ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން މި ސީޒަނުގެ އިނގިރޭސި ޕްރިމިއާރ ލީގާއި އެގައުމުގެ ފުޓުބޯޅައިގެ މުހިންމު އެހެންލީގުތައް ބާތިލް ކުރަންޖެހޭކަމަށް ވެސްޓް ހަމް ޔުނައިޓެޑްގެ ވައިސް ޗެއާމަން ކެރެން ބްރޭޑީ ބުނެފިއެވެ.

އަވޭ ގޯލްގެ ތަފާތުން މިވަގުތު ރެލިގޭޓް ނުވެ ސަލާމަތުން އޮތް "ދަ ހެމާޒް"ގެ ވައިސް ޗެއާމަން ބްރޭޑީ ބުނީ ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި ލީގު ފެށިދާނެ ކަމަށް ޓީމް ތަކުން ދެކެމުންދަނީ ކުލަ ނުޖެއްސޭނެ ހުވަފެންތަކެއް ކަމަށެވެ.

ވައިރަސްގެ ސަބަބުން މިހާރުވެސް މެޗުތަށް އޭޕްރިލް މަހަށް ފަސްކުރެވިފައިވާއިރު މި "ޕެންޑެމިކް"ގެ ސަބަބުން އިތުރަށް ލީގު ކުރިއަށް ގެންދެވިދާނެ ކަމާމެދު ގިނަބަޔަކު ސުވާލު އުފައްދައެވެ. ސަބަބަކީ ތާވަލުގެ ކުރީގައި އޮތް ގިނަ ޓީމްތަކެއްގެ އިތުރުން އެހެން ބައެއް ޓީމްތަކުގެ ކުޅުންތެރިންވެސް ވައިރަސްގެ ސަބަބުން ސެލްފް އައިސޮލޭޓް ކުރުމަށް ނިންމާފައިވާތީއެެވެ.

މިގޮތުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު އެޓީމުގެ ގިނަ ކުޅުންތެރިން ތަކެއް އައިސޮލޭޓް ކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެވަޓަން، ޗެލްސީ، ލެސްޓާރ ސިޓީ، މެންޗެސްޓާރ ސިޓީ އަދި ބާންމައުތް ގެ މުޅި ޓީމްވެސް ސެލްފް އައިސޮލޭޓް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ވެސްޓް ހަމް ޔުނައިޓެޑްގެ ކުޅުންތެރިން އަދި އޮފިޝަލުންގެ ތެރެއިން އާސެނަލް ޓީމުގެ އެއްވެސް ފަރާތަކާ ކޮންޓެކްޓް ވެފައިވާ ފަރާތްތައްވެސް އައިސޮލޭޓް ކުރުމަށްވަނީ ނިންމާފައެވެ.

ލީގު ބާތިލު ކުރުމަށް ނިންމައިފިނަމަ މިކަމުގެ ހިތާމަ އެންމެ ބޮޑަށް ކުރާނީ މިވަގުތު ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންނެވެ. އެއީ މީ 30 އަހަރަށްފަހު އެޓީމަށް ޕްރިމިއަރ ލީގުގެ ތަށި ލިބޭނެ ފުރަތަމަ ފަހަރު ކަމަށްވާތީއެވެ. ލިވަޕޫލް ތާވަލުގެ އެއްވަނައިގައި 82 ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި އޮތް ސިޓީއާދެމެދު 25 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. ލީގު ކަށަވަރު ވުމަށް ލިވަޕޫލްއިން ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

ލީގު ފަސްކުރަމަށް ނުވަތަ ބާތިލް ކުރުމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް މި ފެށޭ ހަފްތާގައި ލީގުގެ އިސްވެރިންނާއި ކްލަބް ތަކުން ކުއްލި ބައްދަލުވުމަކަށް ދިޔުމަށް ވަނީ ނިންމާފައެވެ.

ވައިރަސްގެ ސަބަބުން ޔޫރަޕްގެ ބޮޑެތި ލީގުތައް ކުރިއަށްދިޔުމާ ދޭތެރޭ ސުވާލު އުފެދިފައިވާއިރު ޔޫއެފްއާއިން ވަނީ ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގުވެސް ފަސްކުރުމަށް ނިންމާފައެވެ.