• ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޑަބްލިޔޫއެޗްއޯއިން ދެކުނު އިރުމަތީ އޭޝިޔާއަށް ގޮވާލައިފި
  • ވައިރަސް ފެތުރުން ހުއްޓުވަން ޔޫރަޕް ބަންދުކުރަން ތައްޔާރުވަނީ
  • ވައިރަސް ފެނުނު ގައުމާއި ޓެރިޓަރީގެ އަދަދު 144 އަށް އަރައިފި

ކޮވިޑް-19 ނުވަތަ ނުރައްކާތެރި ކޮރޯނާވައިރަސްއަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދެލައްކައަށްވުރެ މައްޗަށް ހިނގައްޖެއެވެ.

ރަސްމީ ތަފާސްހިސާބުތައް ބުނާގޮތުން، ބުދަ ދުވަހުގެ ނިޔަލަށް މިވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 200،533 އަށް އަރާފައެވެ.

މިއާއެކު، މި ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދުވަނީ 8،165 އަށް އަރާފައެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން ބުނެފައިވަނީ، ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އަށްޑިހަ ހާހަށްވުރެ ގިނަމީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިބަލި މިހާރު ދުނިޔޭގެ 144 ގައުމަކަށާއި، ޓެރިޓަރީއަކަށް ފެތުރިފައި ވާއިރު، ވައިރަސް ފެތުރުން ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން މިއަދުވަނީ ދެކުނު އިރުމަތީ އޭޝިޔާގެ ހައުމުތަކަށް ގޮވާލާފައެވެ.

ދެކުނު އިރުމަތީ އޭޝިޔާއިން އެންމެ ފުރަތަމަ ވައިރަސް ފެނުނު މެލޭޝިޔާގެ ހާލަތު ހައްތަހާ ގޯސްވަމުންދާއިރު، ސަރަހައްދުން އެންމެ ގިނަމީހުންނަށް ބަލި ޖެހިފައިވަނީވެސް މެލޭޝިޔާއިންނެވެ. ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މެލޭޝިޔާ މިހާރުވަނީ ލޮކްޑައުން ކޮށްފައެވެ.

ޑަބްލިޔޫއެޗްއޯގެ ރީޖަނަލް ޑިރެކްޓަރ ޕޫނަމް ޚެތުރަޕަލް ސިންގް ވިދާޅުވީ، ވަރަށް ހަރުކަށި އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން މެނުނީ، ސަރަހައްދުގެ ގައުމުތަކަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ. އަދި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށްވެސް އޭނާވަނީ ގޮވާލައްވާފައެވެ.

ކޮވިޑް-19 މުޅި ޔޫރަޕަށް ފެތުރިފައިވާއިރު، ޔޫރަޕްގައި ބަލީގެ ހާލަތު އެންމެބޮޑު ވެފައިވާ އިޓަލީން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 345 މީހުން މަރުވެފައެވެ. ފަރަންސޭސިވިލާތުންވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އީޔޫއިން މިހާރު ތައްޔާރުވަމުންދަނީ މުޅި ޔޫރަޕް ސަރަހައްދު ބަންދުކުރުމަށް ތައްޔާރުވަމުންނެވެ.

ޖަރުމަނުވިލާތުގައި ވައިރަސް ފެތުރުން ހުއްޓުވަން ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކާއި، ދޭ އިރުޝާދުތަކަށް އާންމުން ބޯނުލަނބާނަމަ އެގައުމުގެ އާބާދީގެ ދިހަވަރަކަށް މިލިއަން މީހުންނަށް ބަލިޖެހުމުގެ ފުރުސަތު ބޮޑުކަމަށް ސަރުކާރުންވަނީ އިންޒާރު ކޮށްފައެވެ.

ޔޫރަޕާ ޖެހިގެން އޮންނަ އެމެރިކާގެ 50 ސްޓޭޓުން ކޮރޯނާވައިރަސް މިހާރު ފެނިފައިވާއިރު، އެމެރިކާގައިވެސް ވައިރަސްދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

އީރާނުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 147 މީހުން މަރުވެ، ކޮވިޑް-19 ބަލީގައި އީރާނުން މަރުވި މީހުންގެ އަދަދުވަނީ 1،135 އަށް އަރާފައެވެ. އީރާނުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ ސަތާރަ ހާހަށްވުރެ މައްޗަށް ގޮސްފައެވެ.