ޅ.ކުރެެއްދޫގައި މަސައްކަތް ކުރާ 2 މުވައްޒަފުން ށ. ފޯކައިދޫއަށް ދިޔުމާއެކު އެއްގެ ލޮކްޑައުންކޮށް އަނެއްމީހާ ހޯމް އައިސޮލޭޝަން ކޮށްފައިވާކަން ވީނިއުސްއަށް ކަށަވަރުވެއްޖެއެވެ.

ވީނިއުސްއާއި ވާހަކަދެއްކި ށ. ފޯކައިދޫ މީހަކު ބުނީ އެ 2 މީހުންގެ ތެރެއިން އެކަކީ ޅ.ކުރެންދޫ މީހެއް ކަމަށާއި އޭނާ އިނދެގެން އުޅެނީ ށ. ފޯކައިދޫ މީހަކާ ކަމަށެވެ. އަދި އޭނާ ފޯކައިދޫއަށް އައީ އޭނާގެ އަނބިމީހާ އާއި ދަރިފުޅާއެކު ކަމަށްވެސް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

މަނަދޫ ކައްޕިއަކާއެކު ލޯންޗުގައި ފޯކައިދޫއަށް އައުމާއެކު މަނަދޫ ހޮސްޕިޓަލާ ގުޅިގެންވެސް އިތުރަށް އެކަން ބަލަމުންދާ ކަމުގެ ވާހަކަތަކެއްވެސް ދެކެވޭކަމަށް އެމީހާ ބުންޏެވެ.

މީގެތެރެއިން ފޯކައިދޫއަށް ނިސްބަތްވާ ޒުވާނާއަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ އެރަށުގެ މީހެކެވެ. އޭނާވެސް މިހާރު ހުރީ ރަށުގައިކަމުން އޭނާ ގޭގައި އައިސޮލޭޓް ކޮށްފައިވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

އިއްޔެ އޭނާ ގޭގައި އައިސޮލޭޓް ކުރެވުނުއިރު އޭނާ ވަނީ ރިސޯޓުން އައިސް އާއިލާގެ މެމްބަރުންނާ އެކުވެސް ވަގުތު ހޭދަކޮށްފައެވެ. އޭނާގެ އަންހެނުން އިނީ އަލަތުދަރިފުޅަށް ބަލިވެ ކަމަށާއި އެގޭ މީހުނާއި ސީދާ މުއާމަލާތް ކުރުންވެސް މިހާރު އޮތީ މަނާކޮށްފައި ކަމަށް އެމީހާ ބުންޏެވެ.

އޭނާއަކީ ކުރެންދޫ ރިސޯޓަށްދިޔަ އިޓަލީ ފަތުރުވެރިއާ އާއި ވަރަށް ގާތްކޮށް އުޅުނު ފަރާތެއްކަމަށް ވެއެވެ.

ކުރެއްދޫއިން އެ ދެމީހުންވެސް މާލެ އައިސްފައިވަނީ އެއާ ޓެކްސީގައި ކަމަށާއި މާލެ އައިސްތިބީ މާލޭގައި ކުދިން ބައިތިއްބާ ގެއެއްގައި ކަމަށްވެސް އެމީހާ ކިޔަދިނެވެ. މާލޭގެ އިތުރުން އެމީހާ ވަނީ ހުޅުމާލެއަށްވެސް ގޮސްފައެވެ.

އޭނާ ރަށަށް ގޮސްފައިވަނީ 60 މީހުންގެ ޖާގައިގެ ލޯންޗެއްގައި ކަމަށާއި އެ ލޯންޗަކީ ށ. އަތޮޅުގެ ގިނަ ރަށްރަށް ދަތުރުކުރާ ލޯންޗެއް ކަމަށްވެސް އެމީހާ ބުންޏެވެ. އެގޮތުން އެ އަތޮޅު މާއުނގޫދޫ، ފުނަދޫ، ޅައިމަގު، ނަރުދޫ، މިލަންދޫ އަދި ފީވަަކަށް އެ ލޯންޗު ވަނީ ދަތުރު ކޮށްފައެވެ. އެ ލޯންޗުން ދަތުރުކުރި ބައެއް މީހުންވަނީ ފޯކައިދޫއިން ކުޑަ ލޯންޗެއްގައި ހއ.އަދި ހދއަށްވެސް ދަތުރުކޮށްފައެވެ.

މީގެއިތުރުން އެމީހާ ގެއަށް ބޭނުންވާ ބައެއްކަހަލަ ސާމާނު ގަތުމަށްޓަކައި މިލަންދޫގެ ބައެއް ފިހާރަތަކަށްވެސް ގޮސްފައިވާ ކަމަށް ވެއެވެ.

އެމީހާ ކޮވިޑް-19އަށް ޝައްކު ކުރެވިގެން އައިސޮލޭޓް ކޮށްފައިވަނީ މިލަންދޫއަށް ގޮސްފައި އައިފަހުން ކަމަށް އެރަށުން ވީނިއުސްއާ ވާހަކަ ދެއްކިމީހާ ބުންޏެވެ. އަދި މިހާރު އޭނާ ޓެސްޓް ހެދުމަށް ބޭނުންވާ ކަމަށް އެޗްޕީއޭގައި އަމިއްލައަށް އެދިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެތެރެއިން ދެވަނަމީހާ އޭނާގެ އަންހެނުންނާއި ދަރިފުޅު މިއަދުގެ ވަގުތެއްގައި ފަރުކޮޅުފުއްޓަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިމީހާއަކީވެސް ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

މިކަންތަކާ ގުޅިގެން ފޯކައިދޫ ސިފަވަނީ ފަޅު ރަށެއްގެ ގޮތުގައިކަމަށް މައުލޫމާތު ދިންމީހާ ބުންޏެވެ. އޭނާ ބުނީ އެރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ގޮސްފައި ކަމަށާއި، ބައެއް މީހުން ކާޑުގެ ބާވަތްތައްވެސް ގަނޑުކޮށް ގަނެ، އާންމު ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.