ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގައި ހިނގަމުންދާ ގިނަ ކަންތައްތަކަކަށް މިވަނީ ބުރޫއަރާފައެވެ. މުހިންމު ގިނަ ކަންތައްތަކެއް ހުއްޓުމަކަށް އައިސްފައިވާއިރު ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އަދި ކުޅެމުންދާ ކުޅިވަރު ފުޓުބޯޅައަށްވެސް މިވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ވައިރަސްގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ ގިނަ އަދަދެއްގެ މުަބާރާތްތަކެއް ފަސްކޮށް ބައެއް މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅުމަށްވެސް އަންގާފައެވެ. އެގޮތުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުޅޭ މެޗުތައްވެސް މިވަނީ ވަކި ތާރީހެއް ނެތްގޮތަށް ފަސްކޮށްފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގު ވެސް ވަނީ ފަސްކޮށްފައެވެ. އަދި ޔޫރޯ 2020 ވެސް ފަސްކުރުމަށް ވާހަކަ ދެއްކުމަށް ކަމާ ބެހޭ ފަރާތްތަކުން ބައްދަލުވުމަކަށް ދިޔުމަށް ވަނީ ނިންމާފައެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ

ޕްރިމިއަރ ލީގަށް ބަލާއިރު، ލީގު މިވަގުތު ވަނީ އޭޕްރީލް ތިނަކާ ހަމައަށް މެދުކަނޑާލާފައެވެ. އަދި ވައިރަސް ފެތުރެމުންދާ މިންވަރަށް ބަލައި މި ތާރީޚް އިތުރަށް ފަސްކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މިކަމުގެ ސަބަބުން އާސެނަލްގެ ޓްރެއިނިންގް ގްރައުންޑް ބަންދުކޮށް ގިނަ އަދަދެއްގެ އޮފިޝަލުންނާްއި ފުރަތަމަ ޓީމުގެ ކުޅުންތެރިން ސެލްފް އައިސޮލޭޓް ކުރުމަށް އެޓީމުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވައިރަސްގެ ސަބަބުން އެވަޓަންގެ މުޅި ޓީމްވެސް މިވަނީ ސެލްފް އައިސޮލޭޓް ކުރުމަށް ނިންމާފައެވެ. އެޓީމުން މި ނިންމުން ނިންމީ އެޓީމުގެ ކުޅުންތެރިއެއްގެ ގައިން ވައިރަހުގެ އަލާމާތްތައް ފެނުމުންނެވެ. މީގެ އިތުރުން ޗެލްސީ، ލެސްޓާރ ސިޓީ، މެންޗެސްޓާރ ސިޓީ އަދި ބޯންމަތުގެ މުޅި ޓީމުވެސް ސެލްފް އައިސޮލޭޓް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ވެސްޓްހަމްގެ ކުޅުންތެރިންގެ ތެރެއިން އާސެނަލްގެ އެއްވެސް ފަރާތަކާ ކޮންޓެކްޓްވެފައިވާ ކުޅުންތެރިން އައިސޮލޭޓް ކުރުމަށް އެޓީމުންވެސް ވަނީ ނިންމާފައެވެ.

ލަލީގާއަށް ބަލާލާއިރު ކުރިއަށް އޮތް ދެހަފުތާއަށް މެޗުތައް މެދުކަނޑާލުމަށް އެލީގުން ވަނީ ނިންމާފައެވެ. ލީގުން މިގޮތަށް ނިންމީ ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން ރެއާލްގެ ފުޓުބޯޅަ ޓީމް އެއްކޮށް އައިސޮލޭޓް ކުރުމަށް އެޓީމުން ނިންމުމާ ގުޅިގެންނެވެ.

ވައިރަސްއަށް ޕޮޒިޓިވްވި ރުގާނީއާއެކު ކުޑަ ދުވަސްކޮޅެއް ކުރިން ޖުވެންޓަސްގެ ޓީމް ނަގާފައިވާ ފޮޓޯއެއް

ވައިރަހާ ގުޅިގެން މުޅި އިޓަލީ ލޮކްޑައުންއެއްގައި ވާއިރު އެގައުމުގައި ހިންގާ ކުޅިވަރުގެ އެންމެހާ ކަންކަން މެދުކަނޑާާލަން އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން އިޓާލިއަން ލީގުގައި ކުޅޭ ޔުވެންޓަސްގެ މުޅި ޓީމު، ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭގޮތަށް އައިސޮލޭޓް ކުރުމަށް ވަނީ ނިންމާފައެވެ. މި ނިންމުން ނިންމީ އެ ޓީމަށް ކުޅޭ ޑިފެންޑަރު ޑެނިއެލް ރުގާނީ ވައިރަހަށް ޕޮޒިޓިވްވެފައި ވާތީއެވެ. އެޓީމުގެ އިތުބާރު ފޯވާޑް ޕައުލޯ ޑީބާލާވެސް ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފްރާންސްގެ ލީގް 1 އަދި ޖަރުމަނުގެ ބުންޑެސްލީގާ ވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރެވިފައި ނުވާއިރު ޑަބްލިއުއެޗްއޯއިން ވަނީ މި ވައިރަސް ޕެންޑެމިކެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ރާއްޖޭގައި މިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ. މީގެ އިތުރުން އޭފެފްސީ ކަޕުގައި ބަންގާޅުގެ ބަޝަންދުރާ ކިންގްސްއާ ވާދަކުރުމަށް އެގައުމަށްދިޔަ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބްވެސް ވަނީ ލަންކާގައި 14 ދުވަސް ވަންދެން އައިސޮލޭޓްކުރުމަށް ނިންމާފައެވެ.