އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ބޯންމަތު އަތުން ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ހޯދި މޮޅާއެކު ލީގު ހޯދުމާއި ގާތަށް ލިވަޕޫލް ޖެހިލައިފި އެވެ.

މި މޮޅާއެކު ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ 9 ޕޮއިންޓެވެ. މި ވަގުތު އެ ޓީމު އެއްވަނައިގައި އޮތީ 29 މެޗުން 82 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް 27 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން މޮޅުވެ، ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ލީގުގައި ޖެހިޖެހިގެން 22 މޮޅު ހަމަކޮށް ވާދަވެރި މެންޗެސްޓާ ސިޓީން ހަދާފައިވާ ރެކޯޑް މުގުރާލާފައެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޯންމަތުންނެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ބޯންމަތަށް ލީޑު ނަގައިދިނީ ޖެފާސަން ލާމާ ދިން ޕާހަކުން ކަލުމް ވިލްސަން އެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ލިވަޕޫލް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ސަޑިއޯ މާނޭގެ އެހީއާއެކު މި ލަނޑު ލިވަޕޫލަށް ޖަހައިދިނީ މުހައްމަދު ސަލާހެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މާނޭ އެވެ.

ދެވަނަ ހާފުގައިވެސް ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ލީޑު ފުޅާ ކުރުމަށް މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މާނޭ އަސެވެ. އެކަމަކު އޭރިއާ ބޭރުން މާނޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ބޯންމަތު ބަލިކޮށް ލީގު ހޯދުމާއި ގާތަށް ލިވަޕޫލް ޖެހިލިއިރު، ލީގުގައި ދެން ލިވަޕޫލުން މެޗެއް ކުޅޭނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެ ދުވަހު ލިވަޕޫލް ނުކުންނާނީ ޑާބީ މެޗުގައި އެވަޓަންއާ ދެކޮޅަށެވެ.