ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޕެރެގުއާއިގައި ހައްޔަރުކޮށް އެ ގައުމުގެ ކޯޓަކަށް ހާޒިރު ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯއާއި އޭނާގެ ބޭބެ ކޯޓަށް ހާޒިރުކޮށްފައިވަނީ ފޭކް ޕާސްޕޯޓްތަކެއް ބޭނުންކޮށްގެން މިމަހުގެ 4 ވަނަ ދުވަހު އެގައުމަށް އެތެރެވާން އުޅުނު މައްސަލައިގައެވެ.

މި މައްސަލައިގައި މިމަހުގެ 6 ވަނަ ދުވަހު ޑީނިއޯއާއި އޭނާގެ ބޭބެ ވަނީ އެގައުމުގެ ޖަލެއްގައި ހައްޔަރުކޮށްފައެވެ. ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފައިވަނީ ކުރެވިފައިވާ ތުހުމަތުތަކަށް ޑީނިއޯވެސް އަދި އޭނާގެ ބޭބެވެސް އިންކާރު ކުރާކަމަށާއި އެދެމީހުންނަށް ފޭކް ޑޮކިއުމެންޓްތަކެއް ދީފައިވަނީ ބަޔަކު އޮޅުވާލައިގެން ކަމަށެވެ.

މި މައްސަލަ ބަލާ ނިމެންދެން ޑީނިއޯއާއި ޢޭނާގެ ބޭބެ ޖަލުގައި ބެހެއްޓުމަށް ކޮށްފައިވާ ހުކުމް ލުއި ކޮށްދިނުމަށް ޕްރޮސެކިއުޓަރުން އެދުނު ނަމަވެސް ގާޒީ ވަނީ އަދަބު ކުޑަކުރެވެން ނެތް ކަމަށް ބުނެފައެވެ.

ޕެރެގުއާއިއަށް އެތެރެވުމަށް ރޮނާލްޑީނިއޯ ބޭނުންކޮށްފައިވާ ވަގު އައިޑީ ޑޮކިއުމެންޓްގެ ފޮޓޯއެއް

މިކަމާ ގުޅޭގޮތުން ޕެރެގުއާއިގެ ފުލުހުން ޑީނިއޯއާއި ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އޭނާއަށް އެ ޑޮކިއުމެންޓުތައް ދިނުމުން އެއީ ހާއްސަ މީހުންނަށް ލިބޭ އިނާޔަތެއް ކަމަށް ހީކޮށް އޭގައި ހިފީ ކަމަށެވެ. ފުލުހުން ވަަނީ ފަހުން ޑީނިއޯމެން އެގައުމުގައި ތިބި ހޮޓެލްވެސް ބަލާ ފާސްކޮށްފައެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޑީނިއޯގެ ޕާސްޕޯޓް ބްރެޒިލްގައި ވަނީ ހިފަހައްޓާފައެވެ. އޭނާގެ ޕާސްޕޯޓް ހިފަހަޓާފައިވަނީ ޓެކްސް ފައިސާ ނުދެއްކި މައްސަލައެއްގެ އިތުރުން ގަވައިދާ ހިލާފަށް ބްރެޒިލްގެ ނެޗުރަލް ރިޒާވްއެއްގައި އިމާރާތެއް އެޅި މައްސަލައިގައި ދައްކަންޖެހޭ ޖޫރިމަނާއަށްވީ ފައިސާ ނުދައްކައިގެންނެވެ.

މި މައްސަލައިގައި ޕެރެގުއާއިގެ އިންޓީރިއަރ މިނިސްޓަަރު ބުނެފައިވަނީ ރޮނާލްޑީނިއޯ ކުޅިވަރުގެ ރޮނގުން ހޯދާފައިވާ ކާމިޔާބީއަށް އިޙްތިރާމްކުރާ ކަމަށާއި އެއާއެކު ހެދިފައިވާ ގާނޫނު ތަކަށްވެސް އިޙްތިރާމް ކުރަން ޖެހޭ ކަމަށެވެ. އަދި ކުށެއްކޮށްފި ކަމުގައިވާނަމަ އެއީ ކޮންމެ މީގެއްކަމުގައި ވިޔަސް ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.

ޕެރެގުއާއިއަށް ރޮނާލްޑީނިއޯ ކުރި ދަތުރަކީ އެހީއަށް ބޭނުންވެފައިވާ ކުދިންނަށް ބާއްވާ ކެމްޕެއިނެއްގައި ބައިވެރި ވުމަށާއި އެގައުމުގައި ނެރެފައިވާ ފޮތެއް ޕްރޮމޯޓް ކުރުމަށް ކުރި ދަތުރެކެވެ.

ރޮނާލްޑީނިއޯއަކީ 2004 އަދި 2005 ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާ 2002 ވަނަ އަހަރު ބްރެޒިލްއާއެކު ވޯލްޑް ކަޕް ތަށި ވެސް އުފުލާފައިވާ ފުޓުބޯޅަ ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ މޮޅު ކުޅުންތެރިއެކެވެ.