ހޮރައިޒަން ފިޝެރީޒް އިން ވިއްކާ "މާންދޫ މަސް" ބްރޭންޑްގެ ތެޔޮ މަސްދަޅު އަގު ހެޔޮކޮށްފި އެވެ.

ވީނިއުސް އަށް މައުލޫމާތު ދެމުން ހޮރައިޒަން ފިޝެރީޒް އިން ބުނީ އެކުންފުނިން ވިއްކާ ތެޔޮ މަސްދަޅު ކޭހުގެ އަގު ހެޔޮކުރީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19، ރާއްޖޭގައި ވެސް މިހާރު ފެތުރެން ފަށާފައިވާތީ އިގްތިސާދަށް އަންނަމުން މިދާ ހީނަރުކަމާއެކު ރައްޔިތުންގެ ދިރިއުޅުމަށް ލުއިކަމެއް ގެނެސްދިނުމަށް ކަމަށެވެ.

ހޮރައިޒަން އިން ބުނީ މިހާރު 650 ރުފިޔާ އަށް ވިއްކާ މާންދޫ ތެޔޮ މަސްދަޅު ކޭހެއް މިއަދުން ފެށިގެން ވިއްކާނީ 635 ރުފިޔާއަށް ކަމަށެވެ.

ހޮރައިޒަން އިން ބުނީ އެކުންފުނިން ވިއްކާ މަސްދަޅު ކޭސްތައް އެއްވެސް ދަތިކަމެއް ނެތި ރަމަޟާން މަހުވެސް ލިބެން ހުންނާނެ ކަމަށާ އެހާވަރަށް ސްޓޮކް އެބަހުރި ކަމަށެވެ. އަދި ސްޓޮކް ހުސްވިޔަސް މަސް ދަޅު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފެއްދުމުގެ ގާބިލްކަން ހޮރައިޒަންގައި އެބަހުރި ކަމަށެވެ. އެހެންކަމުން ކުންފުނީގެ މަގްސަދަކީ ރައްޔިތުންނަށް އެއްވެސް ދަތިކަމަކާ ނުލާ، މިހާރު މިއޮތް ހާލަތުން އަރައިގަނެވެންދެން މަހުގެ ބާވަތްތައް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މާންދޫ މަސްދަޅު ކޭސްތައް ހެޔޮ އަގުގައި ލިބެން ހުންނާނީ ޗާންދަނީ މަގު މިއުޒިއަމް ކުރިމަތީގައި ހުންނަ ހޮރައިޒަންގެ ސީފުޑް ޕްލަސް ފިހާރައިން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ހޮރައިޒަން ފިޝަރީޒްއިން ބުނީ ދަޅުގައި ބަންދުކުރާ މަހުގެ ޑިމާންޑް މިދުވަސްވަރު މަތިވެފައިވާކަމަށެވެ.