ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖެއާ ހަމައަށް ވެސް އައިސް ރާއްޖެއިން މިހާރު ވަނީ މި ވައިރަހަށް 6 މީހަކު ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 4 މީހުންނަކީ ޅ.ކުރެއްދޫގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނެވެ.

ޅ.ކުރެެއްދޫގައި މަސައްކަތް ކުރާ 2 މުވައްޒަފަކު ށ.ފޯކައިދުއަށް ދިޔުމާއެކު ރަށު ރައްޔިތުންގެ މެދުގައި ވަނީ ނުތަވަސްކަމެއް އުފެދިގެން ގޮސްފައެވެ. އޭގެ ތެރެއިން އެކެއްގެ ގައިން ޝައްކުކުރެވޭ އަލާމާތްތަކެއް ފެނި އޭނަ ފަރުކޮޅުފުއްޓަށް ވެސް ގެންދެވުނެވެ. ނަމަވެސް އެމީހާގެ ޓެސްޓު ނެގެޓިވްކަން ކަމާބެހޭ ފަރާތްތަކުން ހާމަކުރުމާއެކު އެރަށު ރައްޔިތުންނަށް މިވަގުތަށް ވަނީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބިފައެވެ.

އެރަށުގެ އާންމު ހާލަތު ވީނިއުސްއާއި ހިއްސާކުރައްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ އެމީހާ ކަރަންޓީނު ކުރި ހިސާބުން ވަރަށް ބޮޑަށް ރަށް ހިމޭންވެފައިވާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން އެދުވަހުން ފެށިގެން ކައުންސިލްގެ ހުރިހާ އެންގުންތަކަށް ވަރަށް ބޮޑަށް ތަބާވެފައިވާކަން ފާހަގަކުރައްވާ ރާޝިދު ވިދާޅުވީ ރަށުގެ ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރީ ވަރަށް ރަނގަޅަށް ކަމަށެވެ.

ބައްޔަށް ޝައްކުކުރެވުނު މީހާ ނެގެޓިވްވި ހިސާބުންވެސް ރައްޔިތުން މަގުތަކަށް ނިކުމެ ހަލަބޮލިވެ ނޫޅޭ ކަމަށާއި، ރައްޔިތުން އަދި އެގޮތަށް އުޅެންވެސް ބޭނުންނުވާ ކަމަށް ރާޝިދު ވިދާޅުވިއެވެ. ރަށުގެ ރައްޔިތުން މިހާރު އެންމެ ބޭނުންވަނީ ކެތްތެރިކަމާއެކު އިތުރަށް ކުރަންވީ ކަންތައްތައް ކުރަން ކަމަށާއި ހަރުދަނާ ކުރަންޖެހޭ ކަންކަން ހަރުދަނާ ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ވަކި ކޭސް ނެގެޓިވްވީމަ މިކަމާ ފަރުވާ ކުޑަކޮށްލާފަ މިކަމާ ގުޅިގެން އަޅާފަ ހުރި ފިޔަވަޅުތައް ނައްތާލާފަ އަނެއްހެން މާކަބޮޑަކަށް އޯޕެން ކޮށްލާކަށް އެއްވެސް ބަޔަކު ބޭނުމެއްނުވޭ. ދެން އަނެއްހެން ރަށުގެ އާންމު ހާލަތު ހަމަ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު. ހުރިހާ ރައްޔިތުންގެ ވެސް ވިސްނުން ހުރީ މިކަމުން ދިމާވެދާނެ ނުރައްކަލުން އަރައިގަތުމަށާއި އަދި ދިމާވެދާނެ ކަންކަން ކުޑަ ކުރުމަށް ކުރަންޖެހޭ މަސައްކަތް އެންމެ ފަހު ދުވަހާއި ހަމައަށްވެސް ކުރަން. އަދި ކޭސް ނެެގެޓިވްވިޔަސް އެއްވެސް ކަމެއް ސްލޯއެއްވެސް ނުކުރަން. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ށ.ފޯކައިދޫއަށް ވަރަށް ޚާއްސަ ސަމާލުކަމެއް މިވަގުތު ދީގެން ތިއްބާ އެކޭސް ނެގެޓިވް ވީމަ ހުރިހާ އެންމެންވެސް ވަރަށް އުފަލުން ތިބީ."
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު

