ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކޮންމެ ހާލަތެެއްގައިވެސް ހުޅުވޭ ގޮތަށް ޖަލްސާތައް ބުދަ ދުވަހުން ފެށިގެން މެދުކަނޑާލަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިކަން އިއުލާން ކުރެއްވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ވެސް 1 ހަފްތާއަށް ބަންދުކުރަން ނިންމާފައިވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބަންދުކުރަނީ ސަރުކާރު ނޫން ކަމަށާއި ބަންދު ކުރަނީ ސަރުކާރުގެ މަސައްކަތްތައް ކަމަށެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި އޭވިއޭޝަންގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރަށް އެކިއެކި ޕޯޓުތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިހުގެ ގަވާއިދުގެ 247 ވަނަ މާއްދާގައި މަޖިލިހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިޚްތިޔާރު މަޖިލިހުގެ ރިޔާސަތަށް ލިބޭކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް އެބާރު ރިޔާސަތަށް ދީފައިވަނީ މަޖިލިހަށް ލިބިދާނެ ގެއްލުމަކުން މަޖިލިސް ސަލާމަތް ކުރުމަށް ކަމަށެވެ.

މި މަޖިލީހެއް ބަންދެއް ނުވެ. މި މަޖިލީހެއް ބަންދެއް ނުވެސް ކުރެވޭނެ މިބާވަތުގެ ހައްސާސް ވަގުތެއްގަ. މަޖިލިހުން ބަލަހްޓަން ޖެހޭ ކަންކަން މަޖިލިހުން ބަލަހައްޓަން ޖެހޭނެ. އިންތިހާބު ފަސް ކުރުމުގެ ގާނޫނު އުފެދިގެން އައިސް އެ ގާނޫނުވެސް ފާސްވާން ޖެހޭ. އަދި ކައުންސިލްގެ މުއްދަތު ޖޫން މަހަށްވުރެ އިތުރަށް ދެމިގެންދާކަމަށް ވަނީ ނަމަ އެކަމަށްވެސް މި މަޖިލިހުން ފަރުވާއެއް ހޯދަން އެބަ ޖެހޭ. އަދި ރޯގާގެ ސަބަބުން ދިމާވެދާނެ އެކި ކަހަލަ ކަންތައްތަކުގެ ހައްލުވެސް އަޅުގަނޑުމެންގެ އަތުގައި އޮންނަން އެބަޖެހޭ. އަދި އެކަން ކަމަށް އަޅުގަނޑުމެން ތައްޔާރުވެ ތިބެން އެބަޖެހޭ."
ރައީސް ނަޝީދު

މަޖިލިހުގެ ޖަލްސާތަަކަށް ކޮންމެ ވަގުތެއްގައިވެސް ގޮވާލަންޖެހިދާނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޖަލްސާއަކަށް ކޮންމެ ވަގުތެއްގައި ގޮވާލި ނަމަވެސް މެމްބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިގެންނެވޭނެ ފަދަ ގޮތަކަށް ތިއްބަވަން ޖެހޭނެ ކަމަށެވެ. އެކަމަކު މަޖިލިހުގެ މުވައްޒަފުންނާއި މަޖިލިހުގެ ގިނަ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުންވެސް މަޑުކުރައްވާނީ ގޭގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއީ ޗުއްޓީއެއް ނޫން. މަޖިލިހުގެ މަސައްކަތްތައް ހިނގާނެ. ގޭގައި ތިއްބަވައިގެން އެ މަސައްކަތްތައް ކުރެވޭނެ ގޮތް މަޖިލިހުން އިންތިޒާމު ކުރާނެ. މަޖިލިހުގެ ޖަލްސާއެއް ބޭއްވޭނީ ކޮންމެހެން ބާއްވަން ލާޒިމްކުރާ ޖަލްސާއެއް. މަޖިލިހުގެ ޒިންމާތައް މަޖިލިހުން ނަގާނެ. އަދި ސަރުކާރުން ގާނޫނީގޮތުން އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެކަމަށް އަވަސް ފިޔަވަޅެއް މަޖިލިހުން ހޯއްދަވާނެ."
ރައީސް ނަޝީދު

މިމައްސަލައިގައި މެމްބަރުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލުމުން މަޖިލީހުގެ ގިނަ މެމްމަބަރުން ތާއީދު ކުރެއްވީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއެއްގޮތަށް މިވަގުތު މަޖިލިސް މެދުކަނޑާލުމަށެވެ. ނަމަވެސް ބައެއް މެމްބަރުން ވަނީ ސަރުކާރުން ނިންމަވާފައިވާ ނިންމުމާ ދެކޮޅުކަން ހާމަކުރައްވާފައެވެ. އެގޮތުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅުތަކުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށެވެ. އަދި މަޖިލިހުގެ ކަންކަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވިދާނެކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މަޖިލިހުގައި 5000 މީހުން ތަމްސީލުކުރައްވާ އިރު އެ ރައްޔިތުންގެ ހައްގުތަކެއް ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ.

ސަރުކާރު ބަންދުކުރިޔަސް އަޅުގަނޑުމެންނަށް މަޖިލިސް ބަންދުކޮށްގެން ނުތިބެވޭނެ ވަރަށް ގިނަ ސަބަބުތައް އެބަހުރި. މި ދަނޑިވަޅުގައި ރައްޔިތުންނަށް ލިބިދޭ ހައްގުތައް ކަށަވަރުވޭތޯ ބަލަން ޖެހޭ. އެ މަސްއޫލިއްޔަތު އަދާކުރާނެ ބަޔަކީ އަޅުގަނޑުމެން. މަނަވަރު މީހުން ބޭން ޖަހާލަ ޖަހާލާ ތިބޭ ގޮތަށް އެންމެ ފަހު މީހާ އާއި ހަމައަށް އަޅުގަނޑު ހުންނާނަން. އަޅުގަނޑުމެން ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ދީލާލާކަމަށް ވާނަމަ އަވަހަށް ގެއަށް ވަންނަންވީ. އަޅުގަނޑުމެން އިތުރަށް ކުރާނެ ކަމެއްނެތް. ސަރުކާރުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިއަސް ރައްޔިތުން ކިތައްމެ ނިކަމެތި ކޮށްލިކަމުގައިވީ ނަމަވެސް އުންމީދު ކުރަނީ ސަރުކާރުން އެހެން ނަހަަދާނެ ކަމަށް."
މެމްބަރު އަލީ އާޒިމް

ޖަލްސާތައް މެނދުކަނޑާލުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދޅުވީ ސަރުކާރުގެ ނިންމެވުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި މަޖިލިސްވެސް 1 ހަފްތާއަށް ބަންދުކުރަން ތާއީދުކުރައްވާ ކަމަށެވެ.

އަޅުގަނޑުމެން ވެގެން ނުވާނެ ސަރުކާރު ހިނގުމުގެ ބާރަށް ގެންނަ ބަދަލުތަކަށް ސަރުކާރުން މިކަންކަމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ. ރައްޔިތުންނާއި ގުޅުން ހުރި އެމަޖެންސީ ކަންކަމުގައިވެސް މީގެ ކުރިން ހުރީ ރޭގަނޑުގެ ވަގުތުތަކުގައި ނިކުމެ އެ މަސައްކަތްވެސް ކޮށްފަ. އެހެންވީމާ އެ މަސައްކަތްތައް ކުރެވޭނެ. ކޮވިޑް-19 އާއި ގުޅިގެން އެ ބަލިން ރައްކާތެރިވުމަށްޓަކައި ކުރީ ބައިގައި ފިޔަވަޅު އެޅުމަކީ ރަނގަޅު ކަމެއް. ސަރުކާރު ބަންދުވެފައި އޮންނަ ދުވަސްވަރުގައި މަޖިލިސްވެސް ބަންދުވެފައި އޮންނަން ޖެހޭ. ނަމަވެސް ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ކޮންމެ ހާލަތެއްގައި އަޅާނަން."
މެމްބަރު އަހުމަދު ސަލީމް

ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ހަރުދަނާ އަދި ރައްޔިތުންނަށް ދެ ފުށްފެންނަން ޖެހޭނެ ފިޔަވަޅުތަކެއް ކަމަށްވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.