• ފިލިޕީންސް އެތައްހާސް ރައްޔިތުން ގައުމުން ބޭރުވަނީ
  • ސްރީލަންކާގެ އާންމު އިންތިޚާބު ފަސްކޮށްފި
  • ގައުމުތަކަށް އެހީވާން ވޯރލްޑް ބޭންކުން 14 ބިލިއަން ޑޮލަރު ކަނޑައަޅައިފި
  • ކުދި ވިޔަފާރިތައް ސަލާމަތްކުރަން ދެކުނު ކޮރެއާއިން 39 ބިލިއަން އެމެރިކާ ޑޮލަރު

ކޮވިޑް-19 ގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޓަލީން 475 މީހުން މަރުވެ، މިބަލީގައި ޗައިނާއިން މަރުވި މީހުންގެ އަދަދާ ގާތަށް އިޓަލީން މަރުވި މީހުންގެ އަދަދު ޖެހިލައިފިއެވެ.

ކޮރޯނާވައިރަސްގައި ޗައިނާއިން މަރުވި ކަމަށް މިހާތަނަށް ރެކޯޑްކުރެވިފައިވަނީ 3،249 މީހުންނެވެ. އިޓަލީން މިހާތަނަށްވަނީ 2،978 މީހުން މަރުވެފައެވެ.

މާޗް 15 ގެ ފަހުން އިޓަލީން އެވްރިޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް 350 މީހުން ދަނީ މަރުވަމުންނެވެ.

އިޓަލީގެ އަބާދީގައި 60 މިލިއަން މީހުން ހިމެނޭއިރު، އެގައުމުގައި ކޮރޯނާވައިރަސްދަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން، އެގައުމުގެ 35 ހާހަށްވުރެ ގިނަމީހުންނަށް ބަލިޖެހިފައި ވެއެވެ.

އިޓަލީން ބަލީގައި މަރުވާ މީހުންގެ ރޭޓަށް ބަލާއިރު، ޗައިނާއިން މަރުވި މީހުންނަށްވުރެ އިޓަލީން މަރުވާ މީހުންގެ އަދަދު އިސާހިތަކު މައްޗަށް އަރައިގެން ހިނގައިދާނޭކަމުގެ ބިރު އުފެދިފައި ވެއެވެ.

އިޓަލީން މީހުން މަރުވާ ރޭޓް މަތިވުމުގެ ސަބަބެއްގެގޮތުގައި އދއާއި އިޓަލީގެ ސިއްހަތާބެހޭ އިދާރާތަކުން ވަރަށް ގިނަ ސަބަބުތައް ދައްކައެވެ. އެގޮތުން، އެއްކަމެއްގެގޮތުގައި ފާހަގަކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީއެވެ.

އިޓަލީއަކީ ޖަޕާން ފިޔަވައި ދުނިޔޭގައި ދެވަނައަށް އެންމެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑު ގައުމެވެ. ކޮރޯނާވައިރަސްގައި އިޓަލީން މަރުވި މީހުންގެ ތެރެއިން %87 އަކީ އުމުރުން 70 އަހަރުން މަތީގެ މީހުންނެވެ.

އިޓަލީގައި އުމުރުން ދުވަސްވީ މީހުން ގިނައިން މަރުވަމުންދަނީ، ބަލިމީހުން ގިނަވެ ސިއްހީ ޚިދުމަތް ދިނުމުގެ ނިޒާމު އެކޮޅުކޮޅުންޖެހި، ބަލިމީހުންނަށް ވަގުތުން އަޅާނުލެވުމުގެ ސަބަބުން ކަމަށް ވެއެވެ.

ފިލިޕީންސްގެ އެތައްހާސް ރައްޔިތުން ގައުމުން ބޭރުވަނީ:

މުޅި ފިލިޕީންސް ލޮކްޑައުންއަކަށް ދާންއުޅޭތީ އެގައުމުގެ އެތައްހާސް ރައްޔިތުން ގައުމުން ބޭރުވާން މަސައްކަތް ކުރަމުން އެބަގެންދެއެވެ. ފިލިޕީންސް ލޮކްޑައުން ކުރަނީ މަސްދުވަހަށްކަމަށް ވެއެވެ.

މިކަމާހެދި، ފުރަންދާ މީހުންނާއިގެން އެގައުމުގެ މައި އެއަރޕޯޓް މިހާރުއޮތީ ތޮއްޖެހިފައެވެ. މެނީލާގެ ނިނޯއި އަކީނޯ އިންޓަރނޭޝަނަލް އއަރޕޯޓަށް ފުރަންގޮސް ތިބި މީހުންގެ ތެރޭގައި ފިލިޕީންސްގެ ރައްޔިތުންނާއި ބޭރު ގައުމުތަކުގެ މީހުންވެސް ހިމެނޭ ކަމަށް ވެއެވެ.

ފިލިޕީންސުން މިހާތަނަށް 217 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި 17 މީހުން މަރުވެފައި ވެއެވެ.

އިންޓަރނޭޝަނަލް ކޮމާޝަލް ފްލައިޓްތައް އިންޑިއާއިން ހުއްޓުވުން:

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން، ޝެޑިއުލް އިންޓަރނޭޝަނަލް ކޮމާޝަލް ފަސިންޖަރ ފްލައިތައް އިންޑިއާގައި ޖެއްސުން މާޗް 22 އިން ފެށިގެން އެއް ހަފްތާއަށް މަނާކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމައި އެކަން އިޢްލާންކޮށްފިއެވެ.

އިންޑިއާއިން މިހާތަނަށްވެސް ވަނީ، ބޭރުން އަންނަ އެތައް ބަޔަކަށް ވިސާދިނުން ހުއްޓާލާފައެވެ.

ކުދި ވިޔަފާރިތަކަށް ދެކުނު ކޮރެއާއިން 39 ބިލިއަން އެމެރިކާ ޑޮލަރު:

ކުދި ވިޔަފާރިތައް ސަލާމަތްކުރުމަށާއި، އިގްތިސާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން 50 ޓްރިލިއަން ވޮން ނުވަތަ 39 ބިލިއަން އެމެރިކާ ޑޮލަރުގެ އިމަޖެންސީ ފަންޑެއް ގާއިމްކުރައްވައިފިއެވެ. ދެކުނު ކޮރެއާއަކީ އޭޝިޔާގެ ހަތަރުވަނައަށް އެންމެބޮޑު އިގްތިސާދެވެ. އެހެންވެ، އިގްތިސާދު ސަލާމަތްކުރުމަށްޓަކައި ދެކުނު ކޮރެއާގެ ސަރުކާރުން ގެންދަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން، އިންޓަރެސްޓް ރޭޓް ކުޑަކުރުމާއި، 11.7 ޓްރިލިއަން ވޮން ނުވަތަ 9.12 ބިލިއަން އެމެރިކާ ޑޮލަރުގެ ކޮންޓިންޖެންސީ ބަޖެޓެއް އެކަށައެޅުއްވުމާއި، ޑޮލަރު ސަޕްލައި އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ކުދި ވިޔަފާރިތައް ސަލާމަތްކުރުމަށް ސަރުކާރުން ލޯނު ގެރެންޓީ ދިނުމަށްވެސް ރައީސް މޫންވަނީ ނިންމަވާފައެވެ.

ސްރީލަންކާގެ އާންމު އިންތިޚާބު ފަސްކުރުން:

އޭޕްރީލް 25 ގައި ބޭއްވުމަށް ތާވަލް ކޮށްފައިވާ ސްރީލަންކާގެ އާންމު އިންތިޚާބު އެ ތާރީޚްގައި ނުބާއްވާނޭ ކަމަށް، ސްރީލަންކާ އިލެކްޝަންސް ކޮމިޝަންގެ ޗެއަރމަން މަހިންދަ ދެޝަޕްރިޔާވަނީ ހާމަކުރައްވާފައެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން ސްރީލަންކާ ސަރުކާރުން މިހާރުވަނީ އެގައުމަށް ބޭރުން މަތިންދާ ބޯޓްތައް އައުން ދެ ހަފްތާއަށް ހުއްޓުވާފައެވެ. އަދި ވައިރަސް ބޮޑަށް ފެތުރެމުންދާ ސަރަހައްދުތަކުގައިވަނީ ކާފިއު އިޢްލާން ކޮށްފައެވެ. ސްރީލަންކާއިން ފަންސާހަކަށްމީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ.

ފަލަސްތީނުގެ ގައިދީންތަކެއް ޕޮޒިޓިވްވުން:

އިސްރާއީލުގެ ޖަލެއްގައި ތިބި ފަލަސްތީނުގެ ގައިދީންގެ ތެރެއިން 4 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައި ވާކަމަށް އިސްރާއީލާއި، ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އިސްރާއީލުގެ މެގިޑޫ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހަތަރުމީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގައުމުތަކަށް އެހީވާން ވޯރލްޑް ބޭންކުން 14 ބިލިއަން ޑޮލަރުގެ ޕެކޭޖެއް:

ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔޭގެ ވިޔަފާރިތަކަށާއި، އިގްތިސާދުތަކަށް އަންނަމުންދާ ލޮޅުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަށް ވޯރލްޑް ބޭންކުން ކަނޑައެޅި އެހީގެ ޕެކޭޖް 14 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފިއެވެ. މިކަން ހާމަކުރީ ވޯރލްޑް ބޭންކުން ކުރި ޓްވީޓެއްގައެވެ.

ޓެސްޓްކުރުން ފުޅާކުރުމަށް އިންޑޮނޭޝިޔާގެ ރައީސް ގޮވާލެއްވުން:

ކޮރޯނާވައިރަސްއަށް ޓެސްޓްކުރުން ވީހާވެސް އަވަހަކަށް ފުޅާކުރުމަށް އިންޑޮނޭޝިޔާގެ ރައީސް ޖޮކޮ ވިޑޯޑޯ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފިއެވެ. ޖޮކޮވީ ވަނީ، ޓެސްޓް ކިޑްތައް އިތުރަށް ހޯދައި، ޓެސްޓްކުރާ ސެންޓަރުތައްވެސް އިތުރުކުރުމަށް ގޮވާލައްވާފައެވެ. އަދި މި މަސައްކަތުގައި އިތުރު ހޮސްޕިޓަލްތައްވެސް ބައިވެރިކުރުމަށް ގޮވާލައްވާފައި ވެއެވެ.

އިންޑޮނޭޝިޔާއިން މިހާތަނަށް 227 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ.