މިއަހަރުގެ ފެބުރުވަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް އާމްދަނީގެ ގޮތުގައި 1.43 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 12.3 އިންސައްތައިގެ އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 2.2 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނީ މިދިޔަމަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންކަމަށެވެ. އަދި، މިދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ މިމުއްދަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މީހުން ފުރާފައިވާ މިންވަރު އިތުރުވެފައިވުމުގެ ސަބަބުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގެ ލިބިފައިވާ ފައިސާ ވެސް ވަނީ އިތުރުވެފައެވެ.

ފެބުރުވަރީ 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އާމްދަނީގެ 43.7 އިންސައްތަ ޖީއެސްޓީގެ އާމްދަނީ ހިއްސާކުރާއިރު، އެއީ 625 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. ބީޕީޓީގެ ގޮތުގައި 413 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ 28.9 އިންސައްތައެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 77.02 މިލިއަން ރުފިޔާ ލިބިފައިވާއިރު، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.8 މިލިއަން ރުފިޔާ، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 72.53 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 168.86 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ.

މީރާއަށް ފެބުރުވަރީ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 57.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.