ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރާނާވައިރަސް ނުވަތަ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައެޅުމާއެކު ދުނިޔޭގެ އިގްތިސާދަށް އެކަމުން ލިބޭނެ ގެއްލުންތަކާމެދު ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަނީ ވިސްނަމުންނެވެ. އަދި މި އަނދަވަޅުން އަރައިގަތުމަށްޓަކައި ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމުގެ ދިރާސާތަކެއްވެސް އަންނަނީ ކުރަމުންނެވެ.

މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަނީ ތަރައްގީވަމުން އަންނަ ގައުމުތައް ކަމަށެވެ. އެގޮތުން ރާއްޖެފަދަ ކުޑަ ގައުމުތަކަށް މިކަމުގެ ސަބަބުން ދިމާވާނެ ކަންތައްތައް ވަރަށް ގިނައެވެ. ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށްވުމުން ލިބޭނެ ގެއްލުން ބޮޑުވާނެކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް އެންމެ ބޮޑު ބައެއް ހިއްސާކުރާ އެއްބަޔަކީ ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.

ކޮވިޑް-19 ފެތުރޭން ފެށީ ޗައިނާގެ މެއިންލޭންޑުން ކަމަށްވުމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކަށް އެގައުމުން ދަތުރުކުރާ ފަތުރުވެރިން މަދުވުމުން އެކަމުގެ ހީނަރުކަން ރާއްޖެއަށްވެސް ކުރާކަން ތަފާސްހިސާބުތަކުން ފެންނަން ފަށައިފިއެވެ. އެގޮތުން މިދިޔަ އަހަރުގެ ތަފާސްހިސާބު ދައްކާގޮތުން 16.70 ޕަސެންޓްގެ ހިއްސާއާއެކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރީ، ޗައިނާއިންނެވެ. އެއީ 284،029 ފަތުރުވެރިންނެވެ. އޭގެ ކުރީ 2018 ވަނަ އަހަރު ޗައިނާގެ ހިއްސާއަކީ 19.10 އިންސައްތައެވެ. އަދި 2017 ގައި އެ ނިސްބަތް އުޅުނީ އެއަށްވުރެވެސް މަތީގައި، 28.30 އިންސައްތައިގައެވެ. އަދި 2019 ގައި ޒިޔާރަތްކުރި 284،029 ފަތުރުވެރިންނަކީ 2017ގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު ނިސްބަތުން 40،000 މީހުންނަށްވުރެ މަދު އަދަދެއްކަން ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ބައިވެރިޔަކީ ޗައިނާ ކަމަށްވާއިރު ކޮރޯނާވައިރަހުގެ ސަބަބުން ޗައިނާގެ ރައްޔިތުން ދަތުރުކުރުން ހުއްޓިފައިވާ މި ދުވަސްވަރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް، އަދި ޖުމްލަކޮށް މުޅި އިގްތިސާދަށް ނޭދެވޭ އަސަރު ނުކުރާނެ ކަމަށް ބެލެވޭކަށް ނެތެވެ. 2019 ގައި ޗައިނާ އާއި އިންޑިޔާ ފިޔަވައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިޓަލީވިލާތާއި ޖަރުމަންވިލާތާއި އަދި އިނގިރޭސިވިލާތުންނެވެ. މުޅި ޔޫރަޕުން އައި 833،939 ފަތުރުވެރިންނަކީ ރާއްޖޭގެ މުޅި ޖުމްލައިގެ 49 އިންސައްތައެވެ. ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތަކީވެސް ފާހަގަކުރެވޭ ސިނާއަތެކެވެ.

މި ވައިރަހާ ގުޅިގެން މި ސިނާއަތަށް އަންނަ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަނީ ފްރޮންޓްލައިން އިންޑަސްޓްރީއެއްގެ ގޮތުގައި ކަމަށްވިޔަސް ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ސިނާއަތް ކަމަށެވެ. އަދި ޓޫރިޒަމަށް އަންނަ ކޮންމެ ލޮޅުމަކީ މުޅި ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުމެއް ކަމަށެވެ. ވޯލްޑް ބޭންކް އަދި އޭޑީބީ ފަދަ ތަންތަނުންވެސް ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އަންނަ ބޮޑު ބަދަލުތަކުގެ ތެރޭގައި ރާއްޖެއަށް 3 އިންސައްތައިގެ ހިޓެއް އަންނާނެ ކަމަށް ލަފާކޮށްފައިވާ ކަމަށް ޖަނާހު ވިދާޅުވިއެވެ.

އެއީ މިހާރުގެ ހާލަތު. އެހެން ފަހަރު ފަހަރާ ޚިލާފަށް މި ކަމަކީ އަންނޯން ޓެރެޓަރީއެއް. އެހެންވީމަ އަންނޯން ޓެރަޓަރީއެއްގައި ތިބޭ އިރު އެއީ އަދި އެއަށްވުރެން ބޮޑަށް ކިހާ މުއްދަތަކަށް މިކަން ދެމިގެންދާނެތޯ ނުވަތަ މުޅި އަހަރަށް ދެމިގެންދާނެތޯ މިއީވެސް ނޭގޭ ކަމެއް. މިސާލަކަށް ސުނާމީ ހާދިސާ އަކީ ވަންޓައިމް ހާދިސާއެއް. އެކަމުން ރިކަވާރ ކުރެވޭ. އަދި ރިކަވާ ސްޓޭޖުގައި ކޮންޓްރޯލް އަޅުގަނޑުމެންނަށް އެބައޮތް. ނަމަވެސް އެއާއި ޚިލާފަށް މިކަމުގައި މިއޮތީ މުޅި ދުނިޔޭއާއި ކުރިމަތިވެފަ. ރިކަވަރީއަށް އަޅުގަނޑުމެންނަށް ދެވޭނީ ކިހާ އިރަކުތޯ އާއި ރިކަވަރީއަކަށް ގޮސްފިނަމަ ދެން ކަންތައް ވާނީ ކިހިނެއްތޯ ކަމެއް އަޅުގަނޑުމެންނަކަށް ނޭގެ. ހަމަ އަންނޯން ޒޯނެއްގައި މިތިބީ."
މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު

އިމާރާތްކުރުމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަންނާނެކަން ފާހަގަކުރައްވާ ޖަނާހު ވިދާޅުވީ މަސީގެ ރައީސްގެ ހައިސިއްޔަތުން ވަރަށް ގިނަ މަޝްވަރާތަކާއި ދިރާސާތައް ކުރަމުންދާ ކަމަށެވެ. އަދި މީގައި އެންމެ މުހިންމު ކަމަކީ އިންޑަސްޓްރީގެ ތެރޭގައި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މީހުންނާއި ސަރުކާރުގެ ޕީއެސްއައިޕީގެ މަސައްކަތް ހިންގާ ފަރާތްތައްވެސް ތިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަރާތްތަކުގެ ނުހަނު ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވާ ޖަނާހު ވިދާޅުވީ މަޝްރޫއުތައް ކުރިއަށްގެންދާނީތޯ ނުވަތަ ސަރުކާރަށް އެ މަސައްކަތް ކުރުމަށް ކުޅަދާނަވޭތޯ އެއީ މިވަގުތު އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން އުފައްދާ ސުވާލުތަކެއް ކަމަށެވެ.

އަޅުގަނޑުމެންނަށް އަންޑަސްޓޭންޑްވޭ ދައުލަތަށްވެސް އަދި ރިޒާވަށްވެސް އަދި ބަޖެޓަށްވެސް އަންނާނެ ލޮޅުންތައް. އެހެންވީމަ އަޅުގަނޑަށް ހީވަނީ އެންމެ މުހިންމު އެއް ކަމަކީ މިހާރު ކްލިއާކޮށް އެނގުން ކޮންކަހަލަ ޕާޓެއްތޯ ސަރުކާރުން ނަގާނީ. ސަރުކާރުން އެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދާނީތޯ. އަދި ކުރާ މަސައްކަތަކަށް ފައިސާ ލިބިދާނެތޯ މިއީ ހައްތަހާވެސް މެމްބަރުން އުފައްދާ ސުވާލުތައް. މުޅި އިންޑަސްޓްރީ އޮންނަނީ ވަރަށް ބޮޑު ނެޓްވޯކެއްގެ ތެރޭގަ. ލާރި ލިބޭ ވަރަކުން ތަންތަނުން މުދާ ނަގާ ފައިސާ ދައްކާ. ޕްރައިވެޓް ސެކްޓާ ފިހާރަތަކަށާއި އެސްޓިއޯ އާއި ބޭރުގެ ސަޕްލަޔަރުންނަށާ. މިހުރިހާ ކަމެއް ގުޅިފައި އޮންނަނީ ޕޭމަންޓް ޕްރޮސެސިންގެ ތެރެއިން"
މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު

ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދު ވަރަށް ފުޅާކޮށް ވާހަކަދެކެވެން ޖެހޭނެ ކަމަށާއި އެ ދޮރު ހުޅުވިފައި ނެތްނަމަ އެންމެނަށްވެސް ތިބެވޭނީ ނޭނގުމެއްގެ ތެރޭގައި ކަމަށް ޖަނާހު ވިދާޅުވިއެވެ. އަދި ވިޔަފާރިތަކަށް ދެވޭނެ ލުއި ގޮތްތަކާ މެދު ސަރުކާރުން ވިސްނަވާނެ ކަމަށް ވިދާޅުވެ ޖަނާހު ވިދާޅުވީ ވިޔަފާރިތައް ނުދެމެހެއްޓިއްޖެނަމަ މުސާރަތަކަށް ލޮޅުން އަރާނެ ކަމަށެވެ. އަދި މިކަހަލަ ހާލަތްތަކުގައި ގިނަ ވިޔަފާރިތައް ބަނގުރޫޓުވެގެންދާނެ ކަމަށްވެސް ޖަނާހު ވިދާޅުވިއެވެ. އަދި ކޮންމެ ހާލަތެއްގައިވެސް އެންމެ މުހިންމީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަން ޖަނާހު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އާއި މުޅި ދުނިޔެ ބައްދަލުކުރީ އެއްވެސް ބަޔަކު އެ ބައްޔަށް ތައްޔާރުވެގެން ތިއްބައެއް ނޫނެވެ. މި ކަމުން ސަލާމަތްވާނެ ގޮތްތައް އަދި ހޯދިފައިނުވާއިރު ދިވެހިރާއްޖޭގައި މިކަމުގައި އެންމެ ކަންބޮޑުވާ ބަޔަކީ ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކާ މީހުންނާއި އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުންނެވެ. ދިމާވާ މިފަދަ ބޮޑެތި ކަންކަމުން އަރައިގަތުމުގައި އަމިއްލަ ފުއްދުންތެރިކަމާއެކު ކަންކަން މެނޭޖް ކުރުމަކީވެސް އޮތް ކަމެކެވެ. މިކަމުގެ މައުލޫމާތުތައް ވީނިއުސްއާއި ހިއްސާކުރައްވަމުން އިގްތިސާދީ މާހިރެއް ކަމަށްވާ މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވީ މި ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށެވެ. މިކަމުގައި އެންމެ ވިސްނަންޖެހޭ ކަމަކީ މި ބައްޔަކީ ކިހިނެއް އައި ބައްޔެއްކަން ނޭގުންކަން ފާހަގަކުރައްވާ ނަސީމް ވިދާޅުވީ މި ބައްޔަށް ދެން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި ބައްޔަށް ފަރުވާ ހޯދޭނެ ދުވަހެއް ނޭގުން ކަމަށެވެ. މުޅި ދުނިޔެއަށް މިބަލީގެ ސަބަބުން އަސަރުކުރާ ކަމަށާއި ވިޔަފާރިތަކާއި އެންމެ ބޮޑަށް ގުޅިފައި އޮތީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ގުޅިފައި އޮންނަނީ ދަތުރުވެރިކަން. މި ދެ ކަމަކީ އެންމެ ބޮޑަށް ހީނަރުކަން އަންނަ ދެ ކަން. އެއާއި ގުޅިގެން އަޅުގަނޑުމެން މިދެނީ ރިސޯޓުތަކުގެ އެނދުތައް. މިހާރުވެސް އަޅުގަނޑުމެން ކުރާ ދިރާސާތަކުންވެސް ރާއްޖޭގެ ރިސޯޓުތަކުގެ 50 އިންސައްތައިގެ އެނދު ހުރީ ހުސްކޮށް. ރާއްޖޭގެ ދަތުރުފަތުރުވެސް ގާތްގަނޑަކަށް އެ މިންވަރަށް ވެއްޓިއްޖެ. މިކަންކަމަށް އޮތް ފަރުވާ އަކީ މިކަންކަމަށް ތައްޔާރުވެ ތިބުން."
ނަފާ ނަސީމް

ކޮވިޑް-19 އާއި ގުޅިގެން ބައެއް ފަރާތްތަކުން ކާޑުގެ ބާވަތްތައް ގަނޑުކޮށް ގަނެ ރައްކާކުރާ ކުރުމަކީ ރަނގަޅު ކަމެއް ނޫންކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވީ ގަނޑުކޮށް މުދާ ގަނެގެން އެއިން ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އެގޮތުން ގަނޑުކޮށް މުދާ ގަނެ ރައްކާ ކޮށްގެން ތިއްބާ ބަލި ޖެހިއްޖެ ކަމަށްވާނަމަ ގަތް މުދާތަކުގެ އެއްވެސް ބޭނުމެއްނެތި އެކަން ވާނީ ވަރަށް ބޮޑު އިސްރާފަކަށް ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

އެހެންކަމުން ކާޑު ގަތުމަކީ ހައްލެއް ނޫން. ހައްލަކީ މި ރޯގާއަށް ރައްކާތެރިވުން. އަދި ވަޒީފާތަކުން މީހުން ކެނޑުމަކީވެސް ހައްލެއްނޫން. މަޑުމަޑުން މުސާރަ ދަށްކޮށްލަންވީ. އަޅުގަނޑުމެން އެންމެންވެގެން މިކަން ކުރެވިއްޖެނަމަ މިކަމުން އަރައިގަނެވޭނެ. އަދި މިކަމަކީ އެއްވެސް މީހެއްގެ އަތުގައި އޮތް ކަމެއްނޫން."
ނަފާ ނަސީމް

ބޭކާރު ޚަރަދު ކުޑަ ކުރުމަށްޓަކައި ކޮފީތަކަށް ދިޔުން މަދު ކުރުމަށާއި ކުރާ ހުރިހާ ކަމެއް އިގްތިސާދު ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި ފޯން ކޯލްތަކާއި ކެއިން ބުއިމުންވެސް އިގްތިސާދު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.