ހެންވޭރު އަޑި ޕާކުގައި އަޑި ޕާކް ފުޓްސަލް ކަޕް 2020 ގެ ނަމުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދަނޑު ގޯޅި ސްޕޯޓްސް ކްލަބް އިން ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި އެފް ސީ ފައިގަތަޅާ އާ ވާދަކޮށް ދަނޑު ގޯޅި މެޗުން މޮޅުވީ 6-3 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ދަނޑު ގޯޅި ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފުގައި ދަނޑު ގޯޅީގެ ފުރަތަމަ ގޯލް އެޓީމަށް ޖަހާ ދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 9، ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ. އަދި ދެވަނަ ގޯލް ހުސެއިން ޝަރީފް (އޮންލީ) ކާމިޔާބު ކޮށްދިން އިރު 3 ވަނަ ގޯލް އެޓީމަށް ޖަހާދިނީ އަޔާޒް އަހުމަދު އެވެ. ފުރަތަމަ ހާފުގައި އެފް ސީ ފައިގަތަޅާގެ ހަމައެކަނި ގޯލް އެޓީމަށް ޖަހާދިނީ އެ ޓީމުގެ ޖާޒީ ނުމްބަރު 15 މަޓާ އެވެ.

ފޮޓޯ: އަޑި ޕާކް ފުޓްސަލް ކަޕް 2020 ފޭސްބުކް ޕޭޖް

ދެވަނަ ހާފުގެ ކުރީ ކޮޅު އަޔާޒް ވަނީ އިތުރު ގޯލެއް ޖަހާ ދަނޑު ގޯޅިއަށް ލީޑު ފުޅާކޮށްދީފައެވެ. ދަނޑު ގޯޅީގެ 5 ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީވެސް ބޮބީ އެވެ. މެޗު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާ މެޗުގައި ހެޓްރިކް ހަދާ އަޔާޒް ވަނީ ދަނޑު ގޯޅީގެ 6 ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. ދެވަނަ ހާފުގައި އެފް ސީ ފައިގަތަޅާގެ ޖެހި ދެ ލަނޑުވެސް އެޓިމަށް ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރު 14 މުހަންމަދު ތިލްމީޒު އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ދަނޑު ގޯޅި ސްޕޯޓްސް ކްލަބްގެ ކެޕްޓަން ޖާޒީ ނަމްބަރު 6 ހުސެއިން ޝަރީފް (އޮންލީ) އެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ ވަނަވަނަ އަށް އައި ފަރާތްތަކަށް ވަނީ އިނާމް ދީފައެވެ. އިނާމްތަށް ދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން، ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗް އަލީ ސުޒޭން އާއި ހަސަން ހަމީދުގެ އިތުރުން (ސަނީ) އުމަރު އެވެ.

ފޮޓޯ: އަޑި ޕާކް ފުޓްސަލް ކަޕް 2020 ފޭސްބުކް ޕޭޖް

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ދަނޑު ގޯޅީގެ އަޔާޒް އަހުމަދު އާއި ހުސެއިން ޝަރީފް (އޮންލީ)ގެ އިތުރުން އެފްސީ ފައިގަތަޅާގެ މުހަންމަދު ތިލްމީޒް އާއި ކީޕަރު މުހަންމަދު ޒުހޭލް އަދި ނޮއެނާ ބޯއިސްގެ އިސްމާއިލް މުނީޒް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ހުސެއިން ޝަރީފް (އޮންލީ) - ފޮޓޯ: އަޑި ޕާކް ފުޓްސަލް ކަޕް 2020 ގެ ފޭސްބުކް ޕޭޖް

23 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ނޮއެނާ ބޯއިސްގެ އިބްރާހިމް ރިމާހް ހޮވުނުއިރު 24 ގޯލު ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ދަނޑު ގޯޅީގެ އަޔާޒް އަހުމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާކަންވެސް ހޯދި ދަނޑު ގޯޅީގެ ހުސެއިން ޝަރީފް (އޮންލީ) އެވެ.

ޖުމްލަ 36 ޓީމް ބައިވެރިވި މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިންތަކެއްވަނީ ބައިވެރިވެފައެވެ.