ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ގައުމުތަކުން އަންނަނީ އެގައުމެއްގެ ފެންވަރުން ތަފާތު އެކި ފިޔަވަޅުތައް އަޅަމުންނެވެ.

ގައުމުތަކަށް މީހުން އަންނަ ބައެއް މަގުތައް ވަގުތީގޮތުން މެދުކަނޑާލައި، ހޮސްޕިޓަލުތަކަށް ޒިޔާރަތް ކުރުމާއި އާންމު އެއްވުންތައް ބޭއްވުން މެދުކަނޑާލައި، މިނޫނަސް ތަފާތު އެކި ފިޔަވަޅުތައް އެކި ފެންވަރުގައި އަންނަނީ އަޅަމުންނެވެ. އެންމެ ފާހަގަވެގެންދާ ކަމަކީ އާދަޔާޚިލާފު ކުރު މުއްދަތެއްގައި ގައުމުތަކުން ކަރަންޓީން ފެސިލިޓީތައް ގާއިމްކުރަމުންދާ ކަމެވެ.

އެންމެ ފުރަތަމަ އަވަސް މުއައްދަތެއްގައި ކަރަންޓިން ފެސިލިޓީ ގާއިމްކުރީ ވައިރަސް ފުރަތަމަ ފެނިގެން އައި ޗައިނާގައެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އައު ވައިރަހަށް ޚާއްސަކޮށް ފްލޫ ކްލިނިކްތައް ގާއިމްކޮށްފައިވާއިރު ހަދުވަސް ތެރޭގައި ވަނީ އެއްހާސް މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ގާއިމްކޮށްފައެވެ.

ރާއްޖެއިންވެސް މިބަލި ފެނިފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ހާސްނުވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެެވެ. އަދި މިބަލިން ފެތުރުން ކުޑަކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން އަންނަނީ ދެއްވަމުންނެވެ.

އެންމެ ނުރައްކާތެރި ހާލަތަކަށް ގޮސްފިނަމަ، ދެން އަޅާނެ ފިޔަވަޅު ތަކަކީ ކޮބައިތޯ އެކަން ކުރެވޭނެ ކަމުގެ ގާބިލިއްޔަތުކަން އެބަހުރިތޯ ރައްޔިތުން ސުވާލު އުފައްދަމުން ދަނިކޮށް، ފެނިގެންދިޔައީ ޓުއަރިޒްމް މިނިސްޓްރީގެ ފަރާތުން ގާއިމްކުރި ކަރަންޓީން ފެސިލިޓީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ހަވާލުކުރި ތަނެވެ.

ޖުމްލަ 10 ދުވަސް ތެރޭ 30 ކޮޓަރީގެ ކަރަންޓީން ފެސިލިޓީއެއް ގާއިމްކޮށް ނިންމާލުން ވެގެންދިޔައީ ގިނަ ބައެއްގެ މިކަމުގައި ހަރަކާތްތެރިވި މީހުންނަށް ލިބުނު ކަމެކެވެ. ގައުމީ ފެންވަރުގެ ބޮޑު މަސައްކަތެއްގެ ގޮތުގައި ދެކިގެން މިކަން ކުރަމުގައި އަމަލީގޮތުން ބައިވެރިވި މީހުންނަށް ގިނަބަޔަކު އަންނަނީ ތައުރީފްކޮށް ޝުކުރު އަދާކުރަމުންނެވެ.

ކ. ވިލިވަރުގައި ގާއިމްކުރި މިފެސިލިޓީއަކީ ގިނަ ޚިދުމަތްތަކެއް ލިބޭނެފަދަ ގޮތަކަށް އިންތިޒާމްތައް އެކުލެވޭ ފެސިލިޓީއެކެވެ. އެގޮތުން ކޮޓަރީގައި އޭސީ ހަރުކޮށްފައިވާއިރު، ކޮޓަރިތަކުގައި ތިބެގެން ކެއިންބުއިމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

އަދި ކަރަންޓީންކުރާ ފަރާތްތަކަށް ހިތްހަމަޖައްސާލުމަށް ބީޗް ސަރަހައްދަށް ނުކުމެވޭ ގޮތަށްވެސް ވަނީ އިންތިޒާމްތައް ހަމަޖައްސާފަައެެވެ.

އާންމުކޮށްފައިވާ ވީޑިޔޯތަކަށް ބަލާއިރު، ކަރަންޓީން ފެސިލިޓީ ގާއިމްކުރުމަށް ރެޔާއި ދުވާލު ބުރަ މަސައްކަތް ކުރާތަން ފެނިގެންދެއެވެ. މިމަސަައްކަތުގައި ޓުއަރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ސްޓާފުންނާއި، ފުލުހުންނާއި، އެސްޓީއޯ، ފެނަކަ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި ކޮކާކޯލާ ކުންފުނީގެ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ.

މިފެސިލިޓީގެ މަސައްކަތް ނިންމާލައި އާދިއްތަދުވަހު އެންޑީއެމްއޭއާއި މިތަން ހަވާލުކޮށްފައިވާއިރު މިހާރުވެސް ފަރުކޮޅުފުށީގައި ބައެއް މީހުން ވަނީ ކަރަންޓީނު ކޮށްފައެވެ. މީގެއިތުރަށް ބައެއް މީހުންވަނީ ރޫމް އައިސޮލޭޝަންގައިވެސް ބައިތިއްބާފައެވެ.

މި މަސައްކަތް މިހާ ކުރު މުއްދަތެއް ތެރޭގައި ނިންމާލުމަކީ އާންމު ރައްޔިތުން ހާސްނުވުމަށް ސަރުކާރުން ވަމުންދާ އިލްތިމާސްތަކަށް ލިބިގެންދިޔަ ބާރެކެވެ. ސަރުކާރުން އޮތީ ކޮންމެ ހާލަތަކަށްވެސް ތައްޔާރަށް ކަމަށް ބުނަމުންދާ ވާހަކަތަކަށް، މިއީ ލިބިގެންދިޔަ ބާރެކެވެ.