ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއިން ވެސް ފެނި، މިބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ސްކޫލްތަކާއި ޔުނިވާސިޓީ/ކޮލެޖުތަކާއި ތައުލީމުދޭ މަރުކަޒުތައް ވެސް ބަންދުކޮށް، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ހާލަތު ރާއްޖޭގައި އިއުލާންކޮށްފައިވާއިރު، އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށް ތާވަލްކުރި ލޯކަލް ކައުންސިލް އިންތިޚާބު ވެސް ވަނީ އެމަހުގެ 18 އަށް ފަސްކޮށްފައެވެ. އަދި ސިޔާސީ ޕާޓީތަކުން ބާއްވަމުން އައި ކެމްޕޭން ހަރަކާތްތައް ވެސް ވަނީ ހުއްޓާލާފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރައްކާތެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދު ކުރުން ވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

މީގެ އިތުރަށް ސަރުކާރު އޮފީސްތައް މިއަދުން ފެށިގެން ހަފުތާއަކަށް ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ނިންމުމާ އެއްގޮތަށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކަށް ހުއްޓުމެއް ނައިސް ލިބޭގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ އިދާރާތަކަށް އަންގަވާފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކެބިނެޓުގެ މަޝްވަރާއާއެކު ސަރުކާރު ހުއްޓުމަކަށް ނައިސް، ކުރިއަށް ގެންދެވޭނެ އިންތިޒާމު މިނިސްޓްރީން ވަނީ އެންސީއައިޓީއާ ގުޅިގެން ހަމަޖައްސާފައި ކަމަށެވެ. މިއަދުން ފެށިގެން އެއްހަފުތާއަށް ސަރުކާރު ބަންދުވާއިރު ކޮންމެހެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް މިނިސްޓްރީން ވަނީ ހަަމަޖައްސާފައި ކަމަށެވެ. މިކަމަށްޓަކައި ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އަޅުގަނޑުމެންގެ މިނިސްޓްރީގެ އެންސީއައިޓީއާއެކު ނޭޝަނަލް ޓާސްކްފޯހެއް މިވަނީ އެކުލަވާލެވިފައި. ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކުގެ އައިޓީ ބޭފުޅުންނާއެކު އަޅުގަނޑުމެން މިވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި. އެ ބައްދަލުވުމުގެ އަލީގައި އަޅުގަނޑުމެން މިވަނީ ކޮންމެ މިނިސްޓްރީއަކަށް ވެސް މަދުވެގެން ދެ މުވައްޒަފުންނަށް ސަރުކާރުގެ ގަވަރމަންޓް އީލެޓަރ މެނޭޖްމަންޓް ސިސްޓަމް ނުވަތަ ޖެމްސްއަށް ވާސިލްވެވޭނެ ގޮތް ހަމަޖައްސާފައި.
މިނިސްޓަރ މަލީހު

މަލީހު ވިދާޅުވީ ބޭނުމަކީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. މައުލޫމާތުގެ ރައްކާތެރިކަމާއެކު އެ ނިޒާމު ވަނީ ހަމަޖައްސާފައި ކަމަށާއި ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ޓާސްކްފޯހުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެއްވެސް އިދާރާއަކުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ޓާސްކްފޯހުގެ ހޮޓްލައިނަށް ގުޅައިގެން އެކަން ހަމަޖެހޭނެ އިންތިޒާމު ވަނީ ގާއިމުކުރެވިފައި ކަމަށް މަލީހު ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި ފޯނާއި އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތައް މެދުވެރިވެގެން އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ސަރުކާރު ހުއްޓުމަކަށް ނައިސް ކުރިއަށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އެޗުޕީއޭއާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ އެކިއެކި އެލާޓް ލެވަލްއަށް އަމާޒުކުރެވިގެން އަޅުގަނޑުމެން މިވަނީ އެތެރޭގެ އެސްއޯޕީތަކެއް ގާއިމުކޮށްފައި. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ސަރުކާރުގެ ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު މިވަނީ ހަމަޖައްސާފައި.
މުހައްމަދު މަލީހު ޖަމާލް

ސަރުކާރުގެ ހުރިހާ އިދާރާއެއްގައިވާ މައުލޫމާތުގެ ބެކަޕް ނެގުމުގެ މަސައްކަތް އެކިއެކި އޮފީސްތަކުން ކުރިއަށް ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ނެޝަނަލް ޑޭޓާ ސެންޓަރުގެ ޚިދުމަތް ބޭނުންވާ އިދާރާތަކަށް އެ ޚިދުމަތް ވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ. މިއާއެކު ކޮމިއުނިކޭޝަން މިނިސްޓަރުގެ ޚާއްސަ އިލްތިމާސެއް ވެސް ވެއެވެ.

މިބަލިން އަރައިގަނެވޭނެ އެންމެ މުހިންމު ގޮތަކީ ވީހާ އެކަހެރިކޮށް ގޭގައި ތިއްބަވައިގެން، ގިނައިން މީހުން އެއްވާ ތަންތަނަށް ނުދިއުން. އެހެންވީމަ ގޭގައި ތިއްބަވާއިރު އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭ ގިނަ އަދަދަކަށް ފޯނާއި އިންޓަނެޓުގެ ބޭނުންހިފާނެކަން. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ނެޓްވޯކްތައް ބިޒީވެ ވަރަށް ގިނަ ދަތިތައް ތަހަންމަލްކުރަން ޖެހުނު. އެހެންވީމަ ބޭނުންކުރުމުގައި ވެސް ވީހާވެސް ބައްލަވައިގެން ބޭނުންކުރެއްވުމަކީ އަޅުގަނޑު އެދޭ އެދުމެއް.
ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު

މިނިސްޓަރު ވިދާޅުވީ އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާ މަޝްވަރާކޮށް، ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރަމުންދާ ކަމަށެވެ. ނަމަވެސް ކިތަންމެ ތައްޔާރެއް ވިޔަސް އެއްފަހަރާ ގިނަ ބަޔަކު ޚިދުމަތް ބޭނުންކުރާނަމަ ގޮންޖެހުންތަކެއް ހުންނާނެކަން ވެސް ފާހަގަކުރެއްވިއެވެ. އެންމެން ގުޅިގެން މަސައްކަތްކޮށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ސަރުކާރު އޮފީސްތައް ބަންދުކުރީ މޫދަށް ދިއުމާއި ކޮފީތަކަށް ދިއުން ފަދަ ކަންތަކާއި ޗުއްޓީ ދަތުރު ދިއުމަށް ނޫން ކަމަށް ސަރުކާރުން ބުނެއެވެ. ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި މިވަގުތު އެންމެ މުހިންމީ "ސޯޝަލް ޑިސްޓެންސިންގ" ނުވަަތަ އިޖުތިމާއީ ދުރުމިން ހިފެހެއްޓުން ކަމަށް ސިއްހީ މާހިރުން ވެސް ދަނީ ތަކުރާރުކުރަމުންނެވެ. އެހެންކަމުން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުވި ކަމުގައި ވިޔަސް، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް ސަރުކާރުން އިލްތިމާސް ކުރެއެވެ.