ސިޔާސީ ތަފާތު އެކި ފިކުރުތައް އެއްކިބާ ކުރުމަށް ފަހު ދިމާވެފައިވާ މައްސަލައަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކިގެން ކުރިއަށްދިޔުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބުދަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން މެމްބަރުންގެ ޚިޔާލަށް މަޖިލިސް ހުޅުވާލުމުން މެމްބަރު ހަސަން އަފީފް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާޑުގެ ބާވަތްތައް ހޯދާފައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކާޑުގެ ބާވަތްތަކާއި ބޭސްފަރުވާގެ ކަންކަމަށް ބޭނުންވާ ސާމާނު ހޯދާނެ ގޮތްތަކެއް ސަރުކާރުން ވަނީ މަގުފަހިކޮށްފައި ކަމަށެވެ.

އަދި އެކުވެރި ދައުލަތްތަކުން ރާއްޖެއަށް ދޭނެ އެހީތަށް ހޯދުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށްކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ ސަރުކާރުން ކަންކަމާ ދޭތެރޭ އަޅާނުލައޭ ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. ސިޔާސީ އެކި ފިކުރުތައް އެއްފަރާތްކޮށް އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލައަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރަންވީ ވަގުތު ކަން ފާހަގަކުރައްވާ މެމްބަރު ހަސަން އަފީފް ވިދާޅުވީ އަންނަ ހަފްތާގައި ސަރުކާރު ބަންދުކުރަނީ ކޮންމެހެން ޗުއްޓީއެއްގައި ތިބެން ނޫން ކަމަށާއި އަދި ސަރުކާރުގެ މުވައްޒަފުންނަށް ޗުއްޓީއެއްދިނުމަށްވެސް ނޫން ކަމަށެވެ.

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކޮވިޑް-19 ޖެހިގެން ދުނިޔޭގެ ބޮޑެތި ގައުމުތައް އެ އަންނަނީ ލޮކްޑައުން ކުރަމުން. އަޅުގަނޑުމެންނަކީ މީގެ ކުރިންވެސް 9 ދުވަހުގެ ޗުއްޓީ ލިބޭ ބައެއް. އީދާ ދިމާކޮށްފައިވެސް 9 ދުވަހުގެ ޗުއްޓީވެސް ލިބިގެން ހިނގައްޖެ. ސަރުކާރު ބަންދުކުރާ އިރު ވިސްނަންޖެހޭ ކަންކަމަށް ވިސްނާފަ އޮންނާނީ. މަޖިލިހުގެ ޖަލްސާތައްވެސް ކުރިއަށްގެންދަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނަން."
މެމްބަރު ހަސަން އަފީފް

ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ސަރުކާރުން ނިންމި ނިންމުމަކީ ކޮންގޮތަކަށް ވިސްނާފައި ނިންމި ނިންމުމެއްތޯ ބަލަންޖެހޭ ކަމަށާއި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް އެއްވެ ނޫޅުމަށް ބާރު އަޅާ ސަބަބުވެސް ބަލަންޖެހޭކަން މެމްބަރު އަފީފް ފާހަގަކުރެއްވިއެވެ. ސަރުކާރަކީ އެމްޑީޕީ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ އަފީފް ވިދާޅުވީ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އަދި އެމްޑީޕީގެ ކޮންޓްރޯލެއް ސަރުކާރުގައި ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ކޮންޓްރޯލް ކުރަމުންދަނީ އަޅުގަނޑުމެންނާއި ތަފާތު ފިކުރުގެ މީހުން."
މެމްބަރު ހަސަން އަފީފް

ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަންޖެހޭނެ ކަމަށާއި ނަމަވެސް ރައްޔިތުންނަށްޓަކައި ކޮނޑުގައި އެޅިފައިވާ ޒިންމާ އަދާކުރުމަށްޓަކައި އެ ފުރުސަތު ލިބެންޖެހޭނެ ކަމަށް މެމްބަރުގެ ވާހަކައިގައި ވިދާޅުވިއެވެ.