ހަފްތާ އަކަށް ސަރުކާރު ބަންދުކުރަން ނިންމާފައިވާތީ، އެދުވަސްތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމާފައިވާ އެ މުއްދަތުގައި ބޭންކުތައް ހުޅުވާފައި ހުންނާނީ މިމަހުގެ 19، 23 އަދި 26 ވަނަ ދުވަހު ކަމަށެވެ.

އެ ދުވަސްތަކުގައި ފައިސާ ބަލައިގަނެ ދޫކުރުން ފަދަ ބޭންކިން ހިދުމަތްތައްކާއި، ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:30 އިން ފެށިގެން 11:00 އަށް ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

އެމްއެމްއޭ އިން ބުނީ ޖެމްސް ބޭނުންކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ.

ސަރުކާރުން ހަފްތާއެއްގެ މުއްދަތަށް އޮފީސްތައް ބަންދުކުރަން ނިންމާ ސަރުކާރު މުވައްޒަފުން ޒަރުރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ރާއްޖެއިން ވެސް ވަނީ 13 މީހަކު ޕޮޒިޓިވްވެފައެވެ.