ހުއްދައަކާނުލާ މިޔުޒިކްތައް ބޭނުންކުރާ މައްސަލައިގައި އިންޑިޔާގެ މަޝްހޫރު މިޔުޒިކް އުފައްދާ ކުންފުނި ޓީސީރީޒްއިން، އިންޑިއާގެ ސޯޝަލް މީޑިއާ އެޕްލިކޭޝަން ޝެއަރޗެޓް އާ ދެކޮޅަށް ކޯޓުގައި ދަޢުވާކޮށްފި އެވެ.

ޝެއަރޗެޓް އަކީ ނިމިދިޔަ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އިންޑިޔާގައި ހިދުމަތް ދެމުން އަންނަ ސޯޝަލް މީޑިއާ އެޕްލިކޭޝަންއެކެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް އެމީހުންގެ ލައިބްރަރީގައި ހުންނަ މިޔުޒިކް އެޑިޓްކޮށް އެއަށް ވީޑިއޯވެސް ހެދެއެވެ. އަދި ޝެއަރޗެޓުން އެޑިޓް ކުރާ މިޔުޒިކް، ފޯނައް ޑައުންލޯޑްކޮށް ސޯޝަލް މީޑިއާ އެހެނިހެން އެޕްލިކޭޝަންތައް މެދުވެރިކޮށް އެކި މީހުންނާ ޝެއަރވެސް ކުރެވެއެވެ.

ޓީސީރީޒުން ސިވިލް ކޯޓުގައި ފައިލްކޮށްފައިވާ މައްސަލައިގައި ބުނެފައިވަނީ ޓީސީރީޒުން އުފައްދާ މިޔުޒިކް އެއްވެސް ހުއްދައަކާނުލާ ބޭނުންކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށެވެ. އަދި މާލީ މަންފާ ހާސިލްކުރުމަށް އެކުންފުނީގެ މިޔުޒިކްތައް އެއްވެސް އަގެއް ދެއްކުމަކާނުލާ ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭގޮތް ހެދުމަކީ ކޮޕީރައިޓް ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަމަށް ޓީސީރީޒްގެ މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޝެއަރޗެޓް މެދުވެރިކޮށް ޓީސީރީޒްއިން ބޮޑު އަގު ދީފައި އުފައްދާ މިޔުޒިކްތަކަށް ބަދަލުގެނަސް އެމިޔުޒިކްތަކަށް ވީޑިއޯ ހެދިގެން ނުވާނެކަން ޓީސީރީޒުން ވަނީ ފާހަގަކޮށްފައެވެ.

ޝެއަރޗެޓް އެޕްލިކޭޝަން

ޝެއަރޗެޓް ބޭނުންކުރާ 60 މިލިއަނަށްވުރެއް ގިނަ ޔޫޒާޒް ތިބިއިރު ޓީސީރީޒްގެ އުފެއްދުންތައް ބޭނުންކޮށްގެން ނާޖާއިޒު ވިޔަފާރި ކުރާކަމަށްބުނެ އެމައްސަލައިގައި އެކުންފުނިން ފާހަގަކޮށްފައިވެއެވެ. ޝެއަރޗެޓް ލައިބްރަރީގައި ޓީސީރީޒްގެ ދެލައްކައަށްވުރެއް ގިނަ ލަވަ ހުރިކަން ފާހަގަކޮށްލެވެއެވެ.

މިމައްސަލައިގައި ޝެއަރޗެޓުން ބުނެފައިވަނީ އެ އެޕްލިކޭޝަންއަކީ ބައެއްގެ މިޔުޒިކް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މެދުވެރިއެއްކަމަށާއި އެހެންވެސް ބައެއް ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކާއި އެއްގޮތަށް އެފަދަ ކަމަކަށް ވަކި ހާއްސަ ހުއްދައެއް ބޭނުން ނުވާނެކަމަށެވެ.

ޓީސީރީޒްގެ އިތުރުން މިޔުޒިކް ކުންފުނި ލަހާރީ މިޔުޒިކުންވެސް ވަނީ ޝެއަރޗެޓާއި ދެކޮޅަށް މައްސަލަ ފައިލްކޮށްފައެވެ. ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން މި ދެކުންފުނިންވެސް ވަނީ ޝެއަރޝެޓުން ހުއްދަ ހޯދައިގެން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދީފައެވެ.

ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ ޓިކްޓޮކް، އިންސްޓަގްރާމް، ސްޓާމޭކާ އަދި ވިގޯ ފަދަ އެޕްލިކޭޝަންތަކަކީ މިޔުޒިކް ކުންފުނިތަކުން ހުއްދަ ލިބިގެން ނޫނީ އެއްވެސް މިޔުޒިކެއް އެ އެޕްލިކޭޝަންތަކުގައި ބޭނުން ނުކުރާ ޕްލެޓްފޯމުތައްކަން ފާހަގަކޮށްލެވެއެވެ.