ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއިން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓަރޓޭ ރައްކާތެރި ކުރުމަށް ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ފިލިޕީންސްގެ ރައީސް، އުމުރުފުޅުން 74 އަހަރުގެ ޑުޓަރޓޭގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލް، ފިލިޕީންސްގެ ގައުމީ ޓީވީ، އޭބީއެސް-ސީބީއެންއިން ވަނީ އާންމުކޮށްފައެވެ.

އެގޮތުން، ކޮރޯނާވައިރަސްއިން ރައީސް ސަލާމަތް ކުރުމަށް އަޅާފައިވާ އެއް ފިޔަވަޅަކީ، ބޮޑެތި ހަފްލާތަކުގެ ތެރޭގައި ރައީސްގެ ގައިކޮޅުގައި އެއްވެސްގޮތަކަށް "އަތްލުން" މަނާކުރުމެވެ.

މީގެއިތުރުން، ސަރުކާރުގެ އެކިއެކި ބައްދަލުވުންތަކުގައި ރައީސް ޑުޓަރޓޭއާ ގާތްވެވޭނީ ކޮވިޑް-19 އަށް ޓެސްޓްކޮށް، ޓެސްޓުން ނެގަޓިވް މީހުން ކަމަށާއި، ޓެސްޓް ނުހަދާ ފަރާތްތަކަށް ރައީސާ ހަ ފޫޓަށްވުރެ ގާތްވުމުގެ ފުރުސަތު ނުދެވޭނޭ ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

ކޮރޯނާވައިރަސްއިން ފިލިޕީންސްގެ ރައީސް ރައްކާތެރިކުރުމަށް އެ ގައުމުގެ ސަރުކާރުން ހަރުކަށި އުސޫލުތަކެއް ތައާރަފްކުރިއިރު، ފިލިޕީންސަކީ މުޅި ދެކުނު އިރުމަތީ އެޝިޔާއިންވެސް ވައިރަސް ފެތުރުން ހުއްޓުވަން މިހާތަނަށް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ގައުމެވެ.

އެގޮތުން، ފިލިޕީންސް ސަރުކާރުން މިހާރުވަނީ، ބޭރުން އެއްވެސް މީހަކަށް އެތެރެ ނުވެވޭގޮތަށް އަދި އެތެރެއިން އެއްވެސް މީހަކަށް ބޭރު ނުވެވޭގޮތަށް ވެރިރަށް މެނީލާ އެކަށް ބަންދުކޮށްފައެވެ. މެނީލާ ވަށައިގެން މަގުހުރަސްތައް ޖަހާފައިވާއިރު، މެނީލާ ބަންދުކުރުމުގައި ފުލުހުންނާއި، ސިފައިންނާއި، ކޯސްޓްގާޑުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެއިތުރުން، ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓަރޓޭ މިހާރުވަނީ އެގައުމުގެ އެންމެބޮޑު ރަށްކަމަށްވާ ލުޒޯން އެއްކޮށް ކަރަންޓީނު ކުރުމަށް ނިންމަވާފައެވެ. ލުޒޯންއަކީ 12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ފިލިޕީންސުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 140 އަށް އަރާފައިވާއިރު، މި ބަލީގައި 11 މީހުންވަނީ މަރުވެފައެވެ.