ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓިީތަކެއްގެ ސިޔާސީ ހަރަކާތްތައް މަޑުޖައްސާލައިފިއެވެ.

ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި ކޮވިޑް-19 ގެ އަސަރު ދުނިޔޭގެ 92 ގައުމާއި ޓެރިޓަރީން ފެނިފައިވާއިރު، ދިވެހިރާއްޖެއިންވެސް ވަނީ މި ބައްޔަށް 2 މީހަކު ޕޮޒިޓިވްވެފައެވެ. ސަރުކާރުން މައުލޫމާތުދޭ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ދެބިދޭސީންނެވެ. ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ކެމްޕޭނުގެ އަމަލީ ހަރަކާތްތައް މަޑުޖައްސާލަން މިހާރު ނިންމާފައިވާއިރު އޭގެ ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވެސް ހިމެނެއެވެ. މީގެ ތެރެއިން އެމްޑީޕީން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ސޯޝަލް މީޑިއާއަށް ބަދަލުކޮށްފައެވެ.

އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ދެން ކުރިއަށް ގެންދާނީ، ފޭސްބުކް އާއި ޓްވިޓާގެ އިތުރުން ވަޓްސްއެޕްގައި ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެމްޑީޕީގެ ކެމްޕެއިން ހުއްޓާނުލާ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ސޯޝަލް މީޑިއާއަށް ބަދަލުކޮށްފައިވާއިރު، ލޯކަލް ކައުންސިލްގެ އިންތިހާބު ފެށުމުގެ ގޮތުން އަންނަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީން ބާއްވަން އޮތް ޖަލްސާވެސް ވަނީ ކެންސަލްކޮށް ހަރަކާތްތައްވެސް ހުއްޓާލައިފައެވެ. އަދި މީގެ އިތުރުން ކޮރޯނާ ވައިރަހާ ގުޅިގެން އަތޮޅުތަކުގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދާ ކެމްޕެއިންގެ ހަރަކާތްތައްވެސް ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ޕާޓީންވެސް ބުނެއެވެ.

ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދިޔުމާއި، މި ވައިރަހުގެ ބިރު ރާއްޖެއަށްވެސް އޮތުމުގެ ސަބަބުން ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެޕާޓީން އަތޮޅުތަކުގައި ކުރިއަށްގެންދާ ކެމްޕެއިންގެ ހަރަކާތްތައް ހުއްޓާލުމަށްފަހު އަނބުރާ މާލެ އައުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާފައިވަނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި، ގެއްލުން ބޮޑުވާނެތީ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. އަދި ޕީޕީއެމްއަކީ އަބަަދުވެސް ގައުމުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭނެ ޕާޓީއެއް ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަަމަށްވެސް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.