މިހާރު ކުވެއިތާއި ސަޢުދީ އަރަބިއްޔާގެ މިސްކިތްތަކުގައި ބަންގި ގޮވާއަޑު މި ފަހުން އަޑު އިވުނީ ކިތައް މީހުންނަށްތޯ؟

އެ އަޑު އިވި، އަސަރު ނުކުރާ އެއްވެސް މުސްލިމަކު އެބަހުރިތޯ؟

އިސްލާމީ ޤައުމެއްގެ އެންމެ ޚާއްސަ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ ރެއާއި ދުވާލު 5 ފަހަރު މީސްތަކުންނާއިގެން ނަމާދު ޤާއިމްކުރުމަށްޓަކައި އެ ޤައުމެއްގެ މިސްކިތްތަކުގެ ތާޅަފިލިތަކުން އިވެމުންދާ ބަންގިއެވެ.

ބަންގިއަކީ ނަމާދުވަގުތު ޖެހިއްޖެކަމާއި ކުރަން ތިބި ކޮންމެކަމެއް ހުއްޓާލުމަށްފަހު، ފަލާޙާ ކާމިޔާބަށް ދިޔުމަށް ގޮވާލެވޭ ނިދާއެވެ. އަދި އެއީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް ޝިޢާރެވެ. މާތްﷲ އާ ބައްދަލުކުރުމަށް އަވަސްވެގަތުމަށް މީސްތަކުންނަށް ދެވޭ ދަޢުވަތެކެވެ.

މި ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ބަލިތަކުގެ ތެރެއިން ބައްޔެއްގެ ގޮތުގައި މިހާރު މިފެންނަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19ގެ ސަބަބުުން ބަޔަކު ހީވެސް ނުކުރާ ގިނަ ކަންތައްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިދަނީ ފެންނަމުންނެވެ.

ޚާއްސަކޮށް އިސްލާމީ ޤައުމުތަކުގައި ކޮންމެ ނަމާދަކަށް މި އަޑު އިވޭ ބަންގިއަށް އައި ބަދަލު ފާހަގަކުރެވެއެވެ.

މިހާރު އަޑު އިވެމުންދަނީ ބަންގީގެ ތެރެއިން ނުވަތަ ބަންގި ނިންމަމުން '' ހުރިހާ އެންމެން ތިބި ތަނެއްގައި ނަމާދު ޤާއިމް ކުރާށެވެ'' ނުވަތަ ''ހުރިހާ އެންމެން ގެތަކުގައި ނަމާދު ޤާއިމްކުރާށެވެ'' ގޮވާއަޑެވެ.

ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤައުމަށް އަންނަ ނުރައްކާތެރި ޙާލަތެއްގައި، ނުވަތަ ބިރުވެރިކަމެއްގެ ޙާލަތުގައި މެނުވީ ނަމާދުކުރަން ވާނީ މިސްކިތްތަކުގައެވެ.

ތާރީޚުގައިވެސް މިސްކިތްތަކުގައި ނަމާދު ނުކުރާ ދުވަސްވަރެއް ނުދާކަން ޢިލްމުވެރިން ފާހަގަކުރައްވައެވެ.

ތާރީޚަށް ބަލާއިރު ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޒަމާނުގައި ޠާއޫން ބަލި ފެތުރިގެން ދިޔައިރުވެސް މިސްކިތްތައް ބަންދު ނުކާކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

ޠާއޫންއަކީ ގިނަ ބައެއްގެ މައްޗަށް އާންމުވެގެންވާ، މުޅި ދުނިޔެއަށް ފެތުރޭ ކޮންމެ ބައްޔަކަށް ކިޔާ ނަމެކެވެ.

މިފަދަ ބައްޔެއް ފެތުރޭނަމަ ބަލި ޖެހިފައިވާ މީހުން މިސްކިތްތަކަށް ނޭރުމަށް އޭރުވެސް ދައުލަތްތަކުން އަންގާފައިވެއެވެ.

ނުރައްކާތެރި ބަލިމަޑުކަމުގެ މި ޙާލަތުގައި ރައްކާތެރިކަމުގެ ގޮތުން އެންމެން އެއްވެ ނޫޅުމަށް ސިއްޙީ މާހިރުން އިރުޝާދުދީ، އިލްތިމާސްކުރަމުންދާއިރު އެކަމަށް ބާރު އެޅުމުގެ ގޮތުން މި ދުވަސްވަރު މާލެ ސަރަހައްދާއި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މިއަދުން ފެށިގެން މި ވަނީ މެދުކަނޑާލާފައެވެ.

މިއަދުގެ މެންދުރު ނަމާދުން ފެށިގެން ބަންގިއަށްފަހު ''ހުރިހާ އެންމެން ގެތަކުގައި ނަމާދު ޤާއިމްކުރަން'' ވަނީ ގޮވަން ފަށާފައެވެ.

ހަމަ އެއާއި އެކު މި ބައްޔާ ގުޅިގެން އެއްވެސް ރަށެއް ބަންދުކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެ ރަށެއްގައިވެސް އެ ގޮތަށް އަމަލު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.

މި ތަންތަނުން ޖަމާއަތަށް ނަމާދަށް ދިޔުން މެދުކަނޑާލާފައިވާއިރު މިގޮތަށް އަމަލުކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށެވެ.