މަޖިލިސް މެންބަރުންގެ މުސާރައިގެ 20 އިންސައްތަ އުނި ކުރުމަށް ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

މުސާރައިން 20 އިންސައްތަ އުނިކުރުމަށް ފާސްކުރީ ބުދަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ތެރެއިން 74 މެންބަރުންގެ ވޯޓުންނެވެ. މުސާރައިގެ 20 އިންސައްތަ އުނި ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ބުދަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވަނީ މާލިއްޔަތު ކޮމިޓީން އެ މައްސަލާގައި އެކުލަވާލި ރިޕޯޓް ތަޅުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން ކޮމިޓީން ނިންމާފައި ވަނީ މާޗު މަހާއި އަންނަ އޭޕްރީލް މަހުގެ މުސާރައިގެ 20 އިންސައްތަ އުނިކުރުމަށެވެ.

އަދި އޭގެ ފަހުން ކޮންމެ މަހަކު އެއް ފަހަރު މާލިއްޔަތު ކޮމިޓީން މެންބަރުންގެ މުސާރަ ރިވިއު ކުރުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރަށް ރައީސް އާއި އަދި ނައިބު ރައީސް އާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައިގެ 20 އިންސައްތަ، 2 މަސް ދުވަހަށް އުނި ކުރުމަށް ވެސް ކޮމިޓީން ނިންމާފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށެވެ. މި ނިންމުން މިގޮތަށް ނިންމީ ކޮވިޑް-19 އާއ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް ޓަކައެވެ.

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއިން ވަނީ އެންމެ ހައި ރިސްކް ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައެވެ. މިއާއެކު ރާއްޖޭގެ އިގްތިސޯދަށް ހީނަރުކަމެއް އަންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާތަކުގެ ޚަރަދު ކުޑަ ކުރުމަށާއި ބޭކާރު ޚަރަދު ނުކުރުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.