ޖުމްހޫރީ ޕާޓީން މިމަހުގެ 13 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ބޮޑު ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން ހޮނިހިރުދުވަހު ބޭއްވި ކުއްލި ނޫސް ކޮންފަރެންސެއްގައި، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ޖޭޕީން އެކުލަވާލާފައިވާ ޓާސްކްފޯހުގެ ފަރާތުން މައުލޫމާތު ދެއްވަމުން، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަބަދުވެސް ވިސްނުންފުޅު ގެންގުޅުއްވަނީ ގައުމުގެ ހާލަތަށް އެންމެ ރަގަޅުގޮތަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ނިންމަވައިފައިވަނީ މިހާރު މުޅިދުނިޔެއަށް އޮތް ކޮރޯނާ ވައިރަހުގެ ނުރައްކަލުގެ އަސަރު ރާއްޖެއަށްވެސް އޮތުމާއި އެކު މިވަގުތަށް ގިނަބަޔަކު އެއްވެއުޅުން މަޑުޖައްސައިލައިފައި އޮތުން ރައްކާތެރިކަމަށް ދެކިވަޑައިގަންނަވާތީ ޖަލްސާ ފަސްކުރުން ކަމަށެވެ.

ޖުމްހޫރީ ޕާރޓީގެ ބަޔާން

ޕާޓީގެ ލީޑަރުގެ ނިންމެވުން ހާމަކޮށް ޖޭޕީން ނެރެފައިވާ ނޫސްބަޔާން ނޫސްވެރިންގެ މި ބައްދަލުވުމުގައި ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ.

މިދުވަސްވަރު މުޅިދުނިޔެއަށް ކުރިމަތިވެގެންއުޅޭ ކޮރޯނާ ވައިރަސް، ކޮވިޑް 19އިގެ އަސަރު ދިވެހި ރާއްޖެއަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރީން އެމީހުންގެ ޤައުމަށް އެނބުރި ދިޔަފހުން ފެނިފައިވުމުން، އެ ވައިރަސްގެ ނުިރައްކާތެރިކަން ދިވެހި ރާއްޖެއަށާ ދިވެހީންނަށްވެސް ފޯރަފާނެކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އޭގެ ޒާތުގައި އެހާ ރައްކާތެރިކަމެއް ކަމުގައި މި ޕާރޓީން ނުދެކޭތީވެ، މިފަދަ ޙާލަތްތަކުގައި އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާއަށްވުރެ ބޮޑަށް ދިވެހީންގެ ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާ ރައްކާތެރިކަމާ ސަލާމަތަށް އިސްކަން ދޭތީ ކޮންމެ ފަރުދެއްގެވެސް އެންމެ އިސް ޒިންމާއަކަށް ހަދންޖެހިފައިވާ މި ދަނޑިވަޅުގައި ދީނާއި ޤައުމުގެ ދިފާޢިުގައި މި ނަމުގައި މި މަހުގެ 13 ވާ ހުކުރުދުވަހު އަލިމަސްކާނިވާ ސަރަޙައްދުގައި މި ޕާރޓީން ބާއްވަން ރާވައިފައިވާ ޢާންމު ޖަލްސާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ޕާރޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ނިންމަވައިފިއެވެ."
އަޙުމަދު ނިހާން: ޖޭޕީ ޓާސްކްފޯރސް

ނިހާން ވިދާޅުވީ ލީޑަރުގެ މި ނިންމެވުމަކީ ޕާޓީގެ ކައުންސިލާއި ޕާޓީގެ އިސް ފަރާތްތައް އަދި ލީޑަރޝިޕުން ޤަބޫލުކޮށް ފުރިހަމައަށް ތާއީދު ކޮށްފައިވާ ނިންމެވުމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބަކީ މިވަގުތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތާއި ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅި ލާމެހިފައިވުން ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީން ނިންމީ ވަކި މުއްދަތެއްނެތް ގޮތަށް ޖަލްސާ ފަސްކުރުމަށް ކަމަށެވެ. އެހެންނަމަވެސް ޤައުމުގެ ޙާލަތު މިއަށްވުރެ ދުޅަހެޔޮ ވަގުތަކަށް ދިއުމުން ޖަލްސާ ބޭއްވޭނެ ކަމުގެ އިތުބާރު ލިބުނުހާ އަވަހަކަށް އެ ޖަލްސާ ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ކޮވިޑް 19 ކޮރޯނާ ވައިރަސްގެ އަސަރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިދަނީ ބާރު ސްޕީޑްގަ ފެތުރެމުން. ރާއްޖެކަހަލަ ކުޑަ ޖަޒީރާ ޤައުމެއްގަ ގާތްގަނޑަކަށް މުޅި ޤައުމުގެ ޞިނާޢަތުގެ ބޮޑުބައެއް ފަތުރުވެރިކަމަށް ނިސްބަތްވެފަ އޮންނަ މި ޤައުމަށް ޚާއްޞަކޮށް ރިސޯރޓުތަކަށް އަންނަ ފަތުރުވެރީންގެ ކިބައި ނުވަތަ ފަތުރުވެރީންގެ ތެރެއިން ވައިރަސް ފެނިއްޖެނަމަ ނުވަތަ ވައިރަސްއާ ގުޅުންހުރި ޢަމަލެއް ފެނިއްޖެނަމަ ދެން ޢަމަލުކުރެވިގެންދާނެ ގޮތަކާއިމެދު މުޅި ޤައުމު ކަންބޮޑުވުން އިންތިހާއަށް އޮންނާނެ. މިފަދަ ދަނޑިވަޅެއްގަ އަޅުގަނޑުމެން ސިޔާސީ މަންފާއާއި ސިޔާސީ ފައިދާއަށްތަކައި ކުރަންޖެހޭ މަސައްކަތަކަށްވުރެ މުޅި ޤައުމުގެ ނިސްބަތުން މުޅި ޤައުމަށްޓަކައި ކޮށްދޭންޖެހޭ ކަންތައް މާގިނަވާނެކަން އަޅުގަނޑުމެންގެ އެންމެހާ ބޭފުޅުންމެ ޤަބޫލު ކުރައްވާ."
އަޙުމަދު ނިހާން: ޖޭޕީ ޓާސްކްފޯރސް

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ޢާރިފް ވިދާޅުވީ މި ދުވަސްވަރަކީ ސިޔާސީ ޙަރަކާތްތަކެއް ހިންގަންވެސް ޖެހިފައިވާ ދުވަސްވަރެއް ކަމަށެވެ. އަދި އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވަމުން އަންނާތީ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިވަގުތުގެ ޞިއްޙީ ރައްކާތެރިކަމަކީ ކޮންމެ ފަރުދަކުވެސް އަދާކުރަން ޖެހިފައިވާ ޒިންމާއަކަށް ވާތީ ޖުމްހޫރީ ޕާޓީން އެޕާޓީގެ ޒިންމާ އަދާކުރާނެ ކަމަށެވެ. އަދި މިއީ ޤައުމީ މައްސަލައަކަށްވާތީ ކޮންމެހެން ކުރަންޖެހޭ ކަންކަން ޖުމްހޫރީ ޕާޓީން ކުރާނެ ކަމަށެވެ.

މިއަންނަ ހަފްތާގަ ނުވަތަ 13 ވާ ހުކުރުދުވަހު އަޅުގަނޑުމެން ބާއްވަން ރާވާފަ އޮތް ޖަލްސާއަކީވެސް ހަމަ އަދުގެ ޙާލަތަށް، ރާއްޖޭގެ އަދުގެ ޙާލަތަށް ރިޢާޔަތްކޮށް ބާއްވަން އުޅުނު ޖަލްސާއެއް. އެހެން ނަމަވެސް އެއިން އަޅުގަނޑުމެންނަށް، އެ ޖަލްސާ ބޭއްވުމުގެ ސަބަބުން ލިބިދާނެ ސިޔާސީ ފައިދާއަކަށްވުރެ ބޮޑަށް މި ނޫސް ބަޔާނުގައިވެސް ބަޔާންކުރެވިފައިވާ ފަދައިން އަޅުގަނޑުމެން ރައްކާތެރިވާން ޖެހޭނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ޢާންމު ރައްޔިތުންގެ ޢާންމު ޙާލަތަށް. އެބޭފުޅުންގެ ދުޅަހެޔޮ ކަމާ ޞިއްޙަތާ އެބޭފުޅުންގެ ރައްކާތެރިކަމާ އަހައްމިޔަތު އަޅުގަނޑުމެން ކޮންމެ ޕާރޓީއަކުންވެސް ދޭންޖެހޭނެ. މިއީ ޤައުމީ މައްސަލައެއް. މިއީ ޕާރޓީތަކުން އެއްބައިވާންވީ ވަގުތު. މިކަހަލަ ކޮންމެ ކަމެއްގައި އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވެ ހުރިހާ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅުގަނޑުމެން ޖެހުނު ކޮންމެ ކަމެއް ކޮންމެ ދިވެހި ފަރުދަކުވެސް ކކުރަން ޖެހޭނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން."
ޢަލީ އާރިފް ޖޭޕީ އެސްޖީ

ޢަލީ ޢާރިފް ވިދާޅުވީ މިވަގުތަށް ޖަލްސާ ފަސްކުރި ނަމަވެސް ރައްކާތެރިކަމާއި އެކު ހިންގޭ ސިޔާސީ ޙަރަކާތްތައް ޕާޓީން ކުރިއަށް ގެންދާނެ ކަމުގައެވެ. ސަބަބަކީ ބޯމަތިވެފައިވާ އިންތިޚާބަކީވެސް ޤައުމީ ޙާލަތެއް ކަމުގައި ވުން ކަމަށެވެ. އަދި ސިޔާސީ މަންފާއެއްގެ ބޭނުމުގައި ކުރަން ނުވާވަރުގެ އެއްވެސް ކަމެއް ކުރުމަކީ ޖުމްހޫރީ ޕާޓީން ޤަބޫލުކުރާ ކަންކަން ނޫން ކަމުގައެވެ.

ޖޭޕީގެ ކެމްޕޭން ޓާސްކު ފޯހުގެ އިސް ބޭފުޅެއް ކަމަށްވާ އަޙުމަދު ނިހާން ޙުސައިން މަނިކު އިތުރަށް ފާހަގަކުރައްވައިފައިވަނީ މިވަގުތަކީ ދިވެހި ރައްޔިތުންވެސް ވަރަށް ސީރިއަސް ގޮތެއްގައި ދުޅަހެޔޮ ޞިއްޙަތަކަށް ސަމާލުކަން ދޭން ޖެހިފައިވާ ވަގުތެއް ކަމަށެވެ. ޖުމްހޫރީ ޕާޓީންވެސް އުއްމީދު ކުރަނީ އެއްވެސް އެލާޓެއް ނެތް ހިސާބަކަށް ރާއްޖެއަށް އާދެވުން ކަމަށް ނިހާން ވިދާޅުވިއެވެ.