ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް، މުއުމިނާ އާދަމް ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަވަމުންގެންދަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް، ގ.ހާފްސީ މުއުމިނާ އާދަމް ޢައްޔަން ކުރެއްވީ މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައެވެ.

މުއުމިނާ އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު"ގެ މެންބަރުކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ، މެންބަރުކަން އަދާކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ މީޑިޔާ ދާއިރާއާ ކުޅިވަރުގެ ދާއިރާގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ.

މުއުމިނާ އާދަމް ވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2014 ވަނަ އަހަރު ޙާޞިލުކުރައްވާފައެވެ. އަދި އޭނާ ވަނީ 2019 ވަނަ އަހަރު ރެހެންދި އެވޯޑުވެސް ޙާޞިލު ކުރައްވާފައެވެ.