ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ ލިބޭ ޕާޓިތަކަށް އެ ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

މިކަން ހާމަކޯށް އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދާ ހަމައަށް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅާފައިވާ ސިޔާސީ 2 ޕާޓި އަކަށް ގާނޫނުގައިދޭން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފައިސާ ދޫކުރުމަށް އެކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އިލެކްޝަނުން ބުނީ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅާފައިވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާގެ އެހީ ދެނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ދަފުތަރަށް ބަލައިގެންނެވެ. ބަޖެޓް ފާސްކުރި ދުވަހާ ހަމަ އަށް 3 ޕާޓީއަކަށް 10،000 މީހުން ހަމަވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ އާއި ޖޭޕީގެ އިތުރުން ޕީޕީއެމް އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕީޕީއެމް އަށް ފައިސާ ދޫނުކުރަނީ އެޕާޓީން އޮޑިޓް ރިޕޯޓް އަދި ހުށަހަޅާފައި ނުވާތީއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އީސީއިން އާންމު ކުރި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދުތަކަށް ބަލާއިރު އެމްޑީޕީގައި ތިބީ 54،101 މެމްބަރުންނެވެ. ޕީޕީއެމްގައި 36،078 މެމްބަރުން ތިބި އިރު ޖޭޕީގައި ތިބީ 11،072 މެންބަރުންނެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 17،612،793 ރުފިޔާ (ސަތާރަ މިލިއަން ހަސަތޭކަ ބާރަ ހާސް ހަތްސަތޭކަ ނުވަދިހަ ތިން ރުފިޔާ) ލިބެ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބެނީ 3،974،249 ރުފިޔާ (ތިން މިލިއަން ނުވަލައްކަ ހަތްދިހަ ހަތަރުހާސް ދުއިސައްތަ ސާޅިސް ނުވަ ރުފިޔާ) ލިބޭ އިރު. އިދިކޮޅު ޕީޕީއެމްއަށް ލިބޭނީ 11،814،609 ރުފިޔާ (އެގާރަ މިލިއަން އަށްލައްކަ ސާދަ ހާސް ހަސަތޭކަ ނުވަ ރުފިޔާ) އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ޕާޓީ ތަކަށް ދޭން ޖެހޭ ފައިސާ ކޮންމެ އަހަރެއްގެ ފުރަތަމަ ތިންމަސް ނިމުމުގެ ކުރިން ދޭންވާނެ ކަމަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާއި ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށްވެސް ގާނުނުގައިވެ އެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭނެ ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވަނީ ދައުލަތުގެ ބަޖެޓުންދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބެހުމުގައި އިލެކްޝަނުން އަމަލު ކުރާނެ ގޮތްތައް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ކޮމިޝަނަށް ހުށަހަޅާފއި ނުވާ ޕާޓީތަކަށާއި، އަދި ޕާޓީތަކުގެ މަގުސަދުތަށް ހާސިލް ކުރަން މަސައްކަތް ކޮށްފައިވާކަން އަހަރީ ރިޕޯޓުން ފެންނަން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނަށް ފާހަގަވާ ޕާތީތަކަށް ފައިސާ ނުދީ ހިފެހެއްޓިދާނެ ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.