• ޓްރެވެލް ކްލިނިކްގެ ޚިދުމަތް ހޯދީ ސްލޮވޭނިޔާއިން ދަތުރު ކުރި ދިވެއްސެއް
  • އޭނާ ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ޓާސްކް ފޯހުން ދަނީ ކުރަމުން
  • ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ތިބީ 4 މީހުން: އެންމެންގެ ހާލުވެސް ދަނީ ރަނގަޅުވަމުން
  • މިއަދު މެންދުރުފަހާ ހަމައަށް އިތުރު ދެ ރަށެއް ވަނީ މޮނިޓަރިންގައި

ކޮވިޑް-19 އާއި ގުޅިގެން ގާއިމްކުރި ޓްރެވެލް ކްލިނިކްގެ ޚިދުމަތް، ފުރަތަމަ ފަހަރަށް ދިވެއްސަކު ހޯދާފައިވާކަމަށް ސްޕޯކްސްޕާސަން މަަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން ބާއްވަމުންގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ޓްރެވެލް ކްލިނިކްގެ ޚިދުމަތް ހޯދީ ސްލޮވޭނިޔާއިން ދަތުރު ކުރި ދިވެއްސަކު ކަމަށެވެ.

އެ މީހާގެ ކިބައިން ރޯގާގެ އަލާމަތްތަކެއް ފެންނަން ހުރުމުން އޭނާ ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ޓާސްކް ފޯހުން ކުރަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އިޓަލީން ރާއްޖެއައި ފަތުރުވެރިޔާ އަނބުރާ ގައުމަށް ދިޔަ ފަހުން އެ ފަތުރުވެރިޔާ ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޅ. ކުރެއްދޫ ރިސޯޓުން ކޮވިޑް-19އަށް 109 ފަރާތެއް ކޮންޓެކްޓް ޓްރޭސިން ވަނީ ހަދާފައެވެ.

އޭގެ ތެރެއިން ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވިކަމަށާއި ބާކީ ތިބި މީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ޅ. ކުރެއްދޫއިން މީހަކު ޕޮޒިޓިވްވި ކޭސްއަށް ހޯމަ ދުވަހަށް 14 ދުވަސްވެއްޖެކަން ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ މި ދުވަސްތަކުގައި އެ ބައްޔަށް އިތުރު މީހަކު ޕޮޒިޓިވްނުވާކަމަށެވެ.

އެއާއެކު މާގިރި ހޮޓަލުން ހޯމް އައިސޮލޭޝަނަށާއި ކަރަންޓީނު ފެސިލިޓީއަށް ގެންދެވުނު ފަރާތްތަށް ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުރި ފަރާތެއް އަނަންތަރާ ދިގުރަށް ރިސޯޓަށް ދިޔަ ފަތުރުވެރިއަކާ ކްލޯޒް ކޮންޓެކްޓެއް ކަމަށް ބެލިގެން އަޅުގަނޑުމެން ވާނީ އެ ފަރާތް ފަރުކޮޅުފުށްޓަށް ގެންދެވިފަ. ސާންޕަލް ނަގާ އަދި އެ ސާންޕަލް ވަނީ ނެގެޓިވް ވެފަ. އައިލެންޑް ސަފާރީގައި ތިބި ދެ މީހުން މިހާރުވަނީ ފަރުކޮޅުފުށްޓަށް ގެންދެވިފަ. ސަފާރީ ދަތުރު އެބަ ކުރޭ މިކޮޅަށް."
މަބްރޫކް އަޒީޒް

ހޯމަ ދުވަހުގެ ރޭ 7:15 އާއި ހަމައަށް ކޮވިޑް-19އަށް ޕޮޒިޓިވްވީ 13 ފަރާތެއް ކަމަށް ވިދާޅުވެ މަބްރޫކް ވިދާޅުވީ އެއީ ކުރެއްދޫއިން 5 ފަރާތަކާއި ބަތަލާ އައިލެންޑްގެ 2 ފަރާތަކާއި ކުރަމަތި އައިލެންޑްގެ 2 ފަރާތަކާއި އަނަންތަރާ ދިގުރަށުން 2 ފަރާތަކާއި އައިލެންޑް ސަފާރީ 1 ކުން 2 ފަރާތެއް ކަމަށެވެ. ފަރުކޮޅުފުށީގައި ކަރަންޓީންވެފައި 14 މީހަކު ތިބިކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ވިލިވަރުގައި 11 މީހެއް ކަރަންޓީންގައި އެބަތިބި ކަމަށެވެ.

އަދި ޑީއެޗް 11 ގައި 2 ފަރާތެއްގެ އިތުރުން ޑީއެޗް 16 ގައި 2 ފަރާތެއް އެބަތިބި ކަމަށާއި އެ އެންމެންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހާ ހަމައަށް 2 ރަށެއް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފަކަަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނީ އއ. މަތިވެރިއާއި ގިލިލަންކަންފުށި ރިސޯޓެވެ.

މަބްރޫކް ވިދާޅުވީ ގިލިލަންކަން ފުށި ރިސޯޓް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި އެ ހާލަތަށް ގެންނަންޖެހުނީ މެލޭޝިޔާގައި ހުރި ދިވެއްސަކު އަނބުރާ އައުމުން އޭނާގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެންނަން ފެށުމުން ކަމަށެެވެ.

އއ. މަތިވެރި މޮނިޓަރިން ހާލަތަކަށް ގެންގޮސްފައިވަނީ އެރަށުން 2 ބިދޭސީއެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނުމުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަލިޓާލިޔާ ފްލައިޓުން 109 މީހެއް ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 2 ކުޑަކުއްޖަކުވެސް ހިމެނޭ ކަމަަށް އޭނާ ވިދާޅުވިއެވެ.