ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވަމުންދާ މިދަނޑިވަޅުގައި ފަންނާނުންނަށް އާމްދަނީ ހޯދުމަށް ދަތިވެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މަޢުމޫނު ވިދާޅުވެއްޖެއެވެ.

ރިޒޯޓު މިޔުޒިކް ކުޅެގެން އާމްދަނީ ހޯދާ މިޔުޒިކީ ފަންނާނުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ދަނީ ހިއްސާ ކުރަމުންނެވެ.

އެގޮތުން ގިނަ ރިޒޯޓުތަކެއްގައި ފަތުރުވެރިންގެ ނިސްބަތް ދަށްވެ ބައެއް ރިޒޯޓުތައް ބަންދުކުރަމުންދާތީ ފަންނާނުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހަނިވަމުންދާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން މިނިސްޓަރ ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން އާމްދަނީ ހޯދުމަށް ދަތިވެ ކަންބޮޑުވުން ފާޅުކުރަމުން ދާތީ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމަށް ފަންނާނުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ޔުމްނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ މިޔުޒީޝަނުންގެ ޖަމިއްޔާއެއް އުފެދިފައި ނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ޖަމިއްޔާއެއްގެ މުހިންމުކަން މިދަނޑިވަޅުގައި އިހުސާސްކުރެވޭ ކަމަށާއި މިކަމަށް މަސައްކަތް ކުރެވިދާނެތޯ ވިދާޅުވެ މިޔުޒީޝަނުންނާ މިނިސްޓަރު ވަނީ ސުވާލު ކުރައްވާފައެވެ.

ކޮވިޑް 19 އާ ގުޅިގެން މިޔުޒިކް އިންޑަސްޓްރީއަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ.

މިޔުޒީޝަނުންގެ އިތުރުން ފިލްމީ ދާއިރާގެ މަސައްކަތްތައްވެސް ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިޙާލަތު ރަނގަޅުވަންދެން އެންސީއޭއިން ވަނީ ރާއްޖޭގެ އެންމެ ބޮޑު ސިނަމާ، އޮލިމްޕަސް ބަންދުކޮށްފައެވެ.