ހޯމަދުވަހަށް އެޅިއިރު، ދެކުނު އޭޝިޔާގެ ގައުމުތަކުން ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެފައިވާކަން، ގައުމުތަކުގެ ސިއްހަތާބެހޭ އޮފިޝަލުން ހާމަކުރެއްވި އަދަދުތަކުންވަނީ އެނގިގެން ގޮސްފައެވެ.

މުޅި ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރަނީ ދެކުނު އޭޝިޔާ ކަމަށްވެފައި، ދެކުނު އޭޝިޔާގެ ބައެއް ހިސާބުތަކުގައި ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްވުމާއި، ފެންވަރު ރަނގަޅު ތަންތަން މަދުވުމުން، ކޮރޯނާވައިރަސް މި ސަރަހައްދުގައި ވަރަށް ބާރަށް ފެތުރިގެން ހިނގައިދާނެކަމުގެ ނުތަނަވަސްކަން، ސިއްހީ މާހިރުންގެ މެދުގައިވަނީ އުފެދިފައެވެ.

ދެކުނު އޭޝިޔާއާ އަވަށްޓެރި ޗައިނާއާއި، ދެކުނު ކޮރެއާގައި ވައިރަސް ފެތުރުނުގޮތަށް އަދި ހުޅަނގުފަޅިން މެދުއިރުމަތީގެ އީރާނާއި އަދި ޔޫރަޕް ސަރައްދުގައި ވައިރަސް ފެތުރެމުންދާ މިންވަރާ އަޅާ ބަލާއިރު، ދެކުނު އޭޝިޔާގައި ވައިރަސް ފެތުރުން އެހާބޮޑަށް އަދި ފުޅާވެފައެއް ނުވެއެވެ.

އެހެން ނަމަވެސް، ވައިރަސް ފެތުރުން ހުއްޓުވަން ޗައިނާއާއި ދެކުނު ކޮރެއާފަދަ ގައުމުތަކުން އެޅިފަދަ ފިޔަވަޅުތައް އަޅައިގެން ދެކުނު އޭޝިޔާގައި މި ވައިރަސް ފެތުރުން އެގޮތަށް ހުއްޓުވިދާނެ ކަމާމެދު ސުވާލު އުފެދިފައި ވެއެވެ. ނުވަތަ އެގޮތަށް އަޅާ ފިޔަވަޅުތަކުން އަސަރުކޮށްފާނެ މިންވަރާމެދު ސުވާލު އުފެދިފައި ވެއެވެ. ސަބަބަކީ، ދެކުނު އޭޝިޔާގެ ގިނަ ގައުމުތަކުގެ ފަގީރުހާލުގެ ސަބަބުންނާއި، ބައިބޯވުމާއި، ގިނަމީހުން ތޮއްޖެހިގެން ދިރިއުޅޭން ޖެހިފައިވުމާއި، ސިއްހީ ޚިދުމަތުގެ ފެންވަރެވެ.

ކޮރޯނާވައިރަހަކީ ގައިންގަޔަށް އަރާ ބައްޔެއް ކަމަށްވާތީ، އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލިފެތުރުން ކުޑަކުރަން ނުވަތަ ހުއްޓުވަން އެމެރިކާ، ޗައިނާފަދަ ތަރައްގީވެފައިވާ ގައުމުތަކުން އަޅާފަދަ ފިޔަވަޅުތަކެއް (ސޯޝަލް ޑިސްޓެންސިންގ) ދެކުނު އޭޝިޔާގެ ގައުމުތަކުން އެޅުމަކީ އުނދަގޫ ކަމަކަށްވާނެއެވެ. ސަބަބަކީ، ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކުގައި ފަގީރު ހާލުގެ ސަބަބުން މީހުން ތޮއްޖެހިގެން އުޅޭންޖެހުމާއި، ޖިފުޓި އަވަށްތަކުގައި ދިރިއުޅޭ މީހުންވެސް ގިނަކަމުންނެވެ.

މިހާރަށްވެސް އެއްތާކު ގިނަބަޔަކު ތޮއްޖެހިގެން ދިރިއުޅެމުންދާއިރު، އެކަކު އަނެއްކަކާ ދުރުގައި ދިރިއުޅެން އެންގިޔަސް އެކަން އެމަގަށް ހިނގާނެކަމާމެދު ސުވާލު އުފެދެއެވެ. ހުޅަނގުގެ ގައުމުތަކާއި، ތަރައްގީވެފައިވާ ގައުމުތަކާ ޚިލާފަށް ދެކުނު އޭޝިޔާގެ ގިނަ ގައުމުތަކަކީ އެކަކު އަނެކެއްގެ، އެއްބަޔަކު އަނެއްބައެއްގެ އެހީތެރިކަމުގައި، އެކުގައި ދިރިއުޅޭ ބައެކެވެ. ގިނަމީހުން އެއްތާކަށް ޖަމާވުމާއި، އެކަހެރިވުމާއި، އައިސޮލެޝަންގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށްވެސް އަމަލުކުރުން އެފަދަ މީހުންނަށްވަނީ އުނދަގޫ ކަމަކަށްވެފައެވެ.

ޕާކިސްތާނަށް ބަލާއިރު، އެގައުމުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 40 ގައި އޮތުމަށްފަހު މިއަދުވަނީ އެ އަދަދު ކުއްލިއަކަށް 94 އަކަށް އަރާފައެވެ. ޕާކިސްތާނުން ގިނަމީހުން ޕޮޒިޓިވްވެފައިވަނީ ދެކުނުގެ ސިންދު ޕްރޮވިންސުންނެވެ. ޕޮޒިޓިވްވެފައިވާ ގިނަމީހުންނަކީ އީރާނަށް ދަތުރުކޮށްފައިވާ މީހުންނެވެ. އީރާނަކީ، ވައިރަސްގެ ހާލަތު އެންމެ ގޯސް އެއް ގައުމެވެ.

އަފްޣާނިސްތާނުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު 21 އަށް އަރާފައިވާއިރު، އެގައުމުން ވައިރަސްއަށް ގިނަމީހުން ޕޮޒިޓިވްވެފައިވަނީ އީރާނާ އިންވެގެން އޮންނަ ހީރަތުންނެވެ. ހީރަތު-އީރާން ސަރަހައްދީ އިމަކީ އަފްޣާނިސްތާނުގެ އެތައް ރައްޔިތުން ކޮންމެދުވަހަކު އެއްފަރާތުން އަނެއްފަރާތަށް ހުރަސްކުރާ އިމެކެވެ.

އެތައް އަހަރެއްވީ ހަނގުރާމައާއި، އެކަށީގެންވާ ފަންޑު ނުލިބުމުގެ ސަބަބުން އަފްޣާނިސްތާނުގެ ސިއްހީ ޚިދުމަތް ދިނުމުގެ މުޅި ނިޒާމުއޮތީ މުޅިން ހަލާކުވެ ވީރާނާވެފައެވެ. ސިއްހީ ޚިދުމަތްދޭނޭ އެކަށީގެންވާ ތަންތަނެއްވެސް ނެތެވެ. ވައިރަސްއާ ދެކޮޅަށް ގުޅިގެން އެކަށީގެންވާ ހަރުދަނާ ފިޔަވަޅެއް އެޅޭ ވަރަށްވުރެ އަފްޣާނިސްތާނުގެ ހާލަތު ގޯހެވެ.

ސްރީލަންކާއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10 ގައި އޮތުމަށްފަހު ކުއްލިއަކަށް މިއަދުވަނީ އެ އަދަދު 18 އަށް އަރާފައެވެ.

އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 112 އަށް އަރާފައިވާއިރު، 2 މީހުން ވަނީ މަރުވެފައެވެ. ދިވެހިރާއްޖެއިން 13 މީހުން އަދި ބަނގްލަދޭޝްއިން 5 މީހުންވަނީ ޕޮޒިޓިވްވެފައެވެ.

ކޮރޯނާވައިރަސްއާ ދެކޮޅަށް ސަރަހައްދު ގުޅިގެން މަސައްކަތްތަކެއް ކުރުމަށް، އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލެއްވިއެވެ. މިކަމަށް މަސައްކަތް ކުރުމުގެގޮތުން އެކައަޅާ ސަރަހައްދީ ފަންޑަށް 10 މިލިއަން އެމެރިކާ ޑޮލަރު މޯދީ ހުށަހެޅުއްވިއެވެ. މީގެއިތުރުން، ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސަރަހައްދުގެ ގައުމުތަކަށް އެހީތެރިވުމަށްޓަކައި ޓީމުތަކާއި، ސާމާނު ފޮނުއްވަން އިންޑިއާ ތައްޔާރަށް އޮތް ކަމަށްވެސް މޯދީ ވިދާޅުވިއެވެ.