ރާއްޖެއަކީ ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ، އެކަކު އަނެކަކަށް އަޅާލާ ބަޔަކު ދިރިއުޅޭ ގައުމެކެވެ.

ނަމަވެސް މިއަދު މި ޤައުމުގައި އެފަދަކަމެއް އެބަ އޮތްބާއޭ ސުވާލު އުފެދޭހާ ގިނަ ކަންކަން މިދަނީ ހިނގަމުންނެވެ. ޚާއްސަކޮށް ހާދިސާއެއް، ނުވަތަ ކާރިސާއެއް ދިމާވެގެން އުޅޭހިނދު، ރައްޔިތުން އެހީތެރިކަމަށް އެންމެ ބޭނުންވާ ދަނޑިވަޅު، މިއަދު މިފެންނަނީ އެހީތެރިވުމުގެ ބަދަލުގައި ''ލިބޭތާ ލިބިގަންނަން'' މަސައްކަތްކުރާ ތަނެވެ.

މިއީ އަޅުގަނޑުމެންގެ ކުޑަކުޑަ މިއިސްލާމީ ޤައުމުން ފެނިގެން ނުވާނެ މަންޒަރެކެވެ.

މާތްﷲ ގެ އިރާދަފުޅުން މިޤައުމަށް މާގިނަ ހާދިސާތަކަކާ ކާރިސާތަކެއް ކުރިމައްޗެއް ނުވެއެވެ. ނަމަވެސް މަދުން ނަމަވެސް މިހެން ދިމާވާ ހާދިސާތަކުގައި ބައެއް ވިޔަފާރިވެރިންގެ އަމަލުތައް ހުންނަނީ އިންސާނިއްޔަތަށްވުރެ ބޮޑަށް އަމިއްލަ އެދުމުގައޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ.

2016 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ގދ. ތިނަދޫން ކަރަންޓް ކެނޑިގެން ހަފްތާއަކަށްވުރެ ގިނަދުވަހު ކަނު އަނދިރީގައި ތިބިއިރު، އުއްބަތިފަދަ ތަކެތި ބޮޑު އަގުގައި ވިއްކަމުން ދިޔަކަން މީޑިއާއިން ފެނިގެންދިޔައެވެ.

މިއަދު މިފެންނަނީ ހަމަ އެތަނެވެ. މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ވާހަކަ އިވުމާއިއެކު ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ވަނީ ތަކެތީގެ އަގު ބޮޑުކުރަން ފަށާފައެވެ.

މި ބަލި ފެތުރެން ފެށި ޗައިނާގެ ހާލަތަށް ބަލާއިރު ޗައިނާއިން ފެނިގެން ގޮސްފައިވަނީ އިންސާނިއްޔަތު އިސްކޮށް އެންމެން ގުޅިގެން އެކަކު އަނެކަކަށް އެހީތެރިވަމުން ދިޔަތަނެވެ. މާސްކާއި މިވަގުތަށް ބޭނުންވާ އެންމެ މުހިންމު ތަކެތި ދިޔައީ ފޯރުކޮށްދެމުންނެވެ. ސިއްހީ ދާއިރާގައި ހަރަކާތްތެރިވަމުންދިޔަ މީހުންނަށް އަމިއްލަ ގެއަށް ނުދެވި އެތައް ދުވަހެއް ފާއިތުވަމުންދިޔައިރު، ކުންފުނިތަކުން އެމީހުންނަށް ހިލޭ ތިބެވޭނެ ގޮތް ހަމަޖައްސައިދިނެވެ. ކާބޯތަކެތި ވިއްކާ ފަރާތްތަކުން ހިލޭ، ތާޒާ، ކާބޯތަކެތި ސިއްހީ ދާއިރާގައި ހަރަކާތްތެރިވަމުންދިޔަ ފަރާތްތަކަށް ދިޔައީ ފޯރުކޮށްދެމުންނެވެ.

މިފަދަ ރީތި މިސާލު، ޗައިނާގައި މިބަލި އެންމެ ހަލުވިކަމާއެކު ފެތުރުނު ވުހާން ސިޓީން ފެނިގެން ދިޔައިރު މި ކުޑަކުޑަ ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ އަމަލުތައް މިއާ އިދިކޮޅެވެ.

މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވްވި 2 މީހަކު ރާއްޖެއިން ފެނިއްޖެކަން އެންމެ ފުރަތަމަ ހާމަކުރުމާއެކު ބައެއް ވިޔަފާރިވެރިން ތަކެތީގެ އަގު ކުއްލިއަކަށް މިވަނީ ބޮޑުކޮށްފައެވެ. އެންމެ ގިނައިން މިދުވަސްވަރު ގަންނަ މާސްކްތަކާއި ހޭންޑް ސެނިޓައިޒާގެ އަގު އެތައް ގުނައެއް މިހާރު މިވަނީ ބޮޑުވެގެން ގޮސްފައެވެ.

ރާއްޖެއިން މި ނުރައްކާތެރި ބަލި ފެނުނުކަން ސަރުކާރުން ހާމަކުރުމާއިއެކު ކާޑުގެ ބާވަތްތަކާއި މިވަގުތަށް މުހިންމު ގިނަ ތަކެތި ގިނަބަޔަކު ގަނެ ގުދަން ކުރަމުންދާއިރު ރާއްޖެއަށް ބޭހާއި، ކާޑުގެ ބާވަތްތައް އެތެރެކުރާ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުވެސް ވަނީ މިކަން ފާހަގަ ކުރައްވާފައެވެ. އަމްރު ވިދާޅުވީ އެސްޓީއޯގައި ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑާއި މާސްކް އަދި ބޭސް ވެސް އެބަހުރި ކަމަށެވެ. އެެހެންކަމުން އެކަން އެގޮތަށް ނުކުރުމަށްވެސް އަމްރު ވަނީ އެދިވަޑައިގެންފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ހަސަން ވަނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެގޮތުގައި ދެމުން ގެންދިޔުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިފަދަ ދަނޑިވަޅުގެ ފައިދާ އެގޮތަށް ވިޔަފާރިތަކުން ނުނެންގެވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މިއަދު މިގައުމަށް މިފަދަ ނާޒުކު ދަނޑިވަޅެއް ކުރިމަތިވެފައިވާއިރު ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހަކަށް ވެވުނު އެހީތެރިކަމެއްވެދީ އަނެކާއަށް ތިމާގެފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭތޯއެވެ.