ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް 19) ގެ ސަބަބުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގެ އޭޝިއާ ބައްރުގެ މެޗުތައް ފަސްކުރުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފިއެވެ.

މެޗުތަށް ފަސްކުރިކަން ފީފާއިން ހޯމަ ދުވަހު ވަނީ އެފްއޭއެމް އަށް އަންގާފައެވެ. މި ނިންމުން ނިންމާފައިވަނީ ކުޅުންތެރިން އަދި އޮފިޝަލުންގެ ސަލާމަތަށްޓަކައި އަދި ވައިރަހުގެ ނުރައްކަލުގެ ސަބަބުން ބަލި ފެތުރިދާނެ ކަމަށްޓަކާ ޓީމްތަކަށް ބައެއް ގައުމު ތަކަށް އެރުމުގައި ހުރި ދަތިތަކުގެ ސަބަބުންނެވެ.

މެޗުތައް ފަސްކޮށްފައިވާއިރު މިމަހުގެ 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ތަައިލެންޑްގައި ސަޕޯޓަރުން ނުވައްދާ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ރާއްޖޭގެ ގައުމީ ޓިމުން މިހާރު ވަނީ ފަރިތަކުރުންތައް ވެސް ފަށާފައެވެ. މި މެޗް ތައިލެންޑްގައި ކުޅުމަށް ނިންމީވެސް ޗައިނާގައި ވައިރަހުގެ ނުރައްކާ ބޮޑުވުމުންނެވެ. މިމެޗުވެސް ފީފާގެ މި ނިންމުމާއެކު އެހެން ތާރީހަކަށް ފަސްކުރެވޭނެއެވެ.

ރާއްޖޭގައި ޗައިނާ އާއި ބައްދަލި ކުރި މެޗުން ރާއްޖެ ވަނީ 5-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕް އޭގެ އެއްވަނަ ސީރިއާ އަށް ލިބެނީ ކުޅުނު 5 މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޗައިނާއިން ވަނީ 4 މެޗުން 7 ޕޮއިންޓް ހޯދާފައެވެ. ތިންވަނައިގައި އޮތް ފިލިޕީންސް ވެސް ވަނީ ޗައިނާ އަށްވުރެ އިތުރަށް 1 މެޗު ކުޅެ 5 މެޗުން 7 ޕޮއިންޓް ހަމަކޮށްފައެވެ. ހަތަރުވަނައިގައި އޮތް ރާއްޖެއަށް 5 މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮރޯނާ ވައިރަހަށް ދުނިޔޭގައި 111،644 މީހުން ޕޮޒިޓިވް ވެފައިވާއިރު މި ވައިރަހުގެ ސަބަބުން 3،884 މީހުން ވަނީ މަރުވެފައެވެ. އަދި ފަރުވާދެވި 62,683 މީހަކަށް ވަނީ ޝިފާލިބިފައެވެ. ރާއްޖެއިންވެސް މިވައިރަހަށް 6 މީހަކު މިމަހުގެ 9 ވަނަ ދުވަހާ ހަމައަށް ވަނީ ޕޮޒިޓިވް ވެފައެވެ.