• ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 7،462 އަށް އަރައިފި
  • ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 186،198 އަށް އަރައިފި
  • ވައިރަސް ފެނުނު ގައުމުތަކާއި ޓެރިޓަރީތަކުގެ އަދަދު 141 އަށް

ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އެންމެން ޓެސްޓްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވައިފިއެވެ.

ޖެނީވާގައި ހުންނަ ޑަބްލިޔޫއެޗްއޯގެ މައި މަރުކަޒުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވަނީ، ވައިރަސް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް މަރްހަބާ ވިދާޅުވެފައެވެ.

އެގޮތުން، މީހުން ގައިގޯޅިވުން ކުޑަކޮށް މިދަނޑިވަޅުގައި އިޖުތިމާއީ ދުރުހެލިކަމަށް ޑަބްލިޔޫއެޗްއޯއިން ދެމުންގެންދާ އިރުޝާދުތައް ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގަނެ އެކަމަށް ފިޔަވަޅު އަޅާފައިވާކަން ޓެޑްރޯސް ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް، މިވަރަކުން އަދި ނުފުދޭކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ވައިރަސްއަށް ޝައްކުކުރެވޭ ހުރިހާ އެންމެން އެކަހެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، ޝައްކުކުރެވޭ އެންމެން ޓެސްޓްކުރުމަށް ޓެޑްރޯސް ތަކުރާރުކުރައްވައި ގައުމުތަކަށް ގޮވާލެއްވިއެވެ.

"ވައިރަސް ފެތުރުން ހުއްޓުވައި، ފުރާނަތައް ސަލާމަތްކުރުމަށް އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅަކީ ވައިރަސް ފެތުރޭ މަގުތައް ފުނޑުފުނޑުކޮށްލުން. އެކަން ކުރުމަށްޓަކައި ކުރާންޖެހޭ ކަމަކީ ޓެސްޓްކުރުމާއި އެކަހެރިކުރުން. ކަނުބަނދެގެންހުރެ އަލިފާންގަނޑެއް ނިއްވައެއް ނުލެވޭނެ. ވައިރަސް ޖެހިފައި ހުރި މީހަކު އަޅުގަނޑުމެންނަށް ނޭނގެންޏާ މި ބަލިމަޑުކަން އަޅުގަނޑުމެންނަށް ނުހުއްޓުވޭނެ. ހުރިހާ ގައުމަކަށްވެސް އަޅުގަނޑު ދޭންއޮތީ ވަރަށް އާދައިގެ މެސެޖެއް. ޓެސްޓް، ޓެސްޓް. ޓެސްޓް"
ޓެޑްރޯސް އަދަނޮމް

ކޮވިޑް-19 އަށް ޝައްކުކުރެވޭ އެންމެން ޓެސްޓްކޮށްގެން ނޫނީ ވައިރަސް ނުހުއްޓުވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯ ހާމަކޮށްފައި ވާއިރު، ވައިރަސް މިހާރުވަނީ ދުނިޔޭގެ 141 ގައުމާއި ޓެރިޓަރީއަށް ފެތުރިފައެވެ.

އެގައުމުތަކާއި ޓެރިޓަރީތަކުން ވައިރަސްގައި މަރުވި މީހުންގެ އަދަދު 7،462 އަށް އަރާފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ 186،198 އަށް އަރާފައެވެ.

މި ބަލީގައި ރަނގަޅުވި މީހުން ފާއިތުވެދިޔަ ތިންދުވަހުވެސް އޮތީ 67،003 ގައެވެ.