ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ސަބަބުން ބޮލީވުޑްގެ ބޮޑެތި ފިލްމުތައް ސިނަމާތަކަށް ގެންނަ ތާރީޚަށް ބަދަލުގެންނަން ފަށައިފިއެވެ.

ހިންދީ ފިލްމުތަކުގެ އެންމެ ބޮޑު އޯޑިއެންސެއް އޮންނަ މުމްބާއި އަދި ނިއު ދިއްލީގެ ގިނަ ސިނަމާ ހޯލްތައް ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވަނީ ބަންދުކޮށްފައެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ ތާރީޚަށް ބަދަލު ގެނަސްފައިވަނީ މިމަހު 24 ގައި ރިލީޒްކުރަން ނިންމާފައި އޮތް ރޯހިތު ޝެއްޓީގެ "ސޫރްޔަވަންޝީ" އެވެ. މިފިލްމު ފަސްކޮށްފައިވަނީ މެއި މަހުގެ 22 ވަނަ ދުވަހަށެވެ. މިތާރީޚުގައި ސަލްމާން ޚާންގެ "ރާދޭ: ދަ މޮސްޓް ވޯންޓެޑް ބާއީ" ވެސް ރިލީޒްކުރާނެއެވެ. އެހެންކަމުން ބޮލީވުޑްގެ ބޮޑު ދެ ފިލްމު އެއްދުވަސްވަރެއްގައި ރިލީޒްކުރާނެއެވެ.

މީގެ އިތުރުން މިމަހާއި އަންނަ އޭޕްރީލް މަހު ރިލީޒްކުރަން ނިންމާފައިވާ އިތުރު ބައެއް ފިލްމުތައްވެސް ފަހަތަށް ޖެއްސުމަށް ޕްރޮޑިއުސަރުން ދަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން އަރްޖުން ކަޕޫރު އަދި ޕަރިނީތީ ޗޯޕްރާ ލީޑްރޯލުން ފެނިގެންދާ "ސަންދީބް އޮރް ޕިންކީ ފަރާރް" މިމަހު 20 ގައި އަޅުވަން އޮތްއިރު ތާރީޚެއް ނެތްގޮތަށް މިފިލްމު ވަނީ ފަސްކޮށްފައެވެ.

އޭޕްރީލް 17 ގައި އަޅުވަން ނިންމާފައި އޮތް އަމީތާބް ބައްޗަން އަދި އަޔުޝްމަން ޚުރާނާގެ "ގުލާބޯ ސައިތަބޯ" ވެސް ފަސްކުރާނެކަމުގެ އިޝާރާތެއް ކޮށްފައިވާއިރު ރަސްމީކޮށް މިކަން އިއުލާންކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އޭޕްރީ 24 ގައި ރިލީޒްކުރަން ނިންމާފައިއޮތް ޖާންވީ ކަޕޫރުގެ "ގުންޖަން ސަކްސޭނާ: ދަ ކާރގިލް ގާލް" ވެސް ފަސްކުރަން ވަނީ ހަމަޖެހިފައެވެ.

އިންޑިޔާގައި ކޮރޯނާ ވައިރަސް ފެތުރެން ފަށާފައިވާއިރު މިވައިރަސް ފެތުރުނަ ނުދިނުމަށް މީހުން އެއްވާ ގިނަ ތަންތަން އަންނަނީ ބަންދުކުރަމުންނެވެ. އޭގެ ތެރޭގައި ސިނަމާތައްވެސް ހިމެނެއެވެ.

ބޮލީވުޑް ބައެއް ފިލްމުތަކުގެ މަންޒަރުތައް ނެގުން މިވަގުތަށް ވަނީ މެދުކަނޑާލާފައެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ބޮޑެތި ބައެއް ފިލްމުތަކުގެ މަސައްކަތްތައްވެސް ވަނީ ފަސްކޮށްފައެވެ.