ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވުހާން ސިޓީންވެސް އަދި ވުހާން ސިޓީ ހިމެނޭ ހޫބޭ ޕްރޮވިންސުންވެސް ކޮރޯނާވައިރަސްއަށް އަލަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާކަމަށް ޗައިނާ ސަރުކާރުން ހާމަކޮށްފިއެވެ.

ވުހާން ސިޓީއަކީ، ކޮވިޑް-19 ގެ ނަމުން ނަންދެވިފައިވާ ނުރައްކާތެރި ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރޭންފެށި ރަށެވެ. ބަލިޖެހިފައިވާ މީހުންނާއިގެން ވުހާން ސިޓީގެ ހޮސްޕިޓަލްތައް އެއްއިރެއްގައި އޮތީ ތޮއްޖެހިފައެވެ. ބަލިމީހުންނަށް ފަރުވާދިނުމަށް ގާއިމްކުރި ވަގުތީ ހޮސްޕިޓަލްތައްވެސް ފުރިބާރުވެ އެތައްބަޔަކު މަރުވަމުންދިޔަ ރަށެކެވެ.

އެހެން ނަމަވެސް، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވުހާން ސިޓީންވެސް އަދި ހޫބޭ ޕްރޮވިންސުންވެސް އަލަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

މިއީ، ވައިރަސް ފެތުރޭންފެށިފަހުން ހޫބޭ ޕްރޮވިންސުން އެއްވެސް މީހަކު ޕޮޒިޓިވް ނުވާކަމަށް ރެކޯޑްކުރެވުނު ފުރަތަމަ ދުވަސްކަމަށް ހެލްތު ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.

މި ޚަބަރާއެކު، ދުނިޔެއަށް އުންމީދުތަކެއް ލިބިގެން ހިނގައްޖެ ކަމަށް މީޑިއާއިން ރިޕޯޓްކުރަމުން އެބަގެންދެއެވެ.

މިއީ، ވައިރަސް ހުއްޓުވަން ޗައިނާއިން އަޅާފައިވާ ހަރުކަށި އަދި ވަރުގަދަ ފިޔަވަޅުތަކުން ދުނިޔެއަށް ފިލާވަޅެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ބުނަމުން ގެންދެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވުހާން އަދި ހޫބޭއިން އަލަށް މީހަކު ޕޮޒިޓިވްވެފައި ނުވި ނަމަވެސް 8 މީހުން ބަލީގައި މަރުވެފައިވާ ކަމަށެވެ. އަދި ޗައިނާއަށް ބޭރުން އައި 34 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ސީނިއަރ އިންސްޕެކްޓަރ ޖިއާއޯ ޔަހޫއީ ވިދާޅުވީ، އެތައް ދުވަހެއްގެ ބުރަ މަސައްކަތަށްފަހު މިއަދު އިރުއަރާ މަންޒަރު ފެނިއްޖެ ކަމަށެވެ.

ޖިއާއޯ ވިދާޅުވީ، ބަލިޖެހޭ މީހުންގެ އަދަދުތައް މަދުކުރެވުމަކީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމާއި، ފަރުވާދިނުމަށް ޗައިނާއިން ބޭނުންކުރާ މެތަޑް މަސައްކަތްކުރާކަން ހާމަވާ ކަމެއް ކަމަށެވެ.

ޗައިނާގައި ވައިރަސް އެންމެ ފުރަތަމަ ފެތުރޭންފެށި ވުހާ ސިޓީ ޖެނުއަރީމަހުން ފެށިގެން އަދިވެސް އޮތީ ލޮކްޑައުންގައެވެ. ޗައިނާ ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ވުހާން ސިޓީ ހިމެނޭ ހޫބޭ ޕްރޮވިންސްގެ އެތެރޭގައި ދަތުރުކުރުމުގައި އަޅާފައޮތް ދަތިކުރުންތައް އުވާލައި، ޗެކްޕޮއިންޓްތައް ނެގުމަށް ތައްޔާރުވަމުންނެވެ.

ވުހާން ސިޓީއަކީ ހޫބޭ ޕްރޮވިންސްގެ ވެރިރަށެވެ. ވުހާންއަށް މިހާރުވެސް ވަދެ ނުކުމެ ހެދެނީ ވަރަށް ޚާއްސަ ހުއްދައެއް އޮވެގެންނެވެ.

ވުހާންގެ ލޮކްޑައުން އުވާލާނީ ދެ ހަފްތާގެ މުއްދަތަށް ބެލުމަށްފަހު، އެއްވެސް މީހަކު ވައިރަސްއަށް ޕޮޒިޓިވް ނުވާނަމަ ކަމަށް ޗައިނާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 ވައިރަސް ޗައިނާއިން ބޭރުގެ ދުނިޔޭގެ ހުރިހާ ބިތަކަށް ފެތުރިފައިވާއިރު، މިބަލީގައި މިހާތަނަށް 9,234 މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 222,424 އަށްއަރާފައި ވެއެވެ.

ބަލީގައި މަރުވި މީހުންގެ ތެރެއިން 3،249 މީހުންނަކީ ޗައިނާއިން މަރުވި މީހުންނެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 80،928 މީހުންނަކީ ޗައިނާގެ ރައްޔިތުންނެވެ.