ކޯވިޑް-19 ފެތުރޭތީ، ރާއްޖޭގެ ފަތުވެރިކަމަށް އަންނަމުންދާ ހީނަރުކަމާއެކު ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީން 446 މިލިއަން ޑޮލަރު މަދުވާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އިސްނެންގެވުމަކަށް، ސާކްގެ އަށް ގައުމުގެ ވެރިން މިއަދު ފެއްޓެވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާއިރު މީގެއިން އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށެވެ. ފަތުރުވެރިކަމަށް އަންނަމުންދާ ހީނަރުކަން މިގޮތުގައި ދެމިގެން ހިނގައްޖެނަމަ ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރުއާ ދެމެދުގެ އަދަދަކަށް މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމަށް އަންނަ ކޮންމެ ލޮޅުމަކުން ރާއްޖޭގެ އިގުތިސާދަށް އަސަރު ކުރާނެ ކަމަށާ އެސިނާޢަތަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ހަތަރު ބައިކުޅަ އެއްބައި ކަމަށެވެ. އަދި ރާއްޖެއަށް ވަންނަ ބޭރުފައިސާގެ ތިން ބައި ކުޅަ ދެ ބައި ވަންނަނީވެސް ފަތުރުވެރިކަމުގެ ސިނާއަތުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް ފަތުރުވެރިން އައި އަދަދު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 14.3 އަށް ދަށަށް ދިޔަކަން ފާހަގަކުރައްވާފައެވެ. އަދި މާޗްމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފަތުރުވެރިކަން 22.8 އިންސައްތަ އަށް ދަށްވެފައިވާކަމަށާ މިރޭޓުގައި އެރައިވަލްސް ދަށަށްދާނަމަ ރާއްޖޭގެ ފަތުރުވެރިކަން މި އަހަރު 35 އިންސައްތައަށް ދަށަށް ދާނެ ކަމަށް ރައީސް ވަނީ ލަފާކުރައްވާފައެވެ.

ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ އެދިވަޑައިގަންނަވާ ގޮތަށް ވައިރަހާ ގުޅޭ ކަންކަމުގައި ސާކްގެ ސަރަހައްދުން ސްޓްރެޓަޖީއެއް އެކުލަވާލަން ޖެހޭކަން ފާހަގަކުރައްވާ އެ ސްޓްރެޓަޖީގައި ހިމެނެން ޖެހޭ ތިން ކަމެއް ވިދާޅުވެފައެވެ.

މި ކޮންފަރެންސްގައި އިންޑިޔާގެ ބޮޑުވަޒީރު ވަނީ ކޮވިޑް-19 އާ ކުރިމަތިލުމަށް ސާކް ޤައުމުތަކުން ބައިވެރިވާ ފަންޑެއް އިފްތިތާޙްކުރުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން އެފަންޑު ހުޅުމުގެ ގޮތުން އިންޑިޔާއިން އެ ފަންޑުގައި 10 މިލިޔަން ޑޮލަރު ހިމަނުއްވާނެކަން ބޮޑުވަޒީރު މޯދީ އިޢުލާނު ކުރެއްވެވިއެވެ. ހަމަ އެހެންމެ މި ބަލީގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން ފޫބެއްދުމަށް ރީޖަނަލް ރިލީފް ޕެކޭޖެއް ތަޢާރަފުކުރުމާއި، ދިގު މުއްދަތުގެ ރިކަވަރީ ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުންވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވުނެވެ. މިކަންކަން ކުރިޔަށްގެންދިއުމަށް އެދޭކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާއާއި އަދި ސާރކްގެ އެހެން ޤައުމުތަކުގެ ވެރިންވެސް ވަނީ މިކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިންޑިޔާގެ ބޮޑުވަޒީރާއި، ބޫޓާނުގެ ބޮޑުވަޒީރު ޑރ. ލޮޓޭ ސެރިންގ އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި، ބަނގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އިތުރުން ޕާކިސްތާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތް ޑރ. ޒަފަރު މިރުޒާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ވީޑިއޯ ކޮންފަރެންސް ނިންމަވާލައްވަމުން ސާރކް ޤައުމުތަކުގެ ވެރިން ވަނީ ކޮވިޑް-19 އާ ކުރިމަތިލުމުގައި މުޅި ސަރަޙައްދު އެކުގައި ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން މީހުން ތަމްރީނުކުރުމާއި، ތަޖުރިބާ ޙިއްޞާކުރުމާއި ބޭސްފަދަ ތަކެތިވެސް ސާރކްގެ އެއްޤައުމުން އަނެއްޤައުމާ ޙިއްޞާކޮށް ގުޅިގެން އެކީގައި މިކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް ހުރިހާ ޤައުމަކުންވެސް ޚިޔާލުފާޅުކުރެއްވެވިއެވެ.

މިހާތަނަށް އައިއިރު ސާރކް ޤައުމުތައް ހިމެނޭ މި ސަރަޙައްދުގެ ޤައުމުތަކުން ކޮވިޑް-19 އަށް 139 މީހުންނަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ. ރާއްޖޭގައި ވެސް މިއަދާ ހަމައަށް މިހާރު ވަނީ މިބައްޔަށް 13 މީހަކު ޕޮޒިޓިވް ވެފައެވެ.