2004 ވަނަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހަކީ މުޅި ހުވަދޫ އަތޮޅަށް ވަކިން ޚާއްސަކޮށް ގދ. ތިނަދޫ ރައްޔިތުންނަށް ފުން ހިތާމަވެރި ދުވަހެކެވެ.

އެނގެން އޮތް ތާރީޚަށް ބަލާއިރު މިއީ ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާވެސްމެއެވެ. ތިނަދޫ ރައްޔިތުން ބުނާ ގޮތުން ނަމަ ކަޅު ދުވަހެކެވެ. އެ ކަޅު ދުވަހާ އެ ރަށުގެ ރައްޔިތުން ކުރިމަތިލީ މީގެ 16 އަހަރު ކުރިންނަމަވެސް އަދިވެސް އެ ހަނދާން އަދިވެސް އާ ކުރަނީ އިއްޔެ ހިނގާދިޔަ ހާދިސާއެއްގެ ގޮތުގައެވެ. އެ ދުވަހުގެ ނާމަން ކަމާއި ބިރުވެރިކަން އަދިވެސް އެ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިންވަޅުނެގިފައެވެ.

2004 ވަނަ އަހަރުގެ މާޗު މަހުގެ 17 ވީ ބުދަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ތިނަދޫ އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާގެ ޚަބަރާއެކު މުޅި ތިނަދޫ ރުއިމުގެ އަޑުން ގުގުމާލިއެވެ. ގއ. ވިލިނގިލީގައި އޮތް ފުޓްބޯޅަ މެޗެއް ބެލުމަށް ފަހު 122 މީހުން ގޮވައިގެން ތިނަދުއަށް ދަތުރުކުރި "އެނަމާ" ބޯޓު ބަންޑުން ޖަހާލާ 24 މީހުން މަރުވެ، 2 މީީހަކު ވީ ނުވީ ނޭގި ގެއްލުނެވެ. އެއް ރަށަކަށް ނިސްބަތްވާ އެތައް ބަޔަކު މިހާދިސާގައި އެ މީހުންގެ ލޯބިވާ އައިލާތަކާއި ވަކިވެގެންދިޔައިރު މަރުވި މީހުންނާއި މަރުނުވެ ސަލާމަތްވީ މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވީ މީހުންވެސް މަދެއްނޫނެވެ.

މި ހާދިސާގައި ފަތަންދަންނަ އެތައް ބަޔަކު މިދުނިޔެއާއި ވަކިވެގެންދިޔައެވެ. އަދި މިހާދިސާގައި އެންމެ ހަނގު ކުއްޖެއްގެ ގޮތުގައި ސަލާމަތް ކުރެވުނީ އެންމެ 3 މަހުގެ ތުއްތު ކުއްޖެކެވެ.

ގއ. ވިލިނގިލީގައި އޮތް ފޯރި ގަދަ ފުޓްބޯޅަ މެޗެއް ބެލުމަށް ފަހު އެނަމާ ބޯޓުގައި އެނބުރި އުފަން ރަށަށް އަންނަން ދަތުރުފެށީ ވަރަށްވެސް ފޮނި އުންމީދާއެކުއެވެ. އެހެންނަމަވެސް ދަތުރުކުރަމުންގޮސް ގާތްގަނޑަކަށް ބައި ގަޑިއެއްހާ އިރު ވީތަނާ ބޯޓުގެ އިންޖީނު ހުއްޓިގެން އެ ބޯޓުގެ ފިލްޓަރެއް ބަދަލުކޮށްގެން އަލުން މިސްރާބަށް ދިޔުމަށްޓަކައި ދަތުރުފެށިއެވެ. ނަމަވެސް އެރޭ 8:30 ހާއިރު ކުއްލި ގޮތަކަށް އެ އޮމާންކަމާއެކު ދަތުރުކުރަމުން އައި ބޯޓަށް ލޮޅުމެއް އައިސް ބޯޓު ބަންޑުން ޖަހާލިއެވެ. މިހާދިސާ ހިނގީ އެ ބޯޓާއި 40 ފޫޓޭއްހާ ކައުރިން ދުއްވާފަ ދިޔަ "އަރުތަ" ނަމަކަށް ކިޔާ ގދ. ތިނަދޫ މަސްދޯންޏެއްގެ މޯހިރުގައި ޖެހުމުން ކަމަށް ބެލެވޭ ކަމަށް ތިނަދޫ ރައްޔިތުން ބުނެއެވެ.

އެނަމާ ބޯޓުގައި ދަތުރުކުރަމުން ދިޔަ އިރު އޭގައި 88 ކައްކާ ގޭސްފުޅި ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގައި ބޭނުންކުރާ މެޑް އޮކްސިޖަން ހުސްކުރި 10 ފުޅި ނޫން އެހެން އެއްވެސް މުދަލެއް އެ ބޯޓުގައި ބަރުކޮށްފައި ނެތެވެ. މިހާ މަދު މުދަލާއެކު ގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުން ޖަހާލުމުގެ ސަބަބެއް ކަމަށް ކަމާބެހޭ ބައެއް މާހިރުން ދެކެއެވެ. މިހާދިސާގައި އެންމެ ފުރަތަމަ އެހީތެރިވި ބަޔަކީ ރާޅު އުފައްދާފަ ކައިރިން ދިޔަ އެރަށު އަރުތަ ދޯންޏެވެ. އޭގެ ފަހުން ގއ.ދާންދޫ މިޔަރެން ދޯނި ނަމަކަށް ކިޔާ ދޯންޏެއް އެނަމާ ބޯޓު ކައިރިއަށްގޮސް އެ މީހުނަށް އެހީނުވެ ދިޔައެވެ. މި ހާދިސާއިން ސަލާމަތްވީ މިހުން ކިޔައިދިން ގޮތުގައި މިޔަރެން ދޯނީގެ އެހީތެރިކަން ލިބުނު ނަމަ އެމީހުންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތްވީސް ކަމަށެވެ. 12 ޓަނުގެ މަސް އެ ދޯނީގައި ހުރި ކަމަށް ބުނެ އެ ދޯނި ކޫއްޑޫއަށް މަސްކިރުވަން ދިޔައެވެ. ކަނޑުމަތީގައި އެތަކެއް އަޙުންނެއް ހާލުގައި ޖެހިފައި ތިއްބާ އަޅާނުލާ ދޯނި ދިޔައީއެވެ. އޭރު އާންމުންގެ ތެރޭގައި އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އުފެދުނީ "އެނަމާ" ބޯޓު ބަންޑުން ޖަހާލާ އެހާ ގިނަ ބަޔަކު ކަނޑުވުމުން ވެސް "މިއަރެން" ދޯނި އަޅާނުލާ ދިއުމުންނެވެ.

"އެނަމާ" ހާދިސާއަކީ އޭގެ ޒާތުގައި ހިނގައިފާނެ ވަރަށް ނާދިރު ކަމެއް ކަމަށް ތިނަދޫ ބައެއް މީހުން ބުނެއެވެ. ކަނޑުމަތީގެ އެހެން ގިނަ ހާދިސާތަކުގެ ފަހަތުގައި އޮންނަނީ މޫސުމަށް ނުބަލައި ދުއްވުމާއި ފަރުވާކުޑަވުމުގެ ސަބަބުތައް ކަމަށްވެސް ބައެއް މީހުން ބުނއެވެ. އެނަމާ ހާދިސާގައި ސަލާމަތްވީ މީހުން އަދިވެސް މި ހާދިސާ ހަނދާން ކުރަނީ ކަރުނައިން ފޯވެ ހިތްދަތި ހަނދާންތަކަކާއި ވޭނީ ދުވަހެއްގެ ގޮތުގައެވެ. އަދި ބައެއް މީހުން މި ހާދިސާގެ ހަނދާން ދެވަނަ ފަހަރަށް ކުރަން ބޭނުންވެސް ނުވެއެވެ. އެއީ ހާދިސާގެ ބިރުވެރިކަމާއި ކުއްލި ސިހުމެއް ގުނުވި ދުވަހަކަށް ވުމުންނެވެ. މި ހާދިސާއިން އަދިވެސް އަރައި ނުގެނެވި ތިބި ފަރާތްތަށްވެސް މަދެއްނޫނެވެ. ވީނިއުސް އިން އެދެނީ މިހާދިސާގައި ދުނިޔެދޫކޮށް ދިޔަ ހުރި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާ އަދި އެ އާއިލާތަކަށް ކެތްތެރިކަން މިންވަރު ކުރެއްވުމެވެ. އާމީން.