މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެތުރެންފެށި ކޮރޯނާވައިރަހާ ގުޅިގެން، ދުނިޔޭގެ އެންމެ މުއްސަނދި ކުންފުނިތަކަށް މީގެ ކުރިން އޮންނަ ޑިމާންޑާއި އެކުންފުނިތަކަށް ލިބެމުންދިޔަ ފައިދާ މިހާރު ލިބެމުން އަންނަނީ ސަރޖިކަލް މާސްކާއި ސެނިޓައިޒާ ވިއްކާ ކުންފުނިތަކަށެވެ. އަދި މިދަތި ދަނޑިވަޅުގައި ގިނަ ބަޔަކު އެންމެ ބޮޑަށް ބޭނުންވެފައި ތިބި މާސްކާއި ސެނިޓައިޒާގެ އަގު ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވަނީ ބޮޑުވެފައެވެ. ދިވެހިރާއްޖޭގައިވެސް ކަން ވަމުން އަންނަނީ ހަމަ މިފަދައިންނެވެ.

ދިވެހިރާއްޖެއިން ކޮރޯނާވައިރަހަށް ޝައްކުކުރެވޭ ފުރަތަމަ މީހާ ފެނުނު ވަގުތުން ފެށިގެން ސަރޖިކަލް މާސްކާއި ސެނިޓައިޒާ ވިއްކާ އަގު އެތައް ގުނައަކުން ވަނީ ބޮޑުކޮށްފައެވެ. ވިޔަފާރިވެރިން ބުނިގޮތުގައި ސަރޖިކަލް މާސްކާއި ސެނިޓައިޒާ ވިއްކާ އަގު މިހާ ބޮޑަށް އުފުލިފައިވަނީ އެމީހުންނަށް ލިބޭ އަގު ބޮޑުވުމާއި، މި ތަކެތިން ކަސްޓަމްސްއިން ނަގަމުން އަންނަ ފީ ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް ކަސްޓަމްސްއިން ނަގަމުން އައި ފީއަކީ މި ތަކެތީގެ އަގު ބޮޑުކުރުމަށް ދެއްކޭނެ ބަހަނާއަކަށް ދެން ނުވާނެއެވެ.

ރާއްޖެއިން ވެސް ކޮރޯނާވައިރަސް ފެނި، ސިއްހީ ކުއްލި ހާލަތު 30 ދުވަހަށް އިއުލާންކޮށްފައިވާއިރު، މި މުއްދަތުގައި ރާއްޖެ އެތެރެކުރާ ސާޖިކަލް މާސްކާއި ސެނިޓައިޒާއިން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީ އަދި ޕްރޮސެސިން ފީ 18 މާޗް އިން ފެށިގެން ކަނޑާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަން ހާމަކޮށް ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވަނީ ގާނޫނު ނަންބަރު 7/2012 އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި، ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރާ މާސްކާއި ސެނިޓައިޒާއިން ނަގަމުން އައި އިމްޕޯޓް ޑިއުޓީއާއި، މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ނަގާ ޕްރޮސެސިން ފީ 18 މާޗުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައާފުކޮށްދެއްވާފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ މާސްކާއި ސެނިޓައިޒާއިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ މައާފުކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލުކުރާނެ އުސޫލުގެ 8 ވަނަ މާއްދާގެ (ހ) އާއި (ރ) ގެ ދަށުން ކަމަށެވެ.

ސާޖިކަލް މާސްކްގެ ޑިއުޓީއަށް ކަސްޓަމްސްއިން ނަގަމުން އައީ 15 ޕަސެންޓެވެ. ސެނިޓައިޒާގެ ޑިއުޓީއަށް ނަގަމުން އައީ 10 ޕަސެންޓެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން މާސްކާއި ސެނިޓައިޒާގެ އަގަށް ދެން އަންނާނެ ބަދަލަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. މި ސުވާލަށް ސީދާ ޖަވާބެއް ދޭން ވިޔަފާރިވެރިންނަށް ވެސް އަދި ދައްޗެވެ. އެގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބޭސްފިހާރަަ ހިންގަމުންދާ ސަރުކާރުގެ ކުންފުނި، އެސްޓީއޯއަށްވެސް މިތަކެތި އާންމުންނަށް ފޯރުކޮށްދެވޭނީ ކޮން އަގެއްގައިކަން ބުނަން އަދި ނޭނގޭ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މާސްކާއި ސެނިޓައިޒާ މިހާރު ގަންގަން ނުލިބޭކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ އެހާ ބޮޑެވެ. ކޮވިޑް-19 ފެތުރެން ފެށުމާއެކު ގިނަ ބަޔަކު މާސްކާއި ސެނިޓައިޒާ ގަނެ ގިނަ ފިހާރަތަކުން އެތަކެތި ހުސްވެ، އަގުވެސް ވަނީ އުފުލިފައެވެ. މިވަގުތު ގިނަ ބޭސްފިހާރަތަކުން މާސްކާއި ސެނިޓައިޒާ ހުސްވެފައިވާ ކަމަށް ބޭސްފިހާރަތަކުން ބުނެއެވެ.

އެސްޓީއޯ ބޭސްފިހާރަތަކުންވެސް މި ތަކެތި މިވަގުތު ނުވިއްކާ ކަމަށް އެސްޓީއޯއިން ވަނީ މައުލޫމާތުދީފައެވެ. މާސްކާއި ސެނިޓައިޒާ އެސްޓިއޯއިން މިވަގުތު ދޫކުރަނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަނި ކަމަށް އެސްޓިއޯއިން ބުނެއެވެ. އަދި އާންމުންނަށް މާސްކާއި ސެނިޓައިޒާ ވިއްކަން ފަށާނީ ކޮން އިރަކުންކަން ބުނަން އަދި ނޭނގޭ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އިގްތިސޯދީގޮތުން މިފަދަ ހީނަރުކަމެއް އައިސްފައިވާ މިފަދަ ދަނޑިވަޅެއްގައި މާސްކާއި ސެނިއިޓައިޒާއިން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލާފައިވާއިރު، ރައްޔިތުން ތިބީ ދެން މިތަކެތި ރާއްޖެ އެތެރެކޮށް ކުޑައަގެއްގައި ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނަމަވެސް ސިއްހީ މާހިރުން ލަފާދެއްވަނީ ބަލިމީހުންނާއި ބަލީގެ އަލާމާތް ހުންނަ މީހުން ފިޔަވައި އެހެން މީހުން މާސްކު ނޭޅުމަށެވެ.