ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުން އެލައިޑް އިންޝުއަރެންސް ކުންފުނީގެ ޚިދުމަތްތައް އޮންލައިންކޮށް ދޭން އެ ކުންފުނިން ނިންމައިފިއެވެ.

އެލައިޑް އިންޝުއަރަންސުން ނެރެފައިވާ ބަޔާނެއްގައި ވަނީ މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިންވެސް ފެނުމުގެ ސަބަބުން އެކުންފުނީގެ މުވައްޒަފުންނާއި ޚިދުމަތް ހޯދާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި 18 މާޗް ވީ ބުދަ ދުވަހުން ފެށިގެން އެ ކުންފުނީގެ ހިދުމަތްދޭ ގޮތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްގެ ޚިދުމަތްތަކަށްވެސް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެލައިޑް އިންޝުއަރަންސުން ވަނީ ބިދޭސީންގެ އިންޝުއަރެންސް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

އެލައިޑުން ބުނީ ބިދޭސީންގެ އިންޝުއަރަންސް ނެގުމަށް އެލައިޑްގެ އޮންލައިން ޕޯރޓަލް myallied.mv އަށް ލޮގިން ވުމުން މި ހިދުމަތް ލިބޭނެކަމަށެވެ.

އަދި މިހާރުވެސް ކުންފުނީގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯރޓަލް މެދުވެރިކޮށް މޮޓޯ އިންޝުއަރަންސް، ޓްރެވެލް އިންޝުއަރަންސް، ކާރގޯ އިންޝުއަރަންސް އަދި ހޯމް ކޮންޓެންޓް ތަކަފުލްގެ ޚިދުމަތް ލިބޭނެކަމަށް އެލައިޑުން ބުނެއެވެ.

މީގެއިތުރުން އޮންލައިންކޮށް ނުލިބޭ އިންޝުއަރަންސް ޕޮލިސީތައް އީމެއިލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެލައިޑުން ބުނެފައިވެއެވެ. އެގޮތުން [email protected]; [email protected] އަށް އީމެއިލް ކުރެއްވުމުން ޕޮލިސީ ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދެވޭނެކަމަށް އެލައިޑުން ބުނެއެވެ.

އަދި އެލައިޑުން ފޯރުވައިދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 ލިބޭނެ ކަމަށްވެސް އެލައިޑުގެ ބަޔަނުގައިވެއެވެ.

މީގެއިތުރުން އެލައިޑުން ވަނީ މިދުވަސްވަރާ ދިމާކޮށް އޮންލައިންކޮށް އަދި އީމެއިލް މެދުވެރިކޮށް އިންޝުއަރެންސް ފައިސާ ހޯދުމަށް ހުށަހެޅުމުގެ އިންތިޒާމްވެސް ހަމަޖެއްސާފައެވެ. އެގޮތުން ހެލްތު އިންޝުއަރަންސް ކަސްޓަމަރުންނަށް މިހާރުވެސް އޮންލައިންކޮށް އެލައިޑްގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯރޓަލް myallied.mv މެދުވެރިކޮށް ކްލެއިމް ހުށައެޅުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

ބޭންކް އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށް ބިލްތަކަށް ފައިސާ ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމްވެސް އެލައިޑުން މިހާރު މިވަނީ ތައާރަފްކޮށްފައެވެ. މި ހާލާތުގައި ބިލްތަކަށް ފައިސާ ދޫކުރުމަށް އެންމެ ރައްކާތެރިގޮތަކީ އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓަށް ފައިސާ ޖަމާކުރުން ކަމުގައި ދެކޭކަމަށް އެލައިޑުން ބުނެއެވެ.

މިގޮތުން ކްލެއިމް އަދި މިނޫންވެސް އިތުރު ބިލްތަކަށް އެލައިޑުން ފައިސާ ދެއްކުމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްގެން ކަމަށް އެލައިޑުން ބުނެފައިވެއެވެ.