މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ޝޯޓް ޓަރމް ފައިނޭންސިންގ އެއް ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެހީވުމުގެ ގޮތުން، މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގުޅިގެން ތައާރަފްކުރި ޕްރޮޑަކްޓެއް ކަމަށެވެ.

މި ފައިނޭންސިންގެ ދަށުން މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ވަރކިން ކެޕިޓަލް ގެ ގޮތުގައި 2 މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސްކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާ އަނބުރާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލިބޭނެ ގެއްލުން މުޅިން ވަޒަން ކޮށްލެވޭނީ، މިކަން ދިގުދެމިގެންދާ މުއްދަތަކާއި މިކަމުގެ އަސަރުކުރާނެ ނިސްބަތުންކަމުގައިވީ ނަމަވެސް މިހާރުވެސް ފަތުރުވެރިކަމުގެ ސިނާއަތަށާއި ދިވެހި ވިޔަފާރިތަކަށް ވަނީ ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި ކަމަށެވެ. ޤައުމީ ބޭންކުގެ ހައިސިއްޔަތުން މިފަދަ ދަނޑިވަޅެއްގައި މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްގެ ޒިންމާއެއް ކަމަށް ޓިމް ސޯޔަރ ވިދާޅުވިއެވެ.

ޓިމް ސޯޔަރ ވިދާޅުވީ ބީއެމްއެލް އިން އެކުންފުނީގެ ޕާޓްނަރުންނާއެކު މިއަދު މި ތައާރަފްކުރި ޝޯޓް ޓަރމް ފައިނޭންސިންގ އަކީ މި ދަނޑިވަޅުގައި ދިވާމެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް އެކަށޭނެ ފައިނޭންސިންގ އެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް ކަނޑައަޅާފައިވާ ރިލޭޝަންޝިޕް މެނޭޖަރާ ގުޅުއްވައިގެން ނުވަތަ ބޭންކުގެ ބްރާންޗަކަށް ވަޑައިގެން މި ޚިދުމަތައް އެދި ހުށަހެޅޭނެ ކަމަށެވެ.

މި ހަފްތާ ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަހުނަކާ ނުލައި ދޫކުރާ ވަރކިން ކެޕިޓަލް ފައިނޭންސިންގ ޚިދުމަތްވެސް ތައާރަފްކޮށްފައެވެ.