ފޯކައިދޫގައި ކާޑުގެ ބާވަތްތަކަށް އެއްވެސް ދަތިކަމެއް ނެތްކަން ފާހަގަކުރައްވާ ރާޝިދު ވިދާޅުވީ ކައުންސިލުން އެކަންތައްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މިކަން ސަމާލުކަމަށް ނާންނަނީސް ބައެއް ގޭބީސީތަކުން ތަންކޮޅެއް ގިނައިން ކާޑުގެ ބާވަތްތައް ގަތް ކަމަށާއި އެހެންނަމަވެސް މިހާރު ގޭބީސީތަކަށް ކާޑުގެ ބާވަތްތައް ދޫކުރާނީ އާންމުކޮށް ގޭގެއަށް ބޭނުންވާ ރޭޓުން އާންމު އުސޫލުން ކަމަށްވެސް ރާޝިދު ވިދާޅުވިއެވެ.

އަނެއްހެން މީހުން ނުވެސް އުޅޭ ކާޑު ގަނެފަ ކާޑު ފޮރުވާފަ ހަދާކަށްވެސް. ކާޑުގެ ބާވަތްތަކާއި އަދި އެހެނިހެން ބާވަތްތައްވެސް އިރާދަކުރެއްވިއްޔާ ހުސްނުވެ ލިބެން އަދި އެބަހުރި."
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު

ރާޝިދު ވިދާޅުވީ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލަރުންނާއި އަދި ޓާސްކް ފޯސް ގުޅިގެން އެ ރަށެއްގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އެ ރަށަކަށް އަރައިފައިބާ މީހުން ބަލާނެ ކަމަށާއި އެގޮތުން ފޯކައިދުއަށް އަރައިފައިބާ މީހުންގެ ހުރިހާ މައުލޫމާތެއް އެއްކުރަމުންދާ ކަމަށެވެ. އަދި ކޮންމެހެން ކުރަން ޖެހިގެން ކުރާ ދަތުރެއް ފިޔަވައި އެއްވެސް ދަތުރެއް ނުކުރާނެ ކަމަށާއި އަދި ދަތުރެއް ކުރިކަމުގައިވީނަމަވެސް ހޮޓްލައިނަށް ގުޅައިގެން ހުއްދަ ހޯދައިގެން އެ ފަރާތްތަކުން ދަތުރުކުރާ ކަމަށްވެސް ރާޝިދު ވިދާޅުވިއެވެ.

ށ. ފޯކައިދޫގެ އާންމު ސިއްހީ ހާލަތާއި އަދި ޓާސްކް ފޯހުގެ އެންމެ ފަހުގެ މައުލޫމާތުތައް ވީނިއުސްއާއި ހިއްސާ ކުރައްވަމުން ފޯކައިދޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަދި ޓާސްކް ފޯހުގެ މެނޭޖަރު އަހުމަދު އަންވަރު ވިދާޅުވީ ރަށުގެ އާންމު ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅު ކަމަށެވެ. ރަށުގައި މާބޮޑު ކަންބޮޑުވުމެއް މިވަގުތު ނެތް ނަމަވެސް ރާއްޖޭގައި މިވަގުތު ކޮވިޑް-19 ފެތުރެމުންދާތީ އެ ބިރުވެރިކަން އެބައޮތް ކަމަށެވެ. އަދި ކޮވިޑް-19ގެ ނުރައްކާ ރާއްޖެއަށް އޮތުމާއެކު ރައްކާތެރިވުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރައްވާ އަންވަރު ވިދާޅުވީ މިބަލީގެ ތަޖުރިބާ ކުރަންޖެހުނު ރަށެއްގެ ގޮތުގައި ފޯކައިދޫ ވުމުން ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވިފައިވާތީ ދެން އިތުރަށް މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށެވެ.

ހެލްތު ސެންޓަރުގައި އާންމުކޮށް އަޅުގަނޑުމެންނަށް އަންނަ ކޭސްތަކަށް އެޓެންޑް ނުކުރެވޭ ވަރުގެ އެއްވެސް ހާލަތެއް ހެލްތު ސެންޓާރުގައި ނެތް. ހުރިހާ ކަމެއްވެސް ހުރީ ވަރަށް ރަނގަޅަށް. ށ. އަތޮޅުގެ އެހެން ރަށްރަށާއި ޚިލާފަށް ފޯކައިދޫއިން އިތުރުކަމެއް އަންނަ ކަމަށްވާނަމަ އެޓެންްޑް ކުރެވޭ ވަރު އެބަހުރި. އަދި ކޮންމެ ރަށެއްގައި ކަމެއް ދިމާވިޔަސް އަތޮޅު ހޮސްޕިޓަލުން ވަގުތުން އެޓެންޑް ވާނެ. މާލެއިން ބަޔަކު ކޮންމެހެން އަންނާކަށް ނުޖެހޭނެ."
ފޯކައިދޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަދި ޓާސްކް ފޯހުގެ މެނޭޖަރު އަހުމަދު އަންވަރު

ފޯކައިދޫ އޮތީ އެންމެނަށް ހުޅުވާލައިފައިކަން ފާހަގަކުރައްވާ އަންވަރު ވިދާޅުވީ ރިސޯޓުތަކުން ރަށަށް އަންނަ މީހުން ހެލްތު ސެންޓަރަށް ގެންގޮސް މެޑިކަލް ޗެކަޕެއް ހަދާނެ ކަމަށެވެ. އެގޮތަށް ކަންތައް ކުރަން ނިންމީ ރޯގާގެ އެއްވެސް އަލާމާތެއް ފެނޭތޯ ބެލުމަށް ކަމަށާއި ކިރިޔާވެސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ހޯމް އައިސޮލޭޝަންގައި ހުރުމަށް އެމީހަކަށް ނަސޭހަތްތެރިވާނެ ކަމަށެވެ.

އަޅުގަނޑުމެންވެސް ނޭދެން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ އަޅުގަނޑުމެންގެ ރަށަށްވެސް ކުރާކަށް. އަދި ފޯކައިދޫ އިންވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުން. އަދި އެހެން ރަށަކަށް ދާނަމަވެސް އަޅުގަނޑުމެންގެ ހޮޓްލައިން 9548354 އަށް ގުޅައިގެން ހުއްދަ ހޯދައިގެން ނޫނީ ދަތުރު ނުކުރުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް."
ފޯކައިދޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަދި ޓާސްކް ފޯހުގެ މެނޭޖަރު އަހުމަދު އަންވަރު

ކުރެއްދޫ ރިސޯޓުން ފޯކައިދުއަށް ދިޔައީ 2 މުވައްޒަފުންކަން ފާހަގަކުރައްވާ އަންވަރު ވިދާޅުވީ އޭގެ ތެރެއިން އެކަކު މިވަގުތު ހުރީ އަމިއްލައަށް އެދިގެން ހޯމް އައިސޮލޭޝަންގައި ކަމަށާއި އެކަމަކު އަދި މިހާތަނަށް އެމީހާގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް މުއްދަތު ހަމަކުރުމަށް އެދިފައިވާނެ ކަމަށްވެސް އަންވަރު ވިދާޅުވިއެވެ. ފަރުކޮޅުފުށީގައި ކަރަންޓީނު ކުރި މީހާ ކޮވިޑް-19 އަށް ނެގެޓިވްވިކަން ހެލްތުން އިއުލާންކުރި ހިސާބުން އެނާގެ އާއިލާގެ 8 މެމްބަރުންނަށްވެސް އާންމުންގެ ތެރެއަށް ނިކުމެ އުޅުމުގެ ހުއްދަ މިހާރު އޮންނާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވުނު އާއިލާއަށް ފޯކައިދޫ ރައްޔިތުން ބުލީކުރާކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރުނުނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން ފާހަގަކުރައްވާ އަންވަރު ވިދާޅުވީ ފޯކައިދުއަކީ ފެށުނީއްސުރެ އެއްބައިވަންތަ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށާއި ކޮންމެ ކަމެއްގައިވެސް އެއް ހަށިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި ރަށުގެ ހުރިހާ ރައްޔިތުން ތިބީ އެ އާއިލާއާއި އެކުގައި ކަމަށާއި އެ އާއިލާއަށް ހިތްވަރު ނުދޭ އެއްވެސް ބަޔަކު ނެތް ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ވީހާވެސް ބޮޑަށް ސާފުތާހިރުކަމަށް ސަމާލުވުމަށާއި ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އަންވަރު ވަނީ އެދިވަޑައިގެންފައެވެ. އަދި ޓާސްކް ފޯހުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށްވެސް އަންވަރު ވަނީ ފޯކައިދޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.