އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީއާ ވާދަކުރުމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފުރައިފި އެވެ.

ހޮނިހިރު ދުވަހު އިންޑިއާގެ ޗެންނާއީ އަށް މާޒިޔާ ފުރިއިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޗެންނާއީ ސިޓީއާ ދެކޮޅަށް މާޒިޔާ ނުކުންނާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 19:00 ގައެވެ. މި މެޗު ކުޅޭނީ ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާއިރު، މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމު ވާދަކުރާނެ އެވެ. މިއީ 2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ފޯމެޓަށް ބަދަލުކޮށް، ދެކުނު އޭޝިއާ ޓީމުތަށް އެއް ގްރޫޕެއްގައި ވާދަކުރަން ފެށި ފަހުން ރާއްޖޭގެ ދެ ޓީމެއް ގްރޫޕް ސްޓޭޖުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ޕްލޭއޮފްގައި އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީގެ މައްޗަށް ކުރިހޯދާ، ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިވިއިރު، ގްރޫޕް ސްޓޭޖުގައި މާޒިޔާ ވާދަކުރާނީ ގްރޫޕު އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.