަސައިން މަނިކު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައި ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެން ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ފުރަތަމަ ކަމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަަށް އެޅުވުން ކަމަށެވެ.

ޑރ ވަހީދު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެން މަސައްކަތް ކުރެއްވިއިރު ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ.

އެގޮތުން އެމަނިކުފާނަކީ ބޮޑު ސިޔާސީ ޕާޓީއެއް އޮތް ބޭފުޅެއް ނޫންކަމުން ވެރިކަމުގައި ދެމިހުންނަވަން ޖެހިވަޑައިގަތީ އެހެން ޕާޓީތަކުގެ ބާރުގައި ކަމަށް ވިދާޅުވިއެވެ. ނާއިބުރައީސްގެ މަގާމަށް ހޮވިވަޑައިގަތީ އެމްޑީޕީއާއެކު ކަމުގައިވީނަމަވެސް ކަންތައް ދިމާވިގޮތުން އެމްޑީޕީވެސް ނިކުތީ އެމަނިކުފާނާ ދެކޮޅަށް ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އެމްޑީޕީއަށްވެސް ވެރިކަމާ ގުޅުމަށް ދައުވަތު ދެއްވި ކަމަށާއި ވަރަށް ގިނަ ދުވަސް ވަންދެން އެމްޑީޕީއަށް ބައެއް ވަޒީރުންގެ މަގާމުތައް ހުސްކޮށްގެންވެސް ހުންނެވި ކަމަށާއި، އެހެންނަމަވެސް އެމްޑީޕީން ދައުވަތު ގަބޫލުނުކުރި ކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑަކީ ބޮޑު ޕާޓީއެއް އޮންނަ މީހަކަށްނުވާތީ އެހެނިހެން ޕާޓީތަކުގެ ސަޕޯޓުގަ އަޅުގަނޑު ހުންނަން ޖެހުނީ. އަޅުގަނޑާ ދެކޮޅަށް އެމްޑީޕީން ނިކުތުމުން އެމްޑީޕީއަށް ރިލައި ކުރެވޭނެ ގޮތެއް އޭރުގަ އަޅުގަނޑުގެ ނެތް އެހެންނަމަވެސް އަޅުގަނޑު ދައުވަތު ދިނިން އެމްޑީޕީއަށްވެސް ސަރުކާރުގަ ބައިވެރިވާން އަދި ވަރަށް ގިނަ ދުވަސްވަންދެން ފައިނޭންސް މިނިސްޓަރުގެ މަގާމާއި ފިޝަރިސް މިނިސްޓަރުގެ މަގާމާއި މިހެން ދެތިން މަގާމެއް ހުސްކޮށްގެން ހުރިން. އެހެންނަމަވެސް އެކަން ވާ ގޮތެއް ނުވި
ޑރ ވަހީދު

ޑރ ވަހީދު ވިދާޅުވީ ސިޔާސީ މަސްރަހު އޮތްގޮތުން މަސައްކަތްކުރަން ޖެހިވަޑައިގެންނެވީ ވަރަށް އެހެންކަހަލަ ހާލަތެއްގައި ކަމަށެވެ.

ރައީސްގެ މަގާމުގައި ހުންނަވައިގެން ބާރު ވަރުގަދަކުރައްވަން މަސައްކަތްކުރާކަށް އޭރުގެ ހާލަތު ތަންނުދޭ ކަމަށާއި، ވެރިކަން ފެށިގެން އައީ ކޯޅިޝަނަކުން ކަމަށްވާއިރު، ކޯލިޝަނުގެ ކޮންމެ ބޭފުޅެއްގެވެސް އުންމިދުތަކެއް އޮންނާނެ ކަމަށާއި، އެ އުންމީދުތަކަށް ފަސްއަޅަން ފަށައިފިނަމަ ވެރިކަން ނުހިންގޭނެ ކަމަށް ވިދާޅުވިއެވެ.

ވިސްނުން ބެހެއްޓެވީ ހުރި ހާލަތުގެ ގޮތުން ކޯލިޝަން ރޫޅުނަނުދީ ދެމެހެއްޓުމަށް ކަމަށާއި ކެބިނެޓުގައިވެސް އަމިއްލަ ޕާޓީގެ ބޭފުޅަކު ނުހިމެނުއްވީ އެ ސަބަބަށްޓަކާ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. އަދި މަސައްކަތްކުރެއްވީ ވީހާވެސް ބޮޑަށް ހަމަޖެހުން ގެނެވޭތޯ ކަމަށް ވިދާޅުވިއެވެ.

ޑރ ވަހިދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން އެދަނޑިވަޅުގައި ކަންކަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެންނެވި ކަމުގައިވީނަމަވެސް މަސައްކަތް ކުރެއްވީ އެންމެ ރަނގަޅަކަށް ސަރުކާރުގެ ކަންކަން ބަލަހައްޓައި ކުރިއަށްގެންދެވޭތޯ ކަމަށެވެ.

އެގޮތުން ބެއްލެވީ ކުރިންވެސް ފަށާފައިހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށާއި އެގޮތުގެމަތިން ބޯހިވާހިކަމުގެ މަޝްރޫއުތައްވެސް ކުރިއަށްގެންގޮސް 1000 ފްލެޓުގެ މަޝްރޫއުވެސް ނިންމައި ފްލެޓުތައް ހަވާލުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

އަދި އޭރު ރާވާފައި އޮތް 1500 ހައުސިންގ ޔުނިޓްގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދައިގެން އެ މަސައްކަތްވެސް ކުރައްވާފައިވާނެ ކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

މީގެއިތުރަށް، މާލޭގައި ކުދިކުދި ތަންކޮޅުތަކުގައި ތިބި މީހުންގެ ބިންތައް ނަގައި ބަދަލުގައި ހުޅުމާލެއިން ބޯހިޔާވަހިކަން ދިނުމަކީވެސް ރައީސް ނަޝީދުގެ ނިންމެވުމެއް ކަމަށާއި އެ ނިންމެވުންވެސް ތަންފީޒުކުރައްވާފައި ވާނެކަން ޑރ ވަހީދު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ބަންޑާރަ ނާއިބާއި އޭރު ލަފާދޭންތިބި ބައެއް ގާނޫނީ ވަކީލުންގެ އިތުރަށް ރައްޔިތުންގެ މަޖިލީހުންވެސް ދެކޮޅުހެދުމާ ގުޅިގެން ހުއްޓާލަން ޖެހުނު ބައެއް މަޝްރޫއުތައް ހުރިކަންވެސް ޑރ ވަހީދު ފާހަގަކުރެއްވިއެވެ.