އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެ ރޭ ލެސްޓަރ ސިޓީއާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުން ލެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ލެސްޓަރ ގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ލެސްޓަރ ސިޓީ މޮޅުވިވީ 4-0 ގެ ބޮޑު ތަފާތަކުންނެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ލެސްޓަރ އިން އެޓީމްގެ 4 ލަނޑުތެރޭން 3 ލަނޑު ޖަހާފައިވަނީ ފަހު ހާފުގައެވެ.

ފުރަހަތަމަ ހާފުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ލެސްޓަރ އަށް ޖަހާދިނީ މެޗުގެ 40 ވަނަ މިނެޓުގައި އެޓީމްގެ މިޑްފީލްޑަރު ހާވީ ބާންސް އެވެ.

ދެވަނަ ހާފް ފަށައިގެންވެސް ގިނަވަގުތު ބޯޅަ ހިފަހަށްޓާ އެޓޭކް ކުރީ ލެސްޓަރ އިންނެވެ. މެޗުގެ 59 ވަނަ މިނެޓުގައި ލެސްޓަރގެ ކޯޗް ބްރެންޑަން ރޮޖާޒް ޖޭމީ ވާޑީ އަށް ފުރުސަތު ދިނެވެ.

ބަދަލް ކުޅުންތެރިއެއް ގޮތުގައި އަރާ ވާޑީ ވަނީ މެޗުގެ 63 ވަނަ މިނެޓުގައި އެޓީމަށް ލަނޑެއް ޖަހާ ލީޑް ފުޅާކޮށްދީފައެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިއާތެރޭން އެވަޓަންގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެއްގައި ޖެހި ގޯލެކެވެ.

މެޗުގެ 79 ވަމަ މިނެޓުގައި އަނެއްކާވެސް ވާޑީ ލެސްޓަރ އަށް އިތުރު ގޯލެއް ޖަހާދިނެވެ. މީ މިސީޒަންގެ ޕްރިމިއަރ ލީގުގައި ވާޑީ ލެސްޓަރ އަށް ޖަހާދިން 19 ވަނަ ގޯލެވެ. މިވަގުތު ޕްރިމިއަރ ލީގުގެ ޓޮޕް ސްކޯރާ އަކީވެސް ވާޑީ އެވެ.

ވާޑީގެ މި ގޯލްގެ 6 މިނެޓު ފަހުން ލެސްޓަރ އިން 4 ވަނަ ލަނޑެއް ޖަހާ ހަމަޖެހިލިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ހާވީ ބާންސް އެވެ.

މިނަތީޖާ އާއެކު ލެސްޓަރ އޮތީ ތާވަލްގެ 3 ވަނައިގައި ކުޅުނު 29 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް އެއްމެޗު މަދުން ކުޅެ 57 ޕޮއިންޓް ވަނީ ލިބިފައެވެ. އަދި އެއްވަނައިގައި އޮތް ލިވަޕޫލް އަށް 29 މެޗުން 82 ޕޮއިންޓް ލިބިފައިވެއެވެ.