އިޓަލީއާއި، އީރާނާއި، ދެކުނު ކޮރެއާއާއި އެމެރިކާގެ އިތުރުން، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް "ކޮވިޑް-19" ނުވަތަ ކޮރޯނާވައިރަސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ޗައިނާގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ވުހާންއިން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި އެންމެ ފުރަތަމަ ފެނުނު މި ވައިރަސް މިހާރުވަނީ ޗައިނާއިން ބޭރުވެ، ދުނިޔޭގެ 92 ގައުމާއި ޓެރިޓަރީއަށް ފެތުރިގެން ގޮސްފައެވެ.

ކޮރޯނާވައިރަސް ޗައިނާއިން ބޭރުވެ އެހެން ގައުމުތަކަށް ފެތުރޭން ފެށުމާއި، މިވައިރަސް ގައިންގަޔަށް އަރާކަން ހާމަވުމާ ގުޅިގެން، މިއީ، ދުނިޔޭގެ އާންމު ސިއްހަތަށް ނުރައްކާވެފައިވާ ކުއްލި ހާލަތެއް ކަމަށް ކަނޑައަޅައި، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ދުނިޔޭގައި ސިއްހީ ކުއްލި ހާލަތު އިޢްލާންކުރީ މިއަހަރުގެ ޖެނުއަރީމަހުގެ 31 ވަނަ ދުވަހުއެވެ. އެކަން އެގޮތަށް ކަނޑައެޅީ، ޑަބްލިޔޫއެޗްއޯގެ ބެލުމުގެ ދަށުގައި އޮންނަ ބައިނަލްއަގްވާމީ ސިއްހީ ތަޖުރިބާކާރުން ހިމެނޭ އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އިމަޖެންސީ ކޮމިޓީން ދިން ލަފާގެމަތިންނެވެ.

ސިއްހީ ކުއްލި ހާލަތު ޑަބްލިޔޫއެޗްއޯއިން އިޢްލާންކުރިތާ މިއަދަށް ބަރާބަރު 37 ދުވަސް ވެގެންދިޔައިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮރޯނާވައިރަސްގައި މިހާތަނަށް މަރުވި މީހުންގެ އަދަދު މިހާރުވަނީ 3،381 އަށް އަރާފައެވެ. އަދި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ އެއްލައްކަ ތިންހާހަށްވުރެ މައްޗަށް ގޮސްފައެވެ.

މުޅި ދުނިޔެ ބަލިމަޑުހާލަތަކަށް ހިނގައްޖެކަމަށް ބަލަނީ، ދުނިޔޭގެ ހުރިހާ ބިތެއްގައި ބަލިފެތުރި ގިނަ އަދަދަކަށް އިންސާނުން މަރުވާންފެށުމުންނެވެ. ނަމަވެސް އެފަދަ ހާލަތެއް އޮތްކަމަށް ގަބޫލުކުރަން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން، ޑަބްލިޔޫއެޗްއޯ އަދި ތައްޔާރެއް ނޫނެވެ.

ކޮރޯނާވައިރަސްގެ ކަންކަން މިހާރު ގޮސްފައިވާ ހާލަތަށް ބަލާއިރު، ދުނިޔެ ބޮޑު ބަލިމަޑުހާލަތަކަށް ވެއްޓިއްޖެކަން ކަނޑައަޅައި އިޢްލާންކުރަން ޑަބްލިޔޫއެޗްއޯ ފަސްޖެހެމުންދާ މައްސަލާގައި ވަރަށް ގިނަ ސައިންސްވެރިން ސުވާލު އުފައްދަމުން އެބަގެންދެއެވެ. ސައިންސްވެރިން ބުނަނީ، މުޅި ދުނިޔެ ބަލިމަޑުހާލަތެއްގެ ތުންފަތްމައްޗަށް ވެއްޓިފައިވާކަމީ ހަގީގަތެއް ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ބުނަމުންދަނީ، މުޅި ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރިއްޖެކަމަށް ކަނޑައަޅައިފިނަމަ ވައިރަސް ކޮންޓްރޯލްކޮށް ހުއްޓުވުމުގެ އުންމީދު ބައެއް ގައުމުތަކަށް ނެތިގެން ހިނގައިދާނެ ކަމަށެވެ. ދުނިޔެއަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނޭ ކަމަށެވެ.

"މިއީ، ކޮންޓްރޯލުން ނެއްޓި، ދުނިޔޭގައި ފެތުރެމުންދާ ބައްޔެއްކަން އަޅުގަނޑުމެންނަށް ޔަގީންނުވާހާހިނދަކު، މިއީ ބަލިމަޑުކަމެކޭ ބުނަންވީ ކީއްވެ؟"
ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް

އެހެން ނަމަވެސް، އެފަދަ ބަލިމަޑުހާލަތަކަށް ދުނިޔެ ހިނގައިދާނެކަމަށް، ބަލައި، އެފަދަ ހާލަތަކާ ކުރިމަތިލުމަށްޓަކައި ތައްޔާރީ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ޑަބްލިޔޫއެޗްއޯއިން ފެބްރުއަރީމަހުގެ ފަހުކޮޅު ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައި ވެއެވެ.

"ކޮރޯނާވައިރަސް ކޮންޓްރޯލު ނުކުރެވި ފެތުރިގެންދާތަނެއް މިވަގުތު އަޅުގަނޑުމެންނަކަށް ނުފެނޭ. އަދި ވައިރަސްގެ ސަބަބުން ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރި، ގިނަމީހުން މަރުވަމުންދާތަނެއްވެސް އަދި ނުފެނޭ"
ޓެޑްރޯސް (25 ފެބްރުއަރީ)

އެހެން ނަމަވެސް، މިމާޗްމަހުގެ 4 ވަނަ ދުވަހު ޑަބްލިޔޫއެޗްއޯއިންވަނީ ހާލަތު ވަރަސް ގޯސްކަމަށް އެއްބަސްވެފައެވެ. މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަކީ މޫސުމީ ރޯގާތަކަށްވުރެ ނުރައްކާތެރި ބައްޔެއް ކަމަށް ބުނެފައި ވެއެވެ. މިބަލީގައި، ކުރިން ލަފާކުރި ވަރަށްވުރެ ގިނައިން މިހާރުވެސް މީހުން މަރުވެފައިވާ ކަމަށް އެދުވަހު ބުނެފައި ވެއެވެ.

މިވައިރަސްގައި މިހާތަނަށް މަރުވި މީހުންގެ ނިސްބަތަކީ ދުނިޔެ މީގެކުރިން ތަޖުރިބާކޮށްފައިވާ މޫސުމީ ރޯގާތަކުގައި މަރުވެފައިވާ މީހުންގެ ނިސްބަތަށްވުރެ އެތައްގުނަ އިތުރު އަދަދެއް ކަމަށްވެސް ބުނެފައި ވެއެވެ. ދުނިޔެ މީގެކުރިން ތަޖުރިބާކުރި މޫސުމީ ރޯގާތަކުގައި މަރުވެފައިވަނީ ބަލިޖެހުނު މީހުންގެ އެންމެ އެކެއް އިންސައްތައަށް ވުރެންވެސް މަދު އަދަދެއްގެ މީހުންނެވެ.

އެހެންވެ، ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، ދުނިޔެ ބޮޑު ބަލިމަޑުހާލަތެއްގެ ތެރެއަށް ވެއްޓިއްޖެކަމަށް ކަނޑައަޅަންޖެހޭ މުއްދަތު މިހާރަށްވެސް ފަހަނައަޅައި ހިނގައްޖެ ކަމަށެވެ. އެންޓާޓިކާ ފިޔަވައި ދުނިޔޭގެ ހުރިހާ ބައްރަކުންވެސް ވައިރަސްފެނި، ހަލުވިކަމާއެކު ފެތުރެމުންދާކަން ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ. އާންމު ސިއްހަތުގެ ނިޒާމުތައް ވަރުގަދައަށް ގާއިމްކޮށްފައިވާ ގައުމުތަކުގައިވެސް މި ވައިރަސް ވަރުގަދައަށް ފެތުރެމުންދާކަން ފާހަގަ ކޮށްފައި ވެއެވެ.

"ދުނިޔެއަށް ބޮޑުވެގެންވާ ބަލިމަޑުހާލަތެއް މެދުވެރިވެއްޖެ ކަމަށް ކަނޑައަޅަން ޑަބްލިޔޫއެޗްއޯ ފަސްޖެހެނީ ކީއްވެގެންކަމެއް ނޭނގެ. އެހެންނަމަވެސް، މިއީ އެފަދަ ހާލަތެއްކަން ކަށަވަރު"
މައިކަލް އޮސްޓަރހޮމް / ޑިރެކްޓަރ – ސެންޓަރ ފޮރ އިންފެކްޝަސް ޑިޒީޒް ރިސާޗް އެންޑް ޕޮލިސީ / ޔުނިވަރސިޓީ އޮފް މިނެސޯޓާ

ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިދިޔަ ހުކުރު ދުވަހު އެއްލައްކައަށްވުރެ މައްޗަށް ދިއުމާ ގުޅިގެން، ބަލީގެ ހާލަތުވަނީ މުޅިން ތަފާތު މަރްހަލާއަކަށް ގޮސްފައެވެ. އެއީ، ދުނިޔެ މިފަހުގެ ތާރީޚްތަކުގައި ތަޖުރިބާ ކޮށްފައިވާ ސާރސްއާއި، މާރސް ނުވަތަ އެބޯލާފަދަ ބަލިތަކުގެ ޝިކާއަރަކަށްވި މީހުންގެ އަދަށްވުރެ އެތައްގުނަ އިތުރަށް މީހުންނަށް މިބަލިޖެހުމާ ގުޅިގެންނެވެ.

"އަޅުގަނޑުމެންނަކީ ޗައިނާއަށް ފްލައިޓް ދަތުރުތައް ކުރުން ފުރަތަމަ ހުއްޓާލި ގައުމު. އެކަމަކު، މިވައިރަސްގެ ކަންތަކާ ގުޅިގެން އަޅުގަނޑުމެން މިތިބީ ހައިރާންވެފައި. މިވައިރަސް މިގޮތަށް ފެތުރެމުންދިއުމަކީ މުޅި ދުނިޔެއަށް ވަރަށްބޮޑު ނުރައްކަލެއް"
މާސިމޯ ގާލީ / އިންފެކްޝަސް ޑިޒީޒް ޕްރޮފެސަރ – ޔުނިވަރސިޓީ އޮފް މިލާން / އިޓަލީ

ތަޖުރިބާކާރުން ވިދާޅުވަނީ، ދުނިޔެ ބަލިމަޑުހާލަތެއްގެ ތެރެއަށް ވެއްޓިއްޖެކަން ކަނޑައެޅުމަކީ ސިޔާސީގޮތުން ކަންބޮޑުވުންތަކެއް އަންނާނެ ކަމެއް ކަމަށް އެ ބޭފުޅުންވެސް ގަލޫކުރައްވާ ކަމަށެވެ. ސަބަބަކީ، އެފަދަ ހާލަތެއް އިޢްލާންކޮށްފިނަމަ ދުނިޔޭގެ މާރުކޭޓްތައް ފުނޑުފުނޑުވެ، ދަތުރުފަތުރާއި، ވިޔަފާރިތައް ހުއްޓި، ވައިރަސް ފެނިފައިވާ ސަރަހައްދުތަކުން އަންނަމީހުން ލޭބަލްކުރެވިގެންދާނެތީ ކަމަށެވެ. ދުނިޔެއަށް ލިބޭނޭ އެހެނިހެން ގެއްލުންތައް މާބޮޑުވާނެތީއެވެ.