• ޔޫރަޕްގައި ބަލިޖެހޭ ޒުވާނުންގެ އަދަދު އިތުރުވާތީ އިތުރު ކަންބޮޑުވުންތަކެއް
  • އެފްރިކާއިން ފުރަތަމަ މަރު

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަކީ އިންސާނިއްޔަތުގެ ދުޝްމަނެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ސިފަކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން މިކަން މިގޮތަށް ސިފަކޮށްފައި މިވަނީ، ކޮވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު ދެލައްކައަށްވުރެ މައްޗަށް އަރައިގެންގޮސްފައި ވަނިކޮށެވެ.

ޖެނީވާގައި ހުންނަ ޑަބްލިޔޫއެޗްއޯގެ މައި މަރުކަޒުގައި ބޭއްވި ވާޗުއަލް ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ، މިހާރު ފެތުރެމުންމިދާ ކޮރޯނާވައިރަސް އިންސާނުންނަށް އާދަޔާޚިލާފް ބޮޑު ނުރައްކަލަކާ ކުރިމަތިކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، މިއީ އެންމެން އެކަތިގަނޑަކަށްވެ، އިންސާނިއްޔަތުގެ ދުޝްމަނާ ކުރިމަތިލާންޖެހޭ ވަގުތު ކަމަށްވެސް ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ދެލައްކަ އަށްހާހަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިބަލީގައި މަރުވި މީހުންގެ އަދަދުވަނީ އަށްހާސް ހަސަތޭކައަށްވުރެ މައްޗަށް ގޮސްފައެވެ.

ވައިރަސް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން، ސަރަހައްދީ އިންތައް ބަންދުކޮށް، ދަތުރުވެރިން އައުން ހުއްޓުވައި، ރައްޔިތުން ގެތަކަށް ވައްދައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ގެންދާއިރު، ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވީ، ކޮވިޑް-19 އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔެއަށް ކުރިމަތިވާނެ އެންމެ ވަރުގަދަ ގޮންޖެހުން ކަމަށެވެ.

ޔޫރަޕްގައި ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ އިޓަލީން ބަލީގައި މަރުވި މީހުންގެ އަދަދު ތިންހާހާ ގާތްކޮށްފައި ވާއިރު، ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 35،000 އަށްވުރެ މައްޗަށް ގޮސްފައެވެ.

އިޓަލީއާއި ފަރަންސޭސިވިލާތުން ކޮރޯނާވައިރަސްޖެހި ސީރިއަސް ހާލަތަކަށްދާ ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައްވެސް އުފެދިފައި ވެއެވެ.

މިބަލީގެ ޝިކާރައަކަށްވަނީ އުމުރުން ދުވަސްވީ މީހުންކަމަށް ކުރިން ބެލެވުނު ނަމަވެސް، އެއީ ރަނގަޅު ހީއެއް ނޫންކަމަށް، ކޮރޯނާވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާއިން އެކުލަވާލި ޓާސްކްފޯހުގެ ކޮޑިނޭޓަރ ޑެބޯރާ ބިރްޒް ވިދާޅުވިއެވެ.

އަނެއްކޮޅުން، ސަބް ސަހަރަން އެފްރިކާގެ ގައުމަކުން ކޮރޯނާވައިރަސްގައި ފުރަތަމަ ފަހަރަށް މީހަކު މަރުވުމާއެކު، ޑަބްލިޔޫއެޗްއޯއިން މިހާރުވަނީ އެފްރިކާގެ ގައުމުތައް އެންމެ ގޯސް ހާލަތަށް ތައްޔާރުވުމަށް ގޮވާލާފައެވެ. އެފްރިކާގެ ގައުމެއް ކަމަށްވާ ބުރްކިނާ ފާސޯއިން މަރުވެފައިވަނީ ސަރުކާރުގެ އިސް އޮފިޝަލެކެވެ.

"އެފްރިކާގެ ގައުމުތައް މިހާރު ހޭލަންވެއްޖެ"
ޓެޑްރޯސް އަދަނޮމް
ޖެނީވާގައި ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން:

ދުނިޔޭގެ އެހެން ބައްރުތަކާ އަޅާ ބަލާއިރު، ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އެފްރިކާގައި މަދުނަމަވެސް، އެފްރިކާގެ ގިނަ ގައުމުތަކަށް ވައިރަސް މިހާރުދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ދެކުނު އެމެރިކާގެ ގައުމުތަކަށްވެސް ވައިރަސް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާއިރު، ޕޭރޫގެ ރައީސް މިހާރުވަނީ ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު ހިންގުމަށް ނިންމަވައި އެކަން އިޢްލާން ކުރައްވާފައެވެ. ޕޯޗުގަލްއިން ދަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރުމަށް ތައްޔާރުވަމުންނެވެ.

އަނެއްކޮޅުން، މެދުއިރުމަތީގެ ގައުމުތަކުން ވައިރަސްގެ ހާލަތާގުޅޭ އެކަށީގެންވާ މައުލޫމާތު ހިއްސާ ނުކުރާ ކަމަށްބުނެ ޑަބްލިޔޫއެޗްއޯއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، ވައިރަސްގެ ހާލަތާބެހޭ ފުރިހަމަ މައުލޫމާތު ނޭނގި ވައިރަސް ހުއްޓުވުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތް ނުކުރެވޭނޭ ކަމަށެވެ.

ދެކުނު އޭޝިޔާއަށް ބަލާއިރު، ކޮރޯނާވައިރަސްގައި ޕާކިސްތާނުން ފުރަތަމަ ފަހަރަށްވަނީ ދެމީހުން މަރުވެފައެވެ. މިކަން ޕާކިސްތާނު ސަރުކާރުންވަނީ ކަށަވަރުކޮށްދީފައެވެ.