ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްފިއެވެ.

އިންތިހާބު ފަސްކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށެވެ. އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިންތިޚާބު ފަސްކޮށްފައި މިވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 30 ދުވަހުގެ މުއްދަތަކަށް ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ އޭޕްރިލް 18 އަކީ ގާނޫނުގައިވާގޮތުން އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ތެރެއިން، އިލްކެޝަން ފަސްކުރެވެން އޮތް އެންމެ ލަސް މުއްދަތު ކަމަށެވެ. އެއަށްވުރެ އިންތިޚާބު ލަސްކުރާނަމަ އެކަން ކުރެވޭނީ ކޯޓު އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާނޫނީ ބަދަލުތަކެއް ގެނެސްގެން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށްވުރެ އިތުރުކޮށް އިންތިޚާބު ބާއްވަން ނިންމާފައިވާ ތާރީހު އެ މުއްދަތުގެ ތެރެއަށް ވަދެގެންދާނަމަ އެކަމަށް ހައްލު ހޯދުމަށް ކޮމިޝަނުގެ ފަރާތުން، ކޯޓަށް ގޮސް މަސައްކަތް ކުރާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ގައުމުގައި އޮތް ހާލަތާއި ގުޅިގެން އިންތިޚާބު ފަސްކުރި ނަމަވެސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާސްތައް ޕްރިންޓުކުރުމާއި، ރަށްރަށަށް ފޮނުވަން ޖެހޭ ތަކެތި ބަންދުކުރުން ފަދަ ގިނަ މަސައްކަތްތައް މިހާރު ހުރީ ނިމިފައި ކަމަށެވެ.

ކޮމިޝަނުގެ މަސައްކަތްތައް ނިމިފައިވާ މިންވަރަށް ބަލައި، މިހާރު އިންތިޚާބު ފަސްކޮށްފައިވާ ދުވަހަށް ފަސްކޮށްގެން މާބޮޑު އިތުރު ޚަރަދެއް ހިނގާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ހިނގާނީ ހަމައެކަނި މުވައްޒަފުންނަށް އިތުރަށް ކުރަން ޖެހޭ ޚަރަދުތައް ކަމަށެވެ. އެހެންނަމަވެސް މުޅި އިންތިޚާބު ދިގު މުއްދަތަކަށް ފަސްކުރެވި މިހާރު ކޮށްފައިވާ މަސައްކަތްތައް އަލުން ކުރާ ހިސާބަށް ގޮސްފި ނަމަ ވަރަށް ބޮޑު ޚަރަދެއް ދާނެކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ސިޔާސީ ގިނަ ބޭފުޅުންނާއި އާންމުންގެ ތެރެއިންވެސް ގިނަ ބަޔަކު ގޮވާލުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އިންތިޚާބު ފަސްކުރާނަމަަ ސަރުކާރުން އިތުރު ބޮޑު ޚަރަދެއް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން އިތުރު 30 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.