ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް މިވަނީ ރާއްޖެއާ ހަމައަށްވެސް ފޯރާފައެވެ. އެގޮތުން އާދިއްތަ ދުވަހާ ހަމައަށް މިވަނީ ރާއްޖޭގައި 13 މީހަކު ވައިރަސްއަަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ގިނަ ކަންތައްތަކެއް މިވަނީ ހުއްޓުމަކަށް އައިސްފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާއިރު ރާއްޖެއިން މިވައިރަސް ފެތުރެމުންދާ މިންވަރަށް ބަލާ އެފްއޭމްއިންވެސް މިވަނީ އެ އިދާރާއިން ހިންގާ ފުޓުބޯޅަ މުބާރާތްތައް ފަސްކުރުމަށް ނިންމާފައެވެ.

އެފްއޭއެމުން މިގޮތަށް ނިންމިއިރު، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު މިވަގުތު ވަނީ ލަންކާގައި ކަރަންޓީނުކޮށްފައެވެ. ލަންކާގައި ޓީސީ ޓީމު ކަރަންޓީނުކުރީ އޭއެފްސީ ކަޕްގައި މިމަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅެން އެ ގައުމަށް އެ ޓީމު ދަތުރުކޮށްފައިވާތީވެ އެވެ. ބަންގްލަދޭޝްގައި ވައިރަސް ހަލުވިކަމާއެކު ފެތުރޭތީވެ، އެ ގައުމުން ރާއްޖެއަށް މީހުން އައުން ވަގުތީގޮތުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން ޓީސީ ޓީމު އެނބުރި ރާއްޖެ އަންނާނީ ލަންކާގައި 14 ދުވަހު ކަރަންޓީން ވުމަށްފަހުގައެވެ.

މިހާތަނަށް މި ސީޒަނުގައި ބާކީ އޮތީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. އެފްއޭއެމުން މި ދެ މުބާރާތްވެސް ފަސްކުރިއިރު، ހޯމަ ދުވަހު އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް އޮތީ ހަމަޖެހިފައެވެ. އެގޮތުން އެފްއޭ ކަޕްގައި ހޯމަ ދުވަހުގެ ހަވީރު ސެމީ ފައިނަލް ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބައްދަލުކުރަން ހަމަޖެހިފައި އޮތްއިރު، އެރޭ ސެމީ ފައިނަލް ދެވަނަ މެޗުގައި ޓީސީ ބައްދަލުކުރަން އޮތީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ.

ޕްެރެޒިޑެންޓްސް ކަޕް ފަސްކޮށްފައިވާއިރު ކުރިން މިމުބާރާތް ފަށަން ތާވަލްކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގައެވެ. ޕްރެޒިޑެންޓްސް ކަޕް މިފަހަރު ކުރިއަށް ގެންދިއުމަށް އެފްއޭއެމްއިން ނިންމާފައިވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައެވެ. އެއީ ޗެމްޕިއަން މާޒިޔާ، އީގަލްސް، ޓީސީ އަދި ކްލަބު ގްރީން ސްޓްރީޓްސް އެވެ.

އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ މުބާރާތެއްގެ އިތުރުން ތަމްރީނުތައްވެސް ވަގުތީގޮތުން މެދު ކަނޑާލާފައިވާ ކަމަށެވެ. އަދި މުބާރާތްތައް ދެން ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ އެޗްޕީއޭ އިން އަންގާ އެންގުންތަކަށް ބެލުމަށްފަހު ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފަސްކުރިއިރު، އެ އިދާރާއިން އިންތިޒާމްކުރާ ޖަޒީރާ ޗެމްޕިއަންޝިޕްވެސް ވަނީ ފަސްކޮށްފައެވެ. އަދި އެ އިދާރާގެ ވައިޑީޕީ ހަރަކާތްތައްވެސް ވަނީ ހުއްޓާލާފައެވެ