ލަލީގާގައި ހޯމަ ދުވަހުގެ ރޭ ރިއާލް ބެޓިސް އަތުން ބަލިވެ ތާވަލުގެ އެއްވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ރިއާލް މެޑްރިޑުން ގެއްލުވާލައިފިއެވެ.

ބެނިޓޯ ވިލަމަރިން ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ރިއާލް މެޑްރިޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން 5 މިނެޓަށް ވެފައިވަނިކޮށް ބެޓިސްގެ ފުރަތަމަ ގޯލް ޖަހައިދިނީ ނަބީލް ފަކީރް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބްރެޒިލްގެ ސިޑްނެއި އެވެ. މި ގޯލަކީ އޭރިއާ ތެރެއިން ބެޓިސްގެ ކުޅުންތެރިއަކަށް ފައުލެއްވީ ކަމަށް ބަލާ ރިއާލް މެޑްރިޑްގެ ގިނަ ކުޅުންތެރިން ފަރުވާކުޑަކޮށްލައިގެން ހުރި ވަގުތެއްގައި ސިޑްނެއި ފޮނުވާލި ބާރު ހަމަލާއަކުން ވަތް ގޯލެކެވެ.

ވަރުގަދަ އެޓޭކިންގް ގޭމެށް ދެ ޓީމުންވެސް ކުޅެމުން ދިޔައިރު ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެން ދިޔައެވެ.

ރިއާލް މެޑްރިޑުން ނަތީޖާ ހަަމަހަމަ ކުރީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އޭރިއާ ތެރޭން މާސެލޯއަށް ރިއާލް ބެޓިސްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ލިބުން ޕެނަލްޓީއެއްގައެވެ. ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައި މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒީމާއެވެ.

ދެވަނަ ހާފުގައި ރިއާލް މެޑްރިޑުން ވަރުގަދަ އެޓޭކް ތަކެއް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް ގިނަ ހަމަލާ ތަކުގެ ހުރަހަކަށްވީ ރިއާލް ބެޓިސްގެ ކީޕަރު ޖޮއެލް ރޮބީސް އެވެ.

މެޗުގެ 82 ވަނަ މިނެޓުގައި އަންދްރެސް ގުއެރްޑަރްޑޯ ގެ އެހީގައި ކްރިސްޓިއަން ޓެޔޯ ވަނީ އިތުރު ގޯލެއް ޖަހާ ރެއާލް ބެޓިސް އަށް ލީޑު ނަގައިދީފައެވެ.

މި މެޗުން ބަލިވުމުން ބާސާއަށްވުރެ 2 ޕޮއިންޓް މަދުން ލިބި ރެއާލް މެޑްރިޑް އޮތީ ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި ބާސާ އޮތީ 27 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިންވަނައިގައި ސެވިއާ އޮތީ 47 ޕޮއިންޓްއާ އެކުއެވެ.