ބޮޑުކަންނެލީގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ މަސް ގަތުމުގެ މައްސަލަ ހައްލުކުރުމަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓިއެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއިއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން، ފާއިތުވެދިޔަ 5 ދުވަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަނާއި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކާއިއެކު ކުރެވުނު ސިލްސިލާ މަޝްވަރާތަކަށްފަހު، މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކުގެ ވިޔަފާރި ދެމެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގައި މިވަގުތަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ، ދިވެހިރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިކަމަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ދުނިޔޭގެ ބާޒާރުގައި ފިނިކުރި ތާޒާމަހަށް އޮތް ޑިމާންޑް އެތައް ގުނައެއް ދަށްވެގެން ގޮސްފައިވުމާއެކު، މަސްވެރިންނާއި އޮޑިވެރިންގެ އާމްދަނީއަށާއި މަސްވެރިން އަތުން މަސްގަނެ ޕްރޮސެސްކުރާ ފަރާތްތަކުގެ ވިޔަފާރިއަށް މިކަމުގެ ސަބަބުން ހީނަރުކަން އަންނަމުންދާކަން އެފަރާތްތަކުން ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިކަންކަމަށް ރިއާޔަތްކޮށް ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމާއެކު މަސްވެރިކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހިކުރުމަށް ފިޔަވަޅުތައް އެޅުމަށް އެމިނިސްޓްރީއިން އެއްބަސްވެފައިވާ ކަމަށެވެ.

އެގޮތުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކުން ގަނޑުކުރިމަހުގެ ގޮތުގައި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކޭޝް ފްލޯ ފޯރުކޮށްދިނުމަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ޤާއިމުކޮށްދިނުމާ، ލޯނު ފެސިލިޓީގެ ބޭނުން ހިފާ ކުންފުނިތަކުން 25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއްގައި މަސް ގަތުމާ، ބޮޑުކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ތެރެއިން، އިންޖީނު ލޯނު ނުވަތަ އޮޑިބަނުމަށާއި މަރާމާތަށް ލޯނެއް ނަގައި ދައްކަމުންދާ ފަރާތްތަކުގެ ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަކި މުއްދަތެއްގެ ލުޔެއް ހޯދައިދިނުން ހިމެނޭ ކަމަށް ފިޝެރީޒް އިން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނީ މިފިޔަވަޅުތަކުގެ ސަބަބުން، މިހާރު ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަސް ގަތުމުގައި ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި ކޯވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް މަގުފަހިވެގެންދާނެކަމުގައި މިނިސްޓްރީއިން ދެކޭކަމަށެވެ.