ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއިންވެސް މި ބަލިން ރައްކާތެރިވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. މިކަމުގައި އެންމެ ފަހުގެ މައުލޫމާތު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ދުވާލު 2 ފަހަރު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައިގެން ރައްޔިތުންގެ ހިތުގައި އުފެދިފައި ހުންނަ ގިނަ ސުވާލުތަކެއްގެ ޖަވާބާއި މިބަލިން ރައްކާތެރިވުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކުގެ މައުލޫމާތުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

އެގޮތަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ފަރާތުން މި މައުލޫމާތުތައް ދެއްވުމަށް އައްޔަންކޮށްފަައިވާ މަބްރޫކް އަޒީޒު ފުވައްމުލަކު ސިޓީގައި ބަނދަރުކުރި އައިލެންޑް ސަފާރީގައި ތިބި ފަތުރުވެރިންގެ ތެރެއިން 2 ފަތުރުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަމުގެ ވާހަކަ އިއުލާން ކުރެއްވި ހިސާބުން މުޅި ފުވައްމުލަކު ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ދިޔައެވެ. ސަބަބުތައް ވަރަށް ގިނައެވެ. އެގޮތުން ފުވައްމުލަކީ އެއް އަތޮޅަކަށްވެފައި އެކަހެރި ރަށަކަށްވުމުން މިފަދަ ރޯގާއެެއް ފެތުރިއްޖެ ނަމަ ދެން ވާނެ ގޮތަކާމެދު އާންމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އިންތިހާއަށް އެބައޮތެވެ.

އައިލެންޑް ސަފާރީގެ ބައެއް ކްރޫއިން ފުވައްމުލަކަށް ފޭބި ކަމަށާއި އަދި ބަނދަރު ސަރަހައްދުގައި ހުރި ބައެއް ކެފޭތަކަށް ގޮސްފައިވާ ކަމަށް އެ މަންޒަރުދުށް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިފަދަ ތަންތަނަކީ ފުވައްމުލަކުގެވެސް ގިނަ ބަޔަކު ސައިބޯން އަދި ކޮފީ ބޯންދާ ތަންތަނެވެ. މިމައްސަލާގައި އެޗްޕީއޭއިން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނައިރު މިކަމުގައި ފުވައްމުލަކުގެ މުއައްސަސާތަކާއި ހަވާލުވެތިބި ފަރާތްތަކުގެ ފުރިހަމަ ޒިންމާ ނުނަގާ ވާހަކަތަކެއްވެސް އަންނަނީ ސޯޝަލް މީޑިއާގައި ތިލަވަމުންނެވެ.

ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ އިސްވެރިޔާ އަހުމަދު ސައީދު ވިދާޅުވީ މިކަމުގައި ނަގަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން މުޅި ހޮސްޕިޓަލް އޮތީ ތައްޔާރީ ހާލަތުގައި ކަމަށެވެ. މިވަގުތު މަޑުކޮށްގެން ތިބީ އެޗްޕީއޭއިން ކުރަންޖެހޭ ކަންތައްތަކެއް ނިމެންދެން ކަމަށް ސައީދު ވިދާޅުވިއެވެ.

އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ އެޗްޕީއޭގެ ބަހަކަށް. އެއީ އެޗްޕީއޭއިން އައިލެންޑް ސަފާރީގައި ތިބި މީހުނާއި އަދި އެ މީހުން ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް އެބަކުރޭ. އެ މީހުން ހޯދުނީމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން. އަދި މިވަގުތު ހޮސްޕިޓަލަށް ގުޅާ ފަރާތްތަކަށްދޭ އިރުޝާދަކީ އަމިއްލައަށް ހޯމް އައިސޮލޭޓްވާށޭ."
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު

ރަސްމީ ހައިސިއްޔަތުން މިމަސައްކަތް ފެއްޓޭނީ އެޗްޕީއޭގެ ނިންމުންތައް އެނގުނު އިރަކުންކަން ފާހަގަކުރައްވާ އަހުމަދު ސައީދު ވިދާޅުވީ ފުވައްމުލައް ސިޓީގެ ކައުންސިލުން ނެރުނު ބަޔާނާއެކު ހޮސްޕިޓަލަށް މިހާތަނަށް 3 މީހަކު ގުޅާ އެމީހުންގެ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ދޭންޖެހޭ އިރުޝާދުތައް ދެމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވީނިއުސްއިން ފުވައްމުލައް ސިޓީގެ މޭޔަރު ފަލާހު ޝަރީފް އާއި ވާހަކަ ދައްކާލުމުން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީގެ ސިއްހީ އާދަކާދަތަކުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. މިސްކިތްތަކުގެ ކާޕެޓުތައް ނަގާ އަދި ކޮންމެ ނަމާދެއްގެ ބައިގަޑިއިރު ކުރިން އިންސްޕެކްޓް ކުރުމުގެ މަސައްކަތްތަކެއްވެސް ކުރަމުންގެންދާ ކަމަށް ފަލާހު ވިދާޅުވިއެވެ.

އައިލެންޑް ސަފާރީއާއި ގުޅޭގޮތުން ވާހަ ކަދައްކަވަމުން ފަލާހު ވިދާޅުވީ ސަފާރީން ފޭބި މީހުނާއި ގުޅިގެން ފުވައްމުލަކުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ވާހަކަ އަދި އެޗްޕީއޭއިން ބުނެފައިނުވާ ކަމަށެވެ.

ސަފާރީން ފޭބި މީހަކު އަދި މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމެއް އަދި ނޭގެ. އެހެންކަމުން ވަރަށް ދަތި އަދި އެއްޗެއް ބުނަން. ސަފާރީން ބަޔަކު ފޭބިކަން އެ އޮޮތީ އެޗްޕީއޭއިންވެސް ފާހަގަކޮށްފަ. އެކަން އެބައެނގޭ އެންމެނަށްވެސް. އަދި ޕޮޒިޓިވްވި މީހުން އެތިބީ ކަރަންޓީންވެސް ކޮށްފަ. އަދި ފުވައްމުލަކަށް ފޭބި މީހުނާއި ކޮންޓެކްޓްވި މީހުންނަކީ ކޮބައިތޯ ބެލެމުގެ މަސައްކަތް ކުރިއަށްގެންދާނީ އެޗްޕީއޭއިން. އަދި މިވަގުތު އަހަރެމެންނަށް ކުރެވޭނެ މާކަ ބޮޑު ކަމެއް ނެތް. އަދި ކައުންސިލުން ނެރުނު ބަޔާނުގައި ވާނެ އެ މީހުނާއި ކޮންޓެކްޓްވީ ވީހުން އަމިއްލައަށް ފުވައްމުލަކު ހޮސްޕިޓަލަށް ގުޅައިގެން އެބައި ކުރިއަށްގެންދާށޭ. ކޮންޓެކްޓް ޓްރޭސިންއަށް ކޮށްދެވޭނެ ކަމަކީ އެއި. ބައެއް މީހުން އެބަ ގުޅާ މިހާރު މައުލޫމާތުދެންވެސް."
ފުވައްމުލައް ސިޓީގެ މޭޔަރު ފަލާހު

ކޮންމެ ކަމެއްގައިވެސް ފިޔަވަޅު އަޅާނީ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާ އެއްގޮތަށްކަން ފާހަގަ ކުރައްވާ ފަލާހު ވިދާޅުވީ، ސަފާރީން ފޭބި މީހުނާއި ކޮންޓެކްޓް ވެފައި މިހާތަނަށް ތިބީ ކޮވިޑް-19 ބަލީގެ އަލާމާތްތަކެއް ހުރި ބަޔަކާ ނޫން ކަމަށެވެ. ސަފާރީގެ ކްރޫއިންނާއި ކޮންޓެކްޓްވި ރަށުގެ ކައުންސިލުގައި މަސައްކަތް ކުރާ ސްޓާފުންގެ ތެރެއިން 2 މުވައްޒަފަކު މިހާރު ވަނީ އަމިއްލައަށް އެދިގެން ހޯމް އައިސޮލޭޝަންގައި ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. އަދި މިކަމުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވަގުތުން އަޅާނެކަމުގެ ޔަގީންކަން ފުވައްމުލަކު ރައްޔިތުންނަށް މެޔަރު ފަލާހު ވަނީ ދެއްވާފައެވެ.

https://www.facebook.com/fathimath.rifaath/videos/1081478598917802/

ފުވައްމުލަކުގެ ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް މިވަގުތު ހުރިއިރު ފުވައްމުލަކުގެ ޒުވާނެއް ކަމަށްވާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އިސް ފަރާތެއް ކަމަށްވާ އަހުމަދު ނަސީމް (ބެއްޔާ) ވިދާޅުވީ ބައެއްކަހަލަ ސޯސްތަކުން ލިބޭ މައުލޫމާތުތަކުން ފުވައްމުލައް ސިޓީން އެ ސަފާރީ ބޭރުކުރި ފަހުންވެސް ޑިންގީއެއްގައި އެރޭ ދަންވަރުގެ ވަގުތެއްގައި ސަފާރީގެ މީހުންތަކެއް އެރަށުގެ މާނޭރެ ސަރަހައްދުން ރަށަށް ފޭބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރަށުގެ ހުރިހާ މުއައްސަސާތަކަކުން ފުވައްމުލައް ވަރަށް ރަނގަޅަށް މޮނިޓަރިން ކުރެވެން ޖެހޭކަން ފާހަގަ ކުރައްވާ ނަސީމް ވިދާޅުވީ ފަރުދީ ޒިންމާ ނަގަންޖެހޭ ކަމަށާއި އެ ކަމަށް ބިރުން އުޅުމަށްވުރެ އެމީހުނާއި ދިމާވެ ބައްދަލުވެފައިވާނަމަ އެ މައުލޫމާތުތައް އަވަހަށް ހިއްސާކުރަންޖެހޭ ކަމަށެވެ.

މިހާރު ރަށުގައި ވަރަށް ގިނަ ގެސްޓުން އެބަތިބި. ސަފާރީތައް އެބައާދޭ. އޮބްވިޔަސްލީ ރަށުގެ މީހުނަކަށް ނޭގޭނެ މީ ކޮން ސަފާރީއަކުން އައިސް ހުރި މީހެއް ކަމެއް. އެހެން ކަމުން އެ ޕީރިއެޑްގައި ބަނަދަރު ސަރަހައްދުން އެއްވެސް މީހެއް ސައިކަލަށްލައިގެން ދުއްވި ނަމަ އެ ވާހަކަ ބުނަންވީ ވަގުތު މިއީ. މިއީ އެންމެ މުހިންމު މައުލޫމާތަކީ. އެއްވެސް ފަތުރުވެރިއަކާ ކޮންޓެކްޓް ވެފައި ވާނަމަ އެކަން ވަގުތުން ވަގުތަށް އަންގަންވީ."
އަހުމަދު ނަސީމް ( ބެއްޔާ )

ފުވައްމުލަކަކީ ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްްގައި ކުރާ ބައެއްކަން ފާހަގަ ކުރައްވާ ނަސީމް ވިދާޅުވީ، ގެސްޓް ހައުސްތަކުގެ ވެރިން މާލޭ ސަރުކާރުގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ މިވަގުތު ފުވައްމުލަކަށް އެއްވެސް ފަތުރުވެރިއަކު ނެރުވުން ކަމަށެވެ.

މިފަދަ ކަމެއް ދިމާވުމުން ރަށުގެ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ބިރު ގަތުމަށްވުރެ ބޮޑަށް އަމިއްލަ ފަރުދީ ޒިންމާ މިކަމުގައި ނެގުން ވަރަށް ބުއްދިވެރި ކަމަށް ފުވައްމުލަކުން ވާހަކަ ދެއްކި ގިނަ މީހުން ފާހަގަކުރިއެވެ. ގިނަ މީހުން އިންތިޒާރު ކުރަނީ އެޗްޕީއޭ އިން މިކަމުގައި އަމަލުކުރާނެ ގޮތަކާ ދޭތެރޭ ކަމަށްވެސް ރައްޔިތުން ބުނެއެވެ.