އިންޑިއާގައި ހުންނަ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލް ބިނާކަމުގައިވާ ތާޖް މަހަލް، އިންޑިއާ ސަރުކާރުން ބަންދުކޮށްފިއެވެ.

ތާޖް މަހަލްއަކީ ޔުނެސްކޯއިން ކަނޑައަޅާފައިވާ ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ހިމެނޭ ތަނެކެވެ.

އިންޑިއާ ސަރުކާރުން ތާޖް މަހަލް ބަންދުކުރިއިރު، ޓިކެޓް ވިއްކައިގެން ފަތުރުވެރިންނަށް ދައްކާ އެކިއެކި ބިނާތަކާއި، ދާރުލްއަސާރުތައްވެސް މާޗްމަހުގެ 31 ގެ ނިޔަލަށް ބަންދު ކުރުމަށް އިންޑިއާ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓްރީންވަނީ އަންގާފައެވެ.

ޓުއަރިޒަމް މިނިސްޓަރ ޕްރަހްލަދް ޕަޓޭލް ވިދާޅުވީ، މިއީ އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުމަށާއި، ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށެވެ.

ސަންގުމަރުމަރު ހިލަޖަހައިގެން ހަދާފައިވާ 17 ވަނަ ގަރުނުގެ ތާޖް މަހަލްއަކީ ދުނިޔޭގެ އަޖާއިބުތަކުގެ ތެރޭގައި ހިމެނޭ ބިނާއެކެވެ. އެތަން ހުންނަނީ އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަދޭޝްގައެވެ.

އުއްތަރް ޕްރަދޭޝްގެ އާގްރާގައި ހުންނަ ތާޖް މަހަލް ބަލާލަން އަހަރެއްގެ މައްޗަށް 6.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ހަމައެކަނި އެތަނަށް ވަނުމުގެ ފީއަށް އެކަނިވެސް އަހަރެއްގެ މައްޗަށް 14 މިލިއަން އެމެރިކާ ޑޮލަރު އިންޑިއާ ސަރުކާރަށް ލިބެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބައިބޯ ގައުމު ކަމަށްވާ އިންޑިއާގެ އަބާދީގައި 1.3 ބިލިއަން މީހުން ހިމެނޭއިރު، ވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކާއި، ސިނަމާތައްވެސް މިހާރުވަނީ ބަންދުކޮށްފައެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 137 މީހުން މިހާތަނަށް ފެނިފައިވާއިރު، މިބަލީގައި މިހާތަނަށް 3 މީހުންވަނީ މަރުވެފައެވެ.

އާބާދީގައި ހިމެނޭ މީސްގިނަކާއި، އެ އެންމެނަށް ޚިދުމަތް ދެވޭވަރަށް ސިއްހީ ޚިދުމަތުގެ ނިޒާމު ވަރުގަދަ ނުވުމުން، އިންޑިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރޭން ފަށައިނަމަ އެކަމުގެ ސަބަބުން އިންޑިއާއަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